Advertisement

ފޮތެއްގެ ތައާރަފު 2؛ ތޯމަސް މޯ ގެ "ހުރިހައި ގޮތަކުން ފުރިހަމަ ރަށް"

19 ފެބުރުވަރީ 2026 - 10:20 0

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


ފޮތެއްގެ ތައާރަފު 2؛ ތޯމަސް މޯ ގެ "ހުރިހައި ގޮތަކުން ފުރިހަމަ ރަށް"

19 ފެބުރުވަރީ 2026 - 10:20 0

ތޯމަސް މޯ އަކީ އިނގިރޭސި ވިލާތުގެ ރައްޔިތެކެވެ. ގާނޫނީ ވަކީލެއްގެ އިތުރުން އިންސާނީ އިލްމުތަކުގެ މާހިރެކެވެ. އަދި އޭނާއަކީ އަށްވަނަ ހެންރީ ރަސްގެފާނުގެ ލޯޑް ޗާންސެލަރގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އޭނާ ފާހަގަކުރެވިފައިވަނީ ޒަމާނީ ވިލާތުގެ ކުރީކޮޅު ދުނިޔެ ދުށް އެންމެ ވަރުގަދަ އެއް އިލްމުވެރިޔާގެ ގޮތުގަ އެވެ. އޭނާގެ ފިކުރުތަކަށް ބޮޑަށް ނުފޫޒު ފޯރުވާފައިވަނީ ގަދީމީ އިލްމުތަކާއި އޭނާގެ ދީނީ އަދި އަހުލާގީ އުސޫލުތަކުންނެވެ. މިއަދު ތޯމަސް މޯގެ ނަން މަޝްހޫރުވެފައިވަނީ ދެ ސަބަބަކާ ހުރެ އެވެ.

ފުރަތަމަ ސަބަބަކީ، އޭނާއަކީ ސިޔާސީ ދާއިރާގެ އެންމެ އެތެރެއިން ކަންކަން ދެނެވަޑައިގަންނަވާ، ބާރާއި ނުފޫޒު ހިނގާގޮތް ވަރަށް ފުންކޮށް ދެނެހުރި ސިޔާސީ ތަޖުރިބާކާރަކަށް ވުމެވެ. ދެވަނަ ސަބަބަކީ، އިނގިރޭސި ޗާޗުގެ އެންމެ އިސްވެރިޔަކީ އަށްވަނަ ހެންރީ ރަސްގެފާނު ކަމަށް ބަލައިގަތުމަށް އޭނާ އިންކާރު ކުރުމާ ގުޅިގެން، 1535 ވަނަ އަހަރު އޭނާ މަރާލެވުމެވެ. މި އިންކާރު ކުރުމުގެ ސަބަބުން، މޯ ވެގެންދިޔައީ ބާރުވެރިކަމުގެ ކުރިމަތީގައި އަމިއްލަ ނަފްސުގެ ގަބޫލުކުރުންތަކާއި ސާބިތުކަން ދައްކައިދިނުމުގެ ނަމޫނާއަކަށެވެ.

މީލާދުން ފަނަރަ ސަތޭކަ ސޯޅަ ވަނަ އަހަރު ޝާއިއު ކުރެވުނު، އޭނާގެ މަޝްހޫރު ފޮތް "ޔޫޓޯޕިއާ" އަކީ، އިނގިރޭސި ރަސްކަމާ އޭނާއާ ދެމެދު މައްސަލަޖެހުމުގެ މާ ކުރިން، އޭނާގެ ހަޔާތުގެ ކުރީކޮޅު ލިޔުނު ފޮތެކެވެ. މި ފޮތުން ހާމަވަނީ ސަރުކާރުތައް ހިންގާ ގޮތާއި، ފަސާދަ ފެތުރޭ ގޮތުގެ އިތުރުން، އަމިއްލަ އެދުމުގެ ސަބަބުން މަތިވެރި އުސޫލުތައް ގުރުބާން ކުރެވޭ ގޮތް ވަރަށް ރަނގަޅަށް ދެނެހުރި މީހެއްގެ ތަޖުރިބާތަކެވެ. ތޯމަސް މޯ އަކީ މިއަދު ވެސް މުހިންމު ޝަހުސިއްޔަތަކަށް ވަނީ މި ސަބަބަށްޓަކައި އެވެ. އޭނާގެ "ޔޫޓޯޕިއާ" އަކީ ހަމައެކަނި ހުވަފެނީ ދުނިޔެއެއްގައި އުޅުނު މީހަކު ލިޔުނު ފޮތެއް ނޫނެވެ. އެއީ ސިޔާސީ ނިޒާމުގެ ހުރިހައި މަގަކާއި ހަނި ގޯޅިތަކުގެ ހަގީގަތް ވަރަށް ގާތުން ތަޖުރިބާކޮށްފައިވާ މީހަކު ލިޔެފައިވާ ފޮތެކެވެ.

