about 2 hours 0
ލީވާން އަލީ ނާސިރު
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޣަފޫރު: ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ޕީއެންސީއަށް ދީފިނަމަ އެ ކައުންސިލްތައް ބޭނުންކޮށްގެން ރާއްޖޭގެ ހުރިހާ ކައުންސިލެއް ސަރުކާރުން އުވާލާނެ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އެމްޑީޕީ
about 2 hours 0
އަންނަ އެޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕީއެންސީއަށް ދީފިއްޔާ ކައުންސިލްތައް ބޭނުންކޮށްގެން ހުރިހާ ކައުންސިލެއް އުވާލާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ (ގަޕޯ) މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ޣަފޫރު ވިދާޅުވީ މި ސަރުކާރަށް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ސުޕަ މެޖޯރިޓީ ދިން އުސޫލުން ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ދީފިނަމަ ރާއްޖޭގެ ހުރިހާ ކައުންސިލެއް އުވާލާނެކަން ޔަގީންވާ ކަމަށެވެ.
"ކުރަން މިއުޅެނީ ކޮން ކަމެއްތޯ. މި ކައުންސިލްތައް މި ސަރުކާރަށް ދީފިއްޔާ އެބޭފުޅުން ބޭނުންކޮށްގެން ހުރިހާ ކައުންސިލެއް އުވާލާނީ. އެ ނޫން އެހެން ކަމެއް މި ބޭފުޅުން ނުކުރާނެ. ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ ދިނީމާ ލާމަރުކަޒީ ގާނޫނު ފުނޑާލީ،" ޣަފޫރު ވިދާޅުވި އެވެ.
"އެއީ މި ބޭފުޅުންނަކީ. އެހެންވީމަ މި ބޭފުޅުންނަށް ކައުންސިލްގެ މެޖޯރިޓީ ދީފިއްޔާ ރާއްޖޭގެ ހުރިހާ ކައުންސިލެއް އެބޭފުޅުން ލައްވާ މި ބޭފުޅުން އުވާލާނެ. އެއީ އަޅުގަނޑުމެންނަށް މިއަދު ޔަގީންވާ ކަމަކީ."
މި ސަރުކާރަށް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ދީފިނަމަ ކުރިއަށް އޮތްތަނުގައި އިންތިހާބެއްގައި ލާ ވޯޓެއްގެ ފާހަނގަވެސް ނުފެންނާނެ ކަމަށާއި މި ގައުމުގައި ވޯޓުލުމުގެ ހައްގު އެހިސާބުން ގެއްލޭނެ ކަމަށް ޣަފޫރު ވިދާޅުވި އެވެ.
"އަނެއްކަމަކީ މި ސަރުކާރަށް އަޅުގަނޑުމެން ކައުންސިލްތައް ދީފިއްޔާ ދެން އަޅުގަނޑުމެން ލާ ވޯޓެއްގައި ލާ ފާހަނގައެއް އަޅުގަނޑުމެންނަކަށް ނުފެންނާނެ. މިއީ އަޅުގަނޑުމެންނަށް ވޯޓުލާން ލިބޭ އެންމެ ފަހު ފާހަނގަ. މި ފާހަނގަ އަޅުގަނޑުމެން މި ސަރުކާރަށް އާނއެކޭ ބުނެފިއްޔާ ވަލްހަދުލިއްﷲ. މި ގައުމުން ވޯޓުލުމުގެ ހުރިހާ ކަމެއް އެ ދިޔައީ. އެގޮތަކަށް ދޫކޮށްގެނެއް ނުވާނެ،" ޣަފޫރު ވިދާޅުވި އެވެ.
މީގެއިތުރުން ޣަފޫރު ވިދާޅުވީ މި ގައުމަށް ޑިމޮކްރަސީ ގެނައުމަށް އެންމެ ބޮޑު ގުރުބާނީއެއްވީ އެމްޑީޕީން ކަމަށާއި ޕީޕީއެމް އާއި ޕީއެންސީގެ ފިކުރުގެ ބޭފުޅުން ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް އެންމެ ދަލެއް ވެސް އޮހޮރުވާފައި ނުވާ ކަމަށެވެ.
ޕީއެންސީއަށް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ދީފިނަމަ ރާއްޖޭގެ ހުރިހާ ކައުންސިލެއް ސަރުކާރުން އުވާލާނެ ކަމަށް ޣަފޫރު ވިދާޅުވެފައިވާއިރު، މި ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލިސް ބޭނުންކޮށްގެން ކުރިއަށް އޮތް އިންތިހާބާ ދިމާކޮށް އަތޮޅު ކައުންސިލްތައް ވެސް އުވާލާފަ އެވެ.
Comment