about 2 hours 0
އަމަން ހަލީމް
ރައީސް މުއިއްޒު ރާއްޖެ-ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ބައިވެރިވެވަޑައިގަންނަވަނީ: މުއިއްޒު ވަނީ ކުރު މުއްދަތުގެ އިންވެސްޓުތަކުގެ ބަދަލުގައި ދިގުމުއްދަތުގެ ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް ކުރަން ގޮވާލައްވާފައި --- ފޮޓޯ: ރައީސް އޮފީސް
about 2 hours 0
ރާއްޖޭން ބޭނުން ވަނީ އަވަހަށް ފައިސާތަކެއް ދޭނެ އިންވެސްޓަރުންތަކެއްގެ ބަދަލުގައި، ބިނާކުރަނިވި ގޮތެއްގައި ޝާމިލުވެ، ޒިންމާދާރުކަމާއެކީ އިންވެސްޓްކޮށް، ދެމިއޮންނަ ހައްލުތަކަށް އިންވެސްޓުކުރާނެ ބަޔެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޖަރުމަނަށް ކުރެއްވި ދަތުރުގެ ތެރެއިން އެ ގައުމުގެ ވިޔަފާރިވެރިންނާއެކީ ބޭއްވި "މޯލްޑިވްސް-ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލް" ގައި ވާހަކަ ދައްކަވަމުން، މުއިއްޒު މިހެން ވިދާޅުވީ ރާއްޖޭގައި ހުރި އިންވެސްޓުމަންޓު ފުރުސަތުތަކާއި އިގުތިސޯދީ ލަނޑުދަނޑިތައް ހިއްސާކުރައްވަމުންވެ.
މުއިއްޒުގެ ވާހަކަ ފައްޓަވަމުން އެމަނިކުފާނު ވިދާޅުވީ އަދުގެ ދުނިޔޭގެ މާހައުލަކީ އެއްވެސް ހާލެއްގައި ފަސޭހަ މާހައުލެއް ނޫން ކަމަށެވެ. އެ ގޮތުން އިގުތިސޯދުތަކުން ފެންނަނީ އެއް ބަޔަކު އަނެއް ބަޔަކާ ގުޅިފައިވާ ފިއްތުންތަކެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މިހެން ހުރި ޕްރެޝަރުތަކުގެ ތެރޭގައި މޫސުމީ ބަދަލުގެ ނުރައްކަލާއި، އިގުތިސޯދީ ޔަގީންކަން ނެތުމާއި، ޑިމޮގްރަފިކް ބަދަލުތަކާއި، ޓެކްނޮލޮޖީގެ ހަލުވި ބަދަލުތައް މުއިއްޒު ނަންގެންނެވި އެވެ. އަދި، އަދުގެ ހާލަތު ގިނަ މީހުން ސިފަކުރަނީ "ޕޮލިކްރައިސިސް" އެއްގެ ގޮތުގައި ކަމަށް ފާހަކުރައްވަމުން އެމަނިކުފާނު މި ހަގީގަތާ އެއްގޮތަށް ބަދަލުވާން، އެންމެނަށް މަޖުބޫރުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
"ރާއްޖެ ފަދަ ގައުމުތަކަށް، މި ޕްރެޝަރުތަކަކީ ހިޔާލެއް ނޫން. އެއީ ހަމަ މިހާރު ވެސް ހިނގަމުންދާ، އަސްލު ކަންކަން. އެކަމަކު، މި ކަންކަމާ ހުރެ އަހަރުމެންނަށް ތަފާތު ގޮތަކަށް ވިސްނައި، އީޖާދުކުރުމަށާއި، އެޑެޕްޓުވުމަށާއި، ދެކޮޅުޖެހޭ، ސްކޭލް ކުރެވޭ އަދި، ދިގުދެމިގެންދާ ހައްލުތައް ހޯދަން މަޖުބޫރުކުރުވާ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ 2040 ގެ ތަސައްވުރުގެ ފަހަތުގައިވާ ރޫހަކީ މިއީ ކަމަށެވެ. މި ތަސައްވުރަކީ މި ތާރީހުގެ ކުރިން ތަރައްގީވެފައިވާ ގައުމުތަކުގެ ގިންތީގެ އާމްދަނީ ލިބޭ ގައުމަކަށް ރާއްޖެ ތަރައްގީކުރަން މި ސަރުކާރުން ގެންގުޅޭ ތަސައްވުރެވެ.
