ލަންޑަން (ފެބްރުއަރީ 12) - އިނގިރޭސި ޕްރިމިއާ ލީގުގެ ނޮޓިންހަމް ފޮރެސްޓުން މި ސީޒަނުގައި ހަމަޖެއްސި ތިން ވަނަ ކޯޗު ޝޯން ޑައިޝް ވެސް މަގާމުން ވަކިކޮށްފި އެވެ.
ފޮރެސްޓުން މި ސީޒަން ފެށީ މިދިޔަ އަހަރު ވެސް ޓީމުގައި ހުރި ޕޯޗުގީސް ކޯޗު، ނޫނޯ އެސްޕިރީޓޯ ސަންޓޯގެ ކޯޗުކަމުގަ އެވެ.
މި ސީޒަން ފަށައިގެން ތިން މެޗަށް ފަހު، ނޫނޯ ވަކިކުރިއިރު، އޭނާގެ ބަދަލުގައި ގެނައި، އަންޖް ޕޮސްޓެކޮގްލޫ އަށް 2027 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް ކޮންޓްރެކްޓް ދިން ނަމަވެސް، 39 ދުވަސް ތެރޭ އޭނާ ވަކިކުރި އެވެ.
ޕޮސްޓެކޮގްލޫ ވަކިކޮށް މިދިޔަ އޮކްޓޫބަރު މަހު، ފޮރެސްޓުން، އެވަޓަން އާއި ބާންލީގެ ކުރީގެ ކޯޗު ޑައިޝް ގެނައިއިރު، 114 ދުވަހަށް ފަހު، އޭނާ ވެސް ވަނީ އެ ޓީމުގެ ކޯޗުކަމުން ވަކިކޮށްފަ އެވެ. ޑައިޝް ވެސް، ޕޮސްޓެކޮގްލޫ އެކޭ އެއްގޮތަށް ސޮއިކުރީ އަންނަ އަހަރުގެ ޖޫންގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއްގަ އެވެ.
އެކަމަކު، ރޭ ފޮރެސްޓުން އަމިއްލަ ދަނޑުގައި ލީގުގެ ފުލުގައި އޮތް ވުލްވްސްއާ ލަނޑެއް ނުޖެހި އެއްވަރުވި މެޗަށް ފަހު، ފޮރެސްޓުގެ މެނޭޖްމަންޓުން ވަނީ ޑައިޝް ވަކިކުރަން ނިންމައިފަ އެވެ.
ފޮރެސްޓުން އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ޓީމު ވެގެންދާނީ އެއް ސީޒަނެއްގައި ދާއިމީ ކޮންޓްރެކްޓެއްގައި ހަތަރު ކޯޗެއް ހަމަޖައްސާ ފުރަތަމަ ކްލަބަށެެވެ.
މި ވަގުތު ލީގުގެ ތާވަލަށް ބަލާއިރު، ފޮރެސްޓް އޮތީ ރެލިގޭޝަން ޒޯނަށް ވުރެން ތިން ޕޮއިންޓް ކުރީގަ އެވެ.
Comment