Advertisement

ޓޮޓެންހަމްގެ ކޯޗުކަމުން އަށް މަސް ތެރޭ ފްރޭންކް ވަކިކޮށްފި

about 2 hours 0


ޓޮޓެންހަމްގެ ކޯޗުކަމުން އަށް މަސް ތެރޭ ފްރޭންކް ވަކިކޮށްފި

about 2 hours 0

ލަންޑަން (ފެބްރުއަރީ 11) - ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުގެ މަގާމުން އަށް މަސް ތެރޭގައި ތޯމަސް ފްރޭންކް ވަކިކޮށްފި އެވެ.

ޓޮޓެންހަމް އަށް އިނގިރޭސި ޕްރިމިއާ ލީގުގައި މި އަހަރު އަދި މޮޅެއް ލިބިފައިނުވެ އެވެ. އެއީ، ލީގުގައި އެ ޓީމުން އެންމެ ފަހުން ކުޅުނު އަށް މެޗުގަ އެވެ. ޓޮޓެންހަމް އިން އެންމެ ފަހުން، މޮޅެއް ނުލިބި މި އަދަދަށް މެޗުތައް ފުރިހަމަކުރީ 2008 ވަނަ އަހަރު އެވެ.

ބްރެންޓްފޯޑްގެ ކުރީގެ ކޯޗު ފްރޭންކްގެ ކޯޗުކަމުގައި ޓޮޓެންހަމް އިން އެންމެ ފަހުން ކުޅުނު 17 ލީގު މެޗުން މޮޅުވީ ދެ މެޗުންނެވެ. އަދި، އެ މުއްދަތުގައި ހޯދުނީ 12 ޕޮއިންޓެވެ. މިއާ އެކު، އެ ކްލަބު ވަނީ ލީގުގެ ރެލިގޭޝަން ޒޯނާ ދިމާލަށް ސޮއްސާލައިފަ އެވެ. މި ވަގުތު ލީގުގެ 16 ވަނައިގައި އޮތް ޓޮޓެންހަމާއި ރެލިގޭޝަން ޒޯނާ ދެމެދު އޮތީ ފަސް ޕޮއިންޓުގެ ފަރަގެކެވެ.

މެންޗެސްޓާ ޔުނައިޓެޑް އަތުން 1-0 އިން މޮޅުވެ، ޔޫރޮޕާ ލީގު ޓޮޓެންހަމް އަށް ހޯދައިދީ، 17 އަހަރު ވަންދެން އެ ޓީމުން ތަށްޓަކަށް ކުރި އިންތިޒާރަށް ނިމުން ގެނެސްދިން ކޯޗު، އޮސްޓްރޭލިއާގެ އަންޖް ޕޮސްޓެކޮގްލޫ، އެ ކާމިޔާބީ ހޯދިތާ 16 ދުވަސް ފަހުން ޓޮޓެންހަމް އިިން ވަކިކުރީ މިދިޔަ ޖޫން މަހު އެވެ. އަދި، ފްރޭންކް، އެ ޓީމުގެ ކޯޗަކަށް ގެނައީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއްގަ އެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ އަށް ޓީމުގެ ތެރޭގައި ޓޮޓެންހަމް އޮތް ނަމަވެސް އިނގިރޭސި ޕްރިމިއާ ލީގާއި ޑޮމެސްޓިކް މުބާރާތްތަކުގައި އެ ޓީމުގެ ރެކޯޑް އިންތިހާ އަށް ދަށްވުމުން ޓޮޓެންހަމްގެ ބޯޑުން ނިންމީ ފްރޭންކް ވަކިކުރުމަށެވެ.

ރިޕޯޓްތައް ބުނާގޮތުން، ޓޮޓެންހަމްގެ ކޯޗަކަށް ގެންނަން މަސައްކަތްކުރަނީ ދާދި ފަހުން ފްރާންސްގެ މާސޭ އިން ވަކިވި ބްރައިޓަންގެ ކުރީގެ ކޯޗު، އިޓަލީގެ ރޮބާޓޯ ޑި ޒާބީ އެވެ.