ދުނިޔޭގެ އެކި ގައުމުތަކުގެ ދައުލަތުގެ އިދާރާތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ބަލައި، ސާވޭތަކާއި މާހިރުންގެ ވަޒަންކުރުންތަކުގެ މައްޗަށް ބިނާކޮށް ކޮންމެ އަހަރަކު އެކުލަވާލާ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ރާއްޖޭގެ ނަތީޖާ އަދިވެސް ކަންބޮޑުވާހާ ދަށުގައި އޮތްކަން މިދިޔަ އަހަރުގެ ނަތީޖާއިން ދައްކައިފި އެވެ.
މި އިންޑެކްސްގައި 39 ގެ ނަތީޖާއަކާއެކު، މިދިޔަ އަހަރުގެ ސީޕީއައިގައި ރާއްޖެ ހިމެނެނީ 182 ގައުމުގެ ތެރެއިން 91 ވަނައިގަ އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ ރާއްޖޭގެ ސީޕީއައި ނަތީޖާ އަދިވެސް ކަންބޮޑުވާންޖެހޭ ދަށް މިންވަރެއްގައި ހުރީ ނިޒާމީ ގޮތުން ހުރި ނާޒުކުކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވެ، އާންމުންގެ އިތުބާރު ގެއްލި، މުއައްސަސާތައް ބަލިކަށިވެ، އިންސާފާއި ހިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ހުރަސްތަކެއް ކުރިމަތިވަމުންދާތީ ކަމަށެވެ.
މި ނަތީޖާއާއެކު ރާއްޖޭގެ ކޮރަޕްޝަނުގެ ހާލަތު ދެނެގަތުމަށް، ދާދިފަހުން ހިންގުމުގެ ނިޒާމަށް، ގާނޫނުތަކަށް އަދި މުއައްސަސާތަކުގެ ހިންގުމަށް އައިސްފައިވާ ބަދަލުތަކަށް ރިއާޔަތްކުރުން މުހިންމު ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.
އެގޮތުން ޓްރާންސްޕޭރެންސީން ފާހަގަކުރި ނުކުތާތަކުގެ ތެރޭގައި ބާރުތައް އެއްކުރުމާއި "ސްޓޭޓް ކެޕްޗާ" ގެ ނުރައްކަލާއި، މަދަނީ މާހައުލު ހަނިވުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރި ނުރައްކާ، ތިމާވެށި އަދި އިގުތިސާދީ ކަންކަން ބަލަހައްޓާ ނިޒާމު އަދި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށް، ޒިންމާދާރުކޮށް، އަދަބު ނުލިބި ސަލާމަތްވުމުގެ ސަގާފަތް ހިމެނެ އެވެ.
ޓްރާންސްޕޭރެންސީގެ ހުށަހެޅުންތައް:
- މުސްތަގިއްލު މުއައްސަސާތަކާއި، ޝަރުއީ ދާއިރާ އަދި ލޯކަލް ގަވަނަންސް އޮނިގަނޑުތައް ހިމެނޭހެން، ދައުލަތުގެ މުހިއްމު މުއައްސަސާތަކުގެ މިނިވަންކަމާއި ވަކިފަރާތަކަށް ނުޖެހޭކަން ކަށަވަރުކުރުމާއެކު، މަގާމުތަކަށް މީހުން އައްޔަންކުރުމުގައި ސިޔާސީ ނުފޫޒުން އެއްކިބާވެ، އެމީހެއްގެ ގާބިލުކަމަށް ބެލުން.
- ލޯކަލް ކައުންސިލްތައް ބާރުވެރިކުރުވުމަށާއި ޑިމޮކްރެޓިކް ހިންގުން ހަރުދަނާކުރުމަށްޓަކައި، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ލާމަރުކަޒީ އުސޫލުތައް ނެގެހެއްޓުން.
- ރައްޔިތުންނަށް ހިންގުމުގެ ނިޒާމުގެ ތެރޭގައި މާނަވީ ގޮތެއްގައި ބައިވެރިވެވޭނެ މަގު ފަހިކޮށްދިނުމަށާއި، ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީކުރުވުމުގެ ފުރުސަތު ދިނުމަށްޓަކައި، މަދަނީ މާހައުލާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު އަދި އެހެނިހެން އަސާސީ މިނިވަންކަން ރައްކާތެރިކުރުން.
- ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމަށާއި ކުށްކޮށްފައި އަދަބު ނުލިބި ސަލާމަތްވުމުގެ ސަގާފަތް ނައްތާލުމަށް އަދި ކޮރަޕްޝަންގެ ނުރައްކާ ކުޑަކުރުމަށް، ދައުލަތުގެ ހުރިހާ މުއައްސަސާތަކާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހާމަކަމާއި ޖަވާބުދާރީވުން ހަރުދަނާކުރުން.
- ހަރުދަމނާ މޮނިޓަރިން ނިޒާމުތަކާއި، މާލީ ބަޔާން ހާމަކުރުމާއި، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ އަނބުރާ ދައުލަތަށް ނެގުމުގެ ގާނޫނީ އޮނިގަނޑުތައް ހަރުދަނާ ގޮތެއްގައި ތަންފީޒުކުރުމާއި، އަދި ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓްކުރާ ފަރާތްތަކަށް (ވިސިލްބްލޯވަރުންނަށް) ރައްކާތެރިކަން ދިނުން ހިމެނޭހެން، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ނިޒާމުތައް ހަރުދަނާކުރުން.
- ގާނޫނުތައް ހެދުމާއި، ސިޔާސަތުތައް އެކުލަވާލުމާއި، އަދި ތަރައްގީގެ މަރުހަލާތަކުގައި ހުރިހާ ފަރާތްތަކެއް ހިމެނޭހެން ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ދައުލަތް ހިންގުމަކީ ރައްޔިތުންގެ ބަހަށް އިޖާބަދޭ، ބައިވެރިވުން އޮންނަ އަދި ލާމަރުކަޒީ އުސޫލުތަކާ އއެއްގޮތަށް ހިނގާ ކަމެއްކަން ކަށަވަރުކުރުން.
- ކޮރަޕްޝަނަށް މަގުފަހިވާ ފުރުސަތުތައް މަދުކުރުމަށާއި ދައުލަތުގެ ވަސީލަތްތައް ހިމާޔަތްކުރުމަށްޓަކައި، ގައުމީ ހިންގުމުގެ އުސޫލުތައް ކޮރަޕްޝަނާ ދެކޮޅަށް އދ. އިން އެކުލަވާލާފައިވާ މުއާހަދާ (ޔޫއެންސީއޭސީ) އަދި އޯޕަން ގަވަމަންޓް ޕާޓްނާޝިޕް (އޯޖީޕީ) ފަދަ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށްކުރުން.
ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެއަށް ދަށް ނަތީޖާއެއް ލިބިފައިވާއިރު، ކޮރަޕްޝަނާ ގުޅޭ ގިނަ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަންގައި ތާށިވެފައި ހުރިކަން ފާހަގަކުރެވެ އެވެ.
Comment