Advertisement

ސަރުކާރު އޮތީ "ބުއްދި ފިލާފައިވާ" ހާލަތެއްގައި، މިއީ ގައުމީ މުސީބާތެއް: އާޒިމް

ރައީސް މުހައްމަދު މުއިއްޒު ފެބްރުއަރީ 5، 2026 ގައި ރައްޔިތުންގެ މަޖިލީހުގައި. -- ފޮޓޯ: ރައީސް އޮފީސް


ސަރުކާރު އޮތީ "ބުއްދި ފިލާފައިވާ" ހާލަތެއްގައި، މިއީ ގައުމީ މުސީބާތެއް: އާޒިމް

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހާލަތަކީ އަމިއްލަ ސިކުނޑީގެ މައްޗަށް ބާރު ނުހިންގޭ، "މޮޔަވެފައިވާ" ބައެއްގެ ހާލަތު ކަމަށް ސިފަކުރައްވައި، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އޭޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އެމްޑީޕީގެ ކެމްޕޭން ފެށުމަށް މިރޭ ބޭއްވި ޖަލްސާގައި އާޒިމް ވިދާޅުވީ، އިންސާނާއަށް އޭނާގެ އަމިއްލަ ސިކުނޑީގެ މައްޗަށް ބާރު ނުހިންގޭނަމަ ކުރެވޭނުކުރެވޭ ކަމެއް ނޭނގި އަތުންފައިން ގޯސް ހެދޭނެ ކަމަށާއި، މިއަދުގެ ސަރުކާރުން ފެންނަނީ އެފަދަ ހާލަތެއް ކަމަށެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ސަރުކާރަށް އެއްވެސް ގޮނޑިއެއް ނުދިނުމަށް ގޮވާލައްވަމުން އާޒިމް ވިދާޅުވީ، ގައުމު މިހާރު އޮތް "މުސީބާތުން" ސަލާމަތް ކުރެވޭނީ އެމްޑީޕީއަށް ވޯޓު ދީގެން ކަމަށެވެ.

އާޒިމް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ހިމެނޭ ބައެއް ކަންކަމަށް އިޝާރާތް ކުރައްވައި، އެއީ އެއްވެސް ނިޔަތެއް ނެތް، ހަމައެކަނި އަޑުގަދަކުރުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ވަކިން ހާއްސަކޮށް 2030 ގައި 10 ރިސޯޓު ހުޅުވައި، ރައްޔިތުންގެ އެކައުންޓަށް ޑޮލަރު ވަންނާނެ ކަމަށް ބުނާ ބުނުމަކީ ހަގީގަތާ ހިލާފު އެކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ބޯހިޔާވަހިކަމުގެ ހައްގު މި ސަރުކާރުން "ކޮރަޕްޓް" ކުރަމުންދާ ކަމަށް އާޒިމް ތުހުމަތު ކުރެއްވިއެވެ. މާލޭގެ ބިންތައް އުސޫލުން ބޭރުން ކުއްޔަށް ދީ، ސިޔާސީ މީހުންނަށް ބޮޑެތި މުސާރަ ދެމުންދާއިރު، އާދައިގެ ސިވިލް ސާވިސް މުވައްޒަފުން ތިބީ ވަރަށް ނިކަމެތި ހާލުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

10 ފޫޓު 10 ފޫޓުގެ ކޮޓަރީގައި ހަތަރު ދަރިންނާއެކު ދެމަފިރިން ނިދާ މަންޒަރު ދޮރުން ދޮރަށް ހިނގި ކެމްޕޭނުގައި ފެނިފައިވާ ކަމަށާއި "މިއީ މިއަދު މާލޭގެ ހާލަތު" ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ތަރައްގީއަށްޓަކައި ސަރުކާރަށް އާދޭސް ކުރަންޖެހޭ ނިޒާމެއް އޮވެގެން ނުވާނެ ކަމަށާއި، ލާމަރުކަޒީ ނިޒާމުގެ އަސްލު ބޭނުމަކީ ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުން ކަމަށެވެ.