އެ ޒަމާނުގެ އެހެންވެސް ވާހަކަތެކެކޭ އެއްގޮތަށް މި ފޮތް ވެސް ލިޔެފައިވަނީ ދެމީހެއްގެ މެދުގައި ހިނގާ މަޝްވަރާއެއް ނުވަތަ ބަހުސެއްގެ ސިފައަށެވެ. މި ފޮތް ފެށިގެން އަންނަނީ ތޯމަސް މޯ، "ރަފައެލް ހައިތުލޯޑޭ" ކިޔާ ދަތުރުވެރިއަކާ ބައްދަލުވެ ދައްކާ ވާހަކަތަކަކުންނެވެ. "ހައިތުލޯޑޭ" ގެ މާނައަކީ "ހަމަނުޖެހޭ ވާހަކަދައްކާ މީހާ" އެވެ. މި ފޮތުގައި ހުރި ވާހަކަތައް އެ ޒަމާނުގައި ހުށަހަޅައިދެވޭނީ އެކަހަލަ ގޮތަކަށެވެ. ހަމަނުޖެހޭ މީހަކު ދެއްކި ވާހަކަތަކުގެ ގޮތުގައި ހަގީގަތުގައި ހުށަހަޅައިދީފައި ވަނީ ތޯމަސްގެ އަމިއްލަ ހިޔާލުތަކާއި، ކަންކަމާމެދު އޭނާ ދެކުނު ގޮތެވެ.

ގޯނިބޭ ކުޑައަލީގެ މަޝްހޫރު ބުނުމަކަށް ބިނާކޮށް މީގެ ކުރިން އަޅުގަނޑު މަޒުމޫނެއް ލިޔުނީމެވެ. އޭނާއަކީ އޭނާގެ ޒަމާނުގައި މޮޔަޔަކަށް ވެގެން އުޅުނު ނިކަން ބުއްދިވެރި މީހެކެވެ. އޭނާ 'މޮޔަޔަކަށް' ބަދަލުވީ ޝަމްސުއްދީން ރަދުންގެ ވެރިކަން ގެއްލުނު ހިސާބުންނެވެ. އޭނާގެ މޮޔަކަމުގެ ސަބަބުން ދުވަހަކު ވެސް އާންމުންގެ މީހަކަށް ނުވަތަ މުދަލަކަށް ވެސް ގެއްލުމެއް ނުދެ އެވެ. އެކަމަކު ޖަލާލަތުލް މަލިކު މުހައްމަދު ފަރީދުލް އައްވަލުގެ ރަސްކަމުގައި އެ ރަދުން ހިއްޗަށްވަޑައިގަންނަވާ ކޮންމެ ދުވަހަކު އެ ރަދުންގެ ގައިކޮޅަށް ވެލި ޖެހުމަކީ ގޯނިބޭ ކުޑަ އަލީގެ 'މޮޔަކަމުގެ ސަބަބުން' ކުރާ ކަމެކެވެ.

އަޅުގަނޑަށް ވިސްނުނު ގޮތުގައި ތޯމަސް މޯ އުފެއްދި "ހައިތުލޯޑޭ" އަކީ ވެސް ގޯނިބޭކުޑައަލީ ފަދަ 'މޮޔައެކެވެ.'

ތޯމަސް މޯ ގެ ފޮތުގައި ފާހަގަކޮށްލެވޭ ހަމައެކަނި ކަމަކީ އެ ފޮތުގައި ބަޔާންކޮށްފައިވާ މުޖުތަމައު އެކަންޏެއް ނޫނެވެ. އެ މުޖުތަމައު ސިފަކޮށްދިނުމަށްޓަކައި "މޯ" އުފެއްދެވި "ޔޫޓޯޕިއާ" (Utopia) މި ލަފުޒަކީ ވެސް އާދަޔާ ހިލާފު މާނަތަކެއް އެކުލެވިގެންވާ ލަފުޒެކެވެ. "ޔޫޓޯޕިއާ" އަކީ ގްރީކް ބަހުގެ ދެ ލަފުޒެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ، މަޖާޒީ މާނައެއް އެކުލެވޭ ލަފުޒެކެވެ. ޔޫޓޯޕިއާގައި ބޭނުންކުރި ދެ ލަފުޒުގެ ތެރެއިން އޫ-ޓޯޕޯސް (ou-topos) ގެ މާނައަކީ "ނެތް ތަނެއް" ނުވަތަ "ނޯ ޕްލޭސް" މިއެވެ. ޔޫ-ޓޯޕޯސް (eu-topos) އަކީ "ފުރިހަމަ ތަނެއް" ނުވަތަ "ފުރިހަމަ މަންޒިލް" އެވެ.

