about 18 hours 0
about 18 hours 0
އިސްލާމްއާބާދު، ޕާކިސްތާން (ފެބްރުއަރީ 10) - ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި ޕާކިސްތާނުން އިންޑިއާއާ ދެކޮޅަށް އޮތް މެޗު ބޮއިކޮޓް ކުރަން ނިންމި ނިންމުން އުވާލައިފި އެވެ.
އިންޑިއާއާ ދެކޮޅަށް އަންނަ އާދިއްތަ ދުވަހު، ސްރީ ލަންކާގެ ކޮލަމްބޯގައި ކުޅެން ތާވަލުކޮށްފައި އޮތް މެޗު ކުޅޭ ގޮތަށް ޕާކިސްތާނުން ނިންމާފައިވަނީ އެ ގައުމުގެ ސަރުކާރުން ވެސް އެ ގޮތަށް އެދުމުންނެވެ.
މި މަހުގެ ހަތް ވަނަ ދުވަހު ފެށުނު ޓީ20 ވޯލްޑް ކަޕް އަންނަ މަހުގެ އަށް ވަނަ ދުވަހާ ހަމައަށް ކުރިއަށްދަނީ، އިންޑިއާ އާއި ސްރީ ލަންކާގަ އެވެ.
އިންޑިއާއާ އެކު އޮތް މައްސަލަތަކުގެ ސަބަބުން، ޓީ20 ވޯލްޑް ކަޕްގައި ޕާކިސްތާންގެ މެޗުތައް ކުޅެނީ ލަންކާގަ އެވެ. އަދި، މުބާރާތުގެ ފައިނަލަށް ޕާކިސްތާން ގޮސްފިނަމަ އެ މެޗު ވެސް ކުޅެން ޖެހޭނީ ލަންކާގަ އެވެ. ސިޔާސީ ހަމަނުޖެހުންތަކާ ހެދި، ޕާކިސްތާނާއި އިންޑިއާ އިން މުބާރާތެއްގެ ބޭރުން އެއް ޓީމު އަނެއް ޓީމާ ދެކޮޅަށް 2013 ވަނަ އަހަރުގެ ފަހުން މެޗެއް ކުޅެފައިނުވެ އެވެ. އިންޑިއާ އިން އެންމެ ފަހުން ޕާކިސްތާނަށް ގޮސް އެ ގައުމާ ދެކޮޅަށް މެޗެއް ކުޅެފައިވަނީ، 2008 ވަނަ އަހަރު އެވެ.
ޕާކިސްތާން ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓީ20 ވޯލްޑް ކަޕްގައި ކުޅެން ޕާކިސްތާން ކްރިކެޓް ޓީމަށް ހުއްދަ ދީފައިވާ ކަމަށެވެ. އެކަމަކު، މި މަހުގެ 15 ވަނަ ދުވަހު އިންޑިއާއާ ކުޅެން އޮތް މެޗުގައި އިންޑިއާއާ ދެކޮޅަށް ނުކުޅެން އަންގާފައިވާނެ ކަމަށެވެ. އެކަމަކު، ދާދި ފަހުން، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އަައިސީސީ) އިން ޕާކިސްތާނާ އެކު ގިނަ ބައްދަލުވުންތަކެއް ބާއްވައި، އެ ނިންމުން ބަދަލުކުރަން ބާރު އަޅައިފަ އެވެ.
ޕާކިސްތާންގެ ބޮޑުވަޒީރު، ޝެހެބާޒް ޝަރީފް ވިދާޅުވީ، ޕާކިސްތާނުން އިންޑިއާ މެޗު ބޮއިކޮޓް ކުރަން ނިންމި ނިންމުމަކީ، ބަންގްލަދޭޝަށް އޮތް ސަޕޯޓް ދެއްކުމަށް ކުރި ކަމެއް ކަމަށެވެ.
ޕާކިސްތާނެކޭ އެއްގޮތަށް ބަންގްލަދޭޝް އިން ވެސް އެ ގައުމުގެ މެޗުތައް ލަންކާގައި ކުޅޭ ގޮތަށް ހަދައިދޭން އައިސީސީ އަށް ހުށަހެޅި ނަމަވެސް އެ ޕްރޮޕޯސަލް ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އޭގެ ފަހުން، އައިސީސީން އަންގާފައިވަނީ، އިންޑިއާ އަށް މެޗުތައް ކުޅެން ބަންގްލަދޭޝަށް ނުދެވޭނަމަ، އެ ޓީމަށް މުބާރާތުގެ ފުރުސަތު ގެއްލި އެހެން ޓީމަކަށް އެ ޖާގަ ދޭނެ ކަމަށެވެ. އަދި، ގޮތެއް ނިންމަން ތަކުރާރުކޮށް ބަންގްލަދޭޝް އަށް ދިން ފުރުސަތުގައި ވެސް އެ ގައުމުން ނިންމީ އިންޑިއާގައި ކުޅެން ޖެހޭނަަމަ މެޗުތަކަށް ނުދިއުމަށެވެ.
ބަންގްލަދޭޝް އިން ގޮތް ދޫނުކުރުމުން، އައިސީސީން ވަނީ ގަވާއިދުގައި ބުނާގޮތަށް، ވޯލްޑް ކަޕަށް ކޮލިފައިނުވާ ޓީމުތަކުގެ ތެރެއިން އެންމެ ރޭންކިން ރަނގަޅު ޓީމެއް ބަލައި، ބަންގްލަދޭޝްގެ ޖާގަ އެ ޓީމަކަށް ދިނުމަށެވެ. އެ ގޮތުން، ބަންގްލަދޭޝްގެ ޖާގަ ދީފައިވަނީ ސްކޮޓްލެންޑަށެވެ.
ބަންގްލަދޭޝް މުބާރާތުގައި ނުކުޅުނު މައްސަލައިގައި، އައިސީސީން އެ ގައުމާ ދެމެދު ފިޔަވަޅެއް ނާޅައި ކުރިއަށްދިއުމަށް ނިންމުމާ އެކު، ޕާކިސްތާނުން ވަނީ، އިންޑިއާ މެޗު ކުޅޭނެ ކަމަށް ބުނެފަ އެވެ.
ލަންކާގެ ކްރިކެޓް ބޯޑުން ބުނެފައިވަނީ، އެ ގައުމުގައި ހޯސްޓްކުރަން އޮތް މެޗުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ މެޗަކީ އިންޑިއާ އާއި ޕާކިސްތާން ބައްދަލުކުރާ މެޗު ކަމަށެވެ. އަދި، އެ މެޗުގެ ޓިކެޓްގެ ކަންކަން ވެސް ހަލުވި ދުވެއްޔެއްގައި ކުރިއަށްދަމުން އަންނައިރު، އެ މެޗު ކުރިއަށްނުދާނަމަ އެއީ، މުބާރާތުގެ ސަޕޯޓަރުންނަށް ލިބޭނެ ގެއްލުމެއް ކަމަށް ލަންކާ ކްރިކެޓް ބޯޑުން ބުނެފައިވެ އެވެ.
Comment