Advertisement

ކައުންސިލް އިންތިހާބަކީ ސަރުކާރަށް ނޫނެކޭ ބުނަން ލިބޭ ފަހު ފުރުސަތު: ޢަފޫރު

އަބްދުލް ޣަފޫރު މޫސާ:


ކައުންސިލް އިންތިހާބަކީ ސަރުކާރަށް ނޫނެކޭ ބުނަން ލިބޭ ފަހު ފުރުސަތު: ޢަފޫރު

އަންނަ އެޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަކީ ސަރުކާރަށް ނޫނެކޭ ބުނަން ލިބޭ ފަހު ފުރުސަތު ކަމަށް އެމްޑީޕީގެ ވަގުތީ ޗެެއާޕާސަން އަބްދުލް ޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޣަފޫރު ވިދާޅުވީ ކައުންސިލް އިންތިހާބުގެ ވޯޓުގައި ސަރުކާރަށް އާނއެކޭ ބުނެފިނަމަ، ދެން ކުރިއަށް އޮތް އިންތިހާބުތަކުގައި ލާ ވޯޓުގެ ކަރުދާސްކޮޅުގެ ނަތީޖާ ނުލިބޭނެ ކަމަށެވެ.

"މިނެގޭ ކައުންސިލް އިންތިހާބު ވޯޓުގައި ރައްޔިތުން ލާ ވޯޓަކީ ރައްޔިތުންނަށް ސަރުކާރަށް އާނއެކޭ ބުނެފިއްޔާ ލިބޭ އެންމެ ފަހު ފުރުސަތު. ދެން އެބޭފުޅުން ލާ ވޯޓުގެ ކަރުދާސްކޮޅުގެ ނަތީޖާ އެބޭފުޅުންގެ އަތްޕުޅަކަށް ނުލިބޭނެ. އެއީ ހަމަ ޔަގީންވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ޣަފޫރު ވިދާޅުވީ ރިޔާސީ ނިޒާމެއް އޮތް ތަނެއްގައި ގިނަގިނައިން ވޯޓަށް އަހަންޖެހޭނެ ކަމަށެވެ. މި ސަރުކާރުން ބޭނުންވަނީ ފަސް އަހަރުން އެއްފަހަރު ވޯޓެއް ނެގުމުގެ ވިސްނުން އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.

މިގޮތުން އޭނާ ވިދާޅުވީ ގިނަ ދުވަސްތަކެއްފަހުން ވޯޓުތައް ނެގުމުން މި ރާއްޖެ ހުދުމުހުތާރު ވެރިކަަމަކަށް ބަދަލުވާނެ ކަމަށާއި ދެ އިންތިހާބު އެއްކޮށްލާ ވޯޓާއި ކައުންސިލް އިންތިހާބުގައި ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކުރުމަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލު މިއަދު ވަނީ ފާސްކޮށްފަ އެވެ.

ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ހުށަހަޅުއްވާފައިވާ މި ބިލުގައި ބުނެފައިވަނީ މީގެ ފަހުން މަޖިލިސް މެންބަރުން ހޮވަން ބާއްވާ އިންތިހާބު ބާއްވަން ޖެހޭނީ ރައީސުލްޖުމްހުރިއްޔާއަކު ހޮވަން ބާއްވާ ރިޔާސީ އިންތިހާބާއެކު ކަމަށެވެ.