މި ނަން އިހުތިޔާރުކުރެއްވުމުން، މޯ ވަނީ ފޮތުގެ ބިންގަލުގައި ދޭހަކުރަން ދަތި ނުވަތަ ދެ މާނަ އެކުލެވޭ ސިފައެއް ޖައްސަވާފަ އެވެ. އެއީ ޔޫޓޯޕިއާއަކީ ފުރިހަމަ މުޖުތަމައަކަށް ވާކަމުގެ މާނައާއި، އަނެއްކޮޅުން އެއީ ވުޖޫދުގައި ނެތް ތަނެއް ކަމުގެ މާނަ އެވެ.

ލަފުޒު އެތުރުމުގެ މި އުކުޅަކީ މޯގެ މަގުސަދުގެ މައިގަނޑު އަސާސެވެ. އޭނާ ހުށަހެޅުއްވީ ރަސްރަސްކަލުންނަށް ނުވަތަ މަޖިލިސްތަކަށް ތަންފީޒު ކުރެވިދާނެ އިސްލާހީ މަޝްރޫއެއް ނޫނެވެ. އޭގެ ބަދަލުގައި، އޭނާ ހިޔާލީ ވާހަކައެއް ބޭނުން ކުރެއްވީ އޭރުގެ މުޖުތަމައުތަކުގައި ހުރި ހަމަނުޖެހޭ އުސޫލުތައް ހާމަކޮށްދެއްވުމަށެވެ. މާނައަކީ، މިއަށްވުރެ މާ ތަފާތު އަދި ހަރުދަނާ މުޖުތަމައެއް ތަސައްވަރު ކުރެވޭނަމަ، އޭރު ޔޫރަޕްގައި އޮތް ބޭއިންސާފަކީ ބަދަލުނުކުރެވޭނެ ފަދަ ތަގުދީރެއް ނޫން ކަމާއި، އެއީ ބައެއްގެ ނިންމުންތަކެއްގެ ނަތީޖާކަން އަންގައިދިނުމެވެ.

ފޮތުގެ މައިގަނޑު ޝަހުސިއްޔަތު، ހައިތުލޯޑޭ ކިޔައިދޭ ގޮތުގައި، އޭނާއަށް ވަނީ ވިލާތުގެ ގައުމުތަކަށް ނޭނގޭ، ނިޒާމީ ގޮތުން ވަރަށް ފުރިހަމައަށް ރޭވިފައިވާ "ޔޫޓޯޕިއާ" ކިޔާ ރަށަކަށް ދަތުރުކުރެވިފަ އެވެ. އެ ރަށުގެ ސިޔާސީ އަދި އިޖުތިމާއީ އިންތިޒާމުތައް އޭނާ ވަރަށް ތަފްސީލުކޮށް ކިޔައިދެ އެވެ.

އެ ރަށުގައި މުދަލަކީ ވަކި އެވެނިމިވެނި މީހެއްގެ އެއްޗެއް ނޫނެވެ. އެންމެންގެ އެއްޗެކެވެ. ފައިސާއަކީ ބޭނުންކުރާ އެއްޗެއް ނޫނެވެ. ރައްޔިތުން މަސައްކަތް ކުރަންޖެހޭ ވަގުތު އޮންނަނީ ކަނޑައެޅިފަ އެވެ. ކޮންމެ ރައްޔިތަކު ވެސް ގިނަވެގެން މަސައްކަތް ކުރަންޖެހޭނީ 6 ގަޑިއިރަށެވެ. ބާކީ ވަގުތު ހޭދަކުރަނީ އުނގެނުމާއި ހިތްހަމަޖައްސާލުމުގަ އެވެ. ތައުލީމަކީ އެންމެންނަށް އާންމު އެއްޗެކެވެ. ދީނީ ކަންކަމުގައި އޮންނަނީ ލަކުމްދީނުކުމް ވަލިޔަދީންގެ އުސޫލެވެ. އެމީހެއްގެ ދީން އެމީހަކަށެވެ. އެކަމުގައި އެކަކު އަނެކަކަށް އިހުތިރާމުކުރެ އެވެ. އަދި ދައުލަތުގެ މަގާމުތަކަށް މީހުން އައްޔަނުކުރަނީ އާއިލީ ނުފޫޒުގެ ބަދަލުގައި، އެމީހެއްގެ ގާބިލިއްޔަތާއި އުސޫލުތަކަށް ބަލައިގެންނެވެ.

