about 1 hour 0
about 1 hour 0
ދޯހާ، ގަތަރު (މާޗް 13) - ޕީއެސްޖީ އާއި ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން (އީސީއޭ)ގެ ރައީސް، ގަތަރުގެ ނާސިރު އަލް ހެލައިފީ، މިހާރު އެެމެރިކާ އާއި އިޒްރޭލުން އިސްވެ، އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ހެދި ދަތުރުނުކޮށް ގަތަރުގައި މަޑުކޮށްގެން ހުންނަން ޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ފެބްރުއަރީ 28، ގައި އެމެރިކާ އާއި އިޒްރޭލުން ފެށި ހަނގުރާމަ ދިގުލައި ގޮސްފައިވާއިރު، ދުނިޔޭގެ ދަތުރުފަތުރުގެ ކަންކަމަށް ވަނީ ބުރޫ އަރައިފަ އެވެ. އެ ގޮތުން، މެދުއިރުމަތީގެ ގައުމުތަކުގެ އިސް ފަރާތްތަކުން ދަތުރުކުރުމުގައި، ސަމާލުވާން ޖެހޭ ކަންކަމަށް ބަަލައި، ސެކިއުރިޓީ ސަބަބުތަކަށްޓަކައި، އެކި ފަރާތްތަކުން ދަތުރުކުރުން ވަނީ މަޑުޖައްސާލައިފަ އެވެ.
އެ ގޮތުން، ގަތަރު ސަރުކާރުގެ މިިނިސްޓަރު/އެޑްވައިޒަރު ފެންވަރުގައި ހުންނެވި، އަލް ހެލައިފީ، އަށް މި ހަފްތާގައި ޕީއެސްޖީން ޗެމްޕިއަންސް ލީގުގައި ޗެލްސީ ބަލިކުރި މެޗަށް ވެސް ފްރާންސްގެ ޕެރިހަށް ދަތުރުކުރެވޭ ގޮތް ނުވި ކަމަށް ފްރާންސްގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި، އޭގެ ފަހުން، ގަތަރުގެ މީޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަފްތާ އަކު މަދުވެގެން ޕެރިހާއި ދޯހާއާ މެދު، ތިން ދަތުރުކުރައްވަމުން އައި އަލް ހެލައިފީ، މި ހަނގުރާމަ ފެށި ފަހުން، ދޯހާގައި މަޑުކޮށްގެން ހުންނެވި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ކުރިން ޓެނިސް ކުޅުއްވި އަލް ހެލައިފީ އަކީ، ގަތަރު ސްޕޯޓްސް އިންވެސްޓްމަންޓާއި މަޝްހޫރު ކުޅިވަރު މީޑިއާ، ބީން ސްޕޯޓްސް ހިންގާ ގްރޫޕްގެ ޗެއާމަނެވެ. ގަތަރު ޓެނިސް ފެޑެރޭޝަންގެ ރައީސްކަން ކުރައްވަމުން އަންނަ އަލް ހެލައިފީ އަކީ އޭޝިއަން ޓެނިސް ފެޑެރޭޝަންގެ ވެސްޓް އޭޝިއާގެ ނައިބު ރައީސް ވެސް މެ އެވެ.
ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާގެ ހިންގާ ކޮމިޓީގެ މެމްބަރުކަން 2019 ވަނަ އަހަރުން ފެށިގެން ފުރުއްވަމުން އަންނަ އަލް ހެލައިފީ ވަނީ މިދިޔަ އަހަރު ފީފާގެ ކައުންސިލްގެ މަންދޫބަކަށް މިދިޔަ އަހަރު އައްޔަނުކޮށްފަ އެވެ.
އިކޮނޮމިކްސް އިން މާސްޓާ ޑިގްރީ ހާސިލްކުރައްވާފައިވާ އަލް ހެލައިފީ އަކީ ގަތަރުގެ ޝާހީ އާއިލާގެ އަރިސް ބޭފުޅެކެވެ. އަދި، މި ވަގުތު ދުނިޔޭގެ ކުޅިވަރުގައި އެންމެ ނުފޫޒު ގަދަ އެއް ފަރާތް ވެސް މެ އެވެ.
Comment