މުއިއްޒު ވިދާޅުވީ މި ތަސައްވުރަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުން ކަށަވަރުވާ ގޮތަށް އިގުތިސޯދު ހަރުދަނާކޮށް، މުއައްސަސާތައް ޒަމާނީކޮށް، ތިމާވެށި ހިމާޔަތްކޮށް، ރައްޔިތުންގެ ދުވަހުގެ ދިރިއުޅުން ރަނގަޅުވާނެކަން ކަށަވަރުކުރުމުގެ ވައުދެއް ކަމަށެވެ. މި ސަަރުކާރުގެ ދެ އަހަރުގެ ތެރޭގައި އަމާޒު ހުރީ، މި ތަސައްވުރު ހަގީގަތަކަށް ހަދަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ކްރިޓިކަލް އިންފްރާސްޓްރަކްޗަރު އަޕްގްރޭޑްކުރުމާއި އެއާޕޯޓުގެ ކެޕޭސިޓީ ފުޅާކުރުމާއި، ދެމެހެއްޓެނިވި އާބަން ޑިވެލޮޕްމަންޓް ކުރިއެރުވުގެ އިތުރުން މާލީ ނިޒާމު ޒަމާނީކޮށް، ބޭރު ފައިސާ ލިބޭނެ މަގު ފަސޭހަކޮށް، އާންމު ހިދުމަތްތައް ޑިޖިޓަލައިޒް ކުރުން މުއިއްޒު ފާހަގަކުރެއްވި އެވެ. އަދި، މި ބަދަލުތަކުގެ ނަތީޖާ މިހާރު ވެސް ފެންމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މުއިއްޒު ވަނީ ރާއްޖޭގައި ޓޫރިޒަމްގެ ދާއިރާއިންނާއި ހަކަތައިގެ ދާއިރާއިންނާއި ސިއްހަތުގެ ދާއިރާގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރިވުމަށް މިހާރު ކުރަމުންދާ ކަންކަމާއި ކުރިއަށް ރާވާފައި ހުރި ކަންކަން ފާހަގަކުރައްވާފަ އެވެ. އަދި، ރާއްޖެ ދެން އޮތް ހަރުފަތަށް ދާން ބޭރުގެ އިންވެސްޓުމަންޓްތަކާއި ފަންނީ ތަޖުރިބާ ޒަރޫރީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަހަރަމެން މި ހޯދަނީ ބިނާކުރަނިވި ގޮތެއްގައި ޝާމިލްވެ، ޒިންމާދާރުކަމާއެކު އިންވެސްޓްކޮށް، ދެމިއޮންނަ ހައްލުތަކަށް ކޮންޓްރިބިއުޓް ކުރަން ތައްޔާރަށް ތިބި ޕާޓްނަރުން." މުއިއްޒު ވިދާޅުވި އެވެ.
ޖަރުމަނަކީ، މުއިއްޒު ވިދާޅުވި ގޮތުގައި، އިންޖިނިއަރިން، ސިސްޓަމްސް ޑިޒައިން، ސަސްޓެއިނަބިލިޓީ، އަދި ހުނަރު ތަރައްގީކުރުމުގެ ދާއިރާއިން ވަރުގަދަ ބަޔެކެވެ. އަދި ޖަރަމަނުގެ ވިޔަފާރިތަކުން ރާއްޖޭގައި އިންވެސްޓުކުރަން ދައުވަތު އަރުވަމުން އެމަނިކުފާނު ވަނީ ރާއްޖެއަކީ ހަމައެކަނި މަންޒިލެއްގެ ގޮތުގައި ނުދެކި، ދިގު މުއްދަތުގެ އިންވެސްޓްމަންޓްތައް ކުރަން އެދިވަޑައިގެންފަ އެވެ.
ޖަރުމަނުގައި ބޭއްވި ވިޔަފާރި ރައުންޑްޓޭބަލްގައި އެ ގައުމުގެ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީސްގެ މެންބަރުންނާއި ބައެއް ވިޔަފާރިވެރިން ބައިވެރިވީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
Comment