ޔޫޓޯޕިއާގެ އާންމު ދިރިއުޅުމަކީ ވަކި ގަވާއިދުތަކަކަށް ފެތިފައިވާ، ނަމަވެސް ވަރަށް ހަމަޖެހޭ ދިރިއުޅުމެކެވެ. ނަތީޖާއެއްގެ ގޮތުން ކުށްކުރުން މަދެވެ. ފަގީރުކަން ވަނީ ނައްތާލެވިފަ އެވެ. އަދި މީހާގެ އިޖުތިމާއީ ދަރަޖައަށް ނުވަތަ މާތްކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެ އެވެ. މުދަލަށް ދަހިވެތިވުން ހުއްޓުވުމުގެ ގޮތުން، ރަނަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫންކަމަށް އެމީހުން ދެކެ އެވެ. ރަން ބޭނުންކުރަނީ ކުނިއަޅާ ޑަސްބިން ފަދަ ތަކެތި ހެދުމަށާއި، ކުށްވެރިންނާއި އަޅުން ބަނުމަށް ކަސްތޮޅު ފަދަ ތަކެތި ހެދުމަށެވެ.

ފޮތް ނިމިގެންދަނީ ވަރަށް ބޮޑު ސުވާލު މާކެއްގެ ތެރޭގަ އެވެ. "ހައިތުލައުޑޭ" ކިޔައިދިން ޔޫޓޯޕިއާގެ މުޖުތަމައަށް ތޯމަސް މޯރ ތައުރީފު ކުރި ނަމަވެސް، އެއީ މުޅީން ފުރިހަމަ ނިޒާމެއް ކަމަށް އޭނާ ވަކާލާތެއް ނުކުރެ އެވެ. ފޮތުގެ މަޝްވަރާ ނިމިގެންދާއިރު، އެއީ ހަގީގަތުގައިވެސް އޮންނަންޖެހޭނެ ފަދަ ފުރިހަމަ މުޖުތަމައެއްގެ މިސާލެއްތޯ ނުވަތަ އެއީ ހަމައެކަނި ވިސްނާލަންޖެހޭ ފަދަ ހިޔާލީ ފިކުރެއްތޯ ނިންމަން އޭނާ ދޫކޮށްލީ ކިޔުންތެރިންނަށެވެ.

މި ފޮތަކީ ސިޔާސީ ފިކުރަށް އާ ގޮތްތަކެއް ތައާރަފުކޮށްދިން މުހިންމު މަސައްކަތެކެވެ. ތޯމަސް މޯރ މި ފޮތުގައި ސިޔާސީ އިސްލާހުތަކަށް ސީދާ ގޮތެއްގައި ބާރުއެޅުމުގެ ބަދަލުގައި، އިހުތިޔާރު ކުރައްވާފައިވަނީ ތަފާތު ނިޒާމެއްގެ މައްޗަށް ބިނާވެފައިވާ ދުނިޔެއެއް ސިފަކޮށްދެއްވުމެވެ. އަމިއްލަ މިލްކުވެރިކަމާއި، މުޖުތަމައުގެ ތަފާތުކުރުންތަކާއި، އަދި ސިޔާސީ ކޮރަޕްޝަނުން ސަލާމަތްވެފައިވާ މުޖުތަމައެއްގެ ތަސްވީރު ކުރަހައިދެއްވުމުން، ކިޔުންތެރިންގެ އަމިއްލަ މުޖުތަމައުގައި ހުރި ބޮޑެތި ބޭއިންސާފުތަކާމެދު ފުންކޮށް ވިސްނާލުމަށް މަޖުބޫރުކުރުވަ އެވެ.

މި ފޮތަކީ ސިޔާސީ ވިސްނުމުގެ ތެރެއަށް "އަޔޮރޮނީ" ނުވަތަ މަލާމާތާއި ސުވާލު އުފެދޭ ފަދަ ނަޒަރިއްޔާއެއް ތައާރަފުކުރި ފޮތެކެވެ. "ޔޫޓޯޕިއާ" މި ނަމަކީވެސް "ނެތް ތަނެއް" އަދި "ރަނގަޅު ތަނެއް" މި ދެ މާނަ ދޭހަވާ ގޮތަށް އުފައްދާފައިވާ ބަހެކެވެ. މި ފޮތުގައި ޔޫޓޯޕިއާއަކީ ނަކަލުކުރަންޖެހޭ ތަނެއްތޯ، ނުވަތަ އެއީ ހަމައެކަނި ހިޔާލީ ތަނެއްތޯ ސާފުކޮށްދެއްވާފައެއް ނުވެ އެވެ. މީގެ މަގުސަދަކީ ކިޔުންތެރިޔާ ނުތަނަވަސްކަމެއްގެ ތެރޭގައި ބަހައްޓައި، އޭނާ ދިރިއުޅޭ މުޖުތަމައުގެ އުސޫލުތަކާއި، "އަސްލު" ކަމަށް ގަބޫލުކުރެވޭ ކަންކަމާ މެދު ސުވާލު އުފެއްދުމަށް ދޫކޮށްލުމެވެ. އޭނާ ދެކުނީ، މުޖުތަމައު ބަދަލުވާނީ އެ މުޖުތަމައުގެ އުސޫލުތަކާމެދު އެ މުޖުތަމައުއެއްގައި އުޅޭ ބަޔަކު ފުންކޮށް ފިކުރުކޮށްގެން ކަމަށެވެ.

ތާރީހީ ގޮތުން ބަލާއިރު، މި ފޮތަކީ ގަރުނުތަކެއް ވަންދެން ސިޔާސީ ފިކުރު ބައްޓަންކުރުމުގައި ބޮޑު ދައުރެއް އަދާކުރި ފޮތެކެވެ. ސޯޝަލިޒަމްގެ ފިކުރާއި، މުޖުތަމައުތައް ބިނާކުރުމުގެ އެކި ތަޖުރިބާތަކަށް މި ފޮތުގެ ނުފޫޒު ފޯރާފައި ވެ އެވެ. މިއަދުވެސް މި ފޮތުގެ މުހިންމުކަން ދެމިއޮތީ އޭގައި ބޭނުންކޮށްފައިވާ އުސޫލުގެ ސަބަބުންނެވެ. މޯރ މަސައްކަތް ކުރައްވަނީ ސީދާ ހައްލުތަކެއް ނުވަތަ ޝިއާރުތަކެއް ދިނުމުގެ ބަދަލުގައި، ކިޔުންތެރިޔާ އޭނާގެ ދުނިޔެއިން ބޭރަށް ނިކުމެ ހުރެ އެ މުޖުތަމައާ މެދު ވިސްނާލުމަށެވެ. އަހަރެމެން "އާންމު ހަމަ" ނުވަތަ "ކޮމަން ސެންސް" ކަމަށް ގަބޫލުކުރާ ކިތަންމެ ކަމަކީ ހަގީގަތުގައި ބާރުވެރިކަމުގެ ނުފޫޒުން އުފެދިފައިވާ އާދަކާދަތަކެއްކަން މި ފޮތުން ހަނދާންކޮށްދެ އެވެ.

'ޔޫޓޯޕިއާ' އަދިވެސް މަގުބޫލުވެފައިވަނީ، ފުރިހަމަ މުޖުތަމައެއް ބިނާކުރެވިދާނެތޯ ނުވަތަ އެއީ އެދެވިގެންވާ ކަމެއްތޯ ބުނެދިނުމަށް ފޮތް އިންކާރުކުރާތީ އެވެ. އެ ފޮތުން އަހަރެމެންނަށް ދޫކޮށްލަނީ ވަރަށް އުނދަގޫ ސުވާލެކެވެ. އެއީ، މިއަށްވުރެ މާ ރަނގަޅު މުޖުތަމައެއްގެ ތަސްވީރު މިހާ ސާފުކޮށް ކުރަހާލެވެން އޮތްއިރު، ހަގީގީ ދުނިޔެ ބަދަލުކުރުމަށް މިހާ ބޮޑު ހުރަސްތަކެއް ކުރިމަތިވަނީ ކީއްވެގެން ހެއްޔެވެ؟