about 2 hours 0
އަމަން ހަލީމް
ރިސޯޓު ހަދަން ތިން ޕްލޮޓެއް ދޫކުރާ ހދ. މާފަރު: އިންވެސްޓަރުން ހޯދަން މި ތަންތަނުން ބޮޑެތި ލުއިތަކެއް ލިބޭ --- ފޮޓޯ: ގޫގުލް އާތު
about 2 hours 0
ރިސޯޓުތައް އެންމެ މަދުން އޮންނަ އަތޮޅުތަކުގެ ތެރޭގައި ހިމެނޭ ހއ. އާއި ހދ. އާއި ށ. އަތޮޅުގައި ރިސޯޓު ތަރައްގީކުރަން މިދިޔަ އަހަރުގެ ތެރޭގައި ބީލަން ހުޅުވާލި 13 ސަރަހައްދަށް އިންވެސްޓަރަކު ނުވެގެން، ޓޫރިޒަމުން މިނިސްޓްްރީން އިއްޔެ އަލުން ބީލަން ހުޅުވާލައިފި އެވެ.
ޓޫރިޒަމުން މިދިޔަ އަހަރުގެ ނޮވެމްބަރުގައި ވެސް މި ފަހަރު ބީލަން ހުޅުވާލި ތަންތަނުގެ ލިސްޓުގައި ހުރި ހުރިހާ ތަނެއް ކުއްޔަށް ދޫކުރަން އިއުލާންކުރި އެވެ. އަދި މިދިޔަ އަހަރުގެ މެދުތެރޭގައި ވެސް މި ލިސްޓުގައި ހުރި ގިނަ ތަންތަން ކުއްޔަށް ދޭން އިއުލާންކުރި އެވެ.
ހިކިފަސް އެއްވެސް ތަނެއް ނުހިމެނޭ މި ސަރަހައްދުތައް ދޫކުރަނީ ބިން ހިއްކައިގެން، ރިސޯޓު ތަރައްގީކުރާ ގޮތަށެވެ. ކުއްޔަށް ދޫކުރާ ތަންތަނުގެ ތެރެއިން ކެލާ ފަޅުން ދޫކުރާ ދެ ޕުލޮޓު ފިޔަވައި ދެން ހުރީ ހުސް 200 ހެކްޓަރުގެ ޕުލޮޓުތަކެވެ.
އެންމެ ބޮޑު އަގުގައި ކުއްޔަށް ދޫކުރަން ޖަހާފައި ވަނީ، ހދ. މާދުނި ފަރުން ދޫކުރާ ތިން ޕްލޮޓާއި ށ. ގޮނާ ފަރުން ދޫކުރާ ތިން ޕްލޮޓެވެ. މިއިން ކޮންމެ ތަނެއްގެ އެކުއިޒިޝަން ކޮސްޓު ފަށަނީ 2.1 މިލިއަން ޑޮލަރުންނެވެ. އެންމެ އަގު ހެޔޮކޮށް ދޫކޮށްލާ ގޮތަށް އޮތީ ހދ. މާފަރުން ދޫކުރާ ތިން ޕްލޮޓެވެ. މި ތަންތަނުގެ އެކުއިޒިޝަން ކޮސްޓު ފަށަނީ 1.5 މިލިއަން ޑޮލަރުންނެވެ.
އެހެން ސަރަހައްދުތަކަށް ވުރެ ކުޑަ ނަމަވެސް، ހއ. ކެލާ ފަޅުން ދޫކުރާ ދެ ޕްލޮޓުގެ އަގު ބޮޑެވެ. އެއް ޕްލޮޓުގެ އަގަކީ 1.9 މިލިއަން ޑޮލަރެވެ. އަނެއް ޕްލޮޓުގެ އަގަކީ ދެ މިލިއަން ޑޮލަރެވެ.
މި ހުރިހާ ތަނެއްގައި ވެސް މަދުވެގެން 75 ކޮޓަރި (150 އެނދު) ތަރައްގީކުރަން ޖެހެ އެވެ. އެއީ، ހުރިހާ ތަނެއް ތަރައްގީކުރެވިއްޖެ ނަމަ، އެ ސަރަހައްދަށް އިތުކުރެވޭ 1950 އެނދެވެ.
ޓޫރިޒަމުން މި ތަންތަނުގެ ބީލަން ހުޅުވާލައިގެން އަހަރެއް ވެގެންދާއިރު އިންވެސްޓަރަކު ނުލިބިގެން އުޅޭއިރު، ހާއްސަ އިނާޔަތްތަކެއް ދީގެން ވިޔަސް ރިސޯޓު މަދު އަތޮޅުތަކުގައި ޓޫރިޒަމް ތަރައްގީކުރުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.
ރިސޯޓުތައް މަދުވެގެން ހާއްސަ އިނާޔަތްތަކެއް ދޭން ނިންމާފައިވާ އަތޮޅުތަކަކީ، އެންމެ އުތުރުން އޮންނަ ހއ. އާއި ހދ. އާއި ށ. ގެ އިތުރުން ލ. އާއި ތ. އަތޮޅެވެ. ރައީސް މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރު ނޫސްވެރިންނާ ބައްދަލުކުރެއްވި ހަމައެކަނި ދުވަހު، މި އަތޮޅުތަކުގައި ޓޫރިޒަމަށް ފަހިކުރަން ގަވާއިދުތައް ބަދަލުކުރާނެ ކަން އިއުލާންކުރައްވާފަ އެވެ.
މުއިއްޒު ވިދާޅުވި ލުއިތަކާއެކީ، ޓޫރިޒަމުން މިދިޔަ އަހަރުގެ ޖޫންގައި އެ އަތޮޅުތަކުގައި ރިސޯޓުތައް ތަރައްގީކުރާނެ ތަންތަން ކުއްޔަށް ދޫކުރަން ހުޅުވާލި އެވެ. މި ގޮތުން ދޭން ނިންމި ލުއިތަކުގެ ތެރޭގައި އޯޕަން ބިޑިންގެ އުސޫލުންނާއި ކްރޮސް ސަބްސިޑީގެ ދަށުން ދޫކުރާ ތަންތަނުގެ ހެކްޓަރަކަށް ނަގާ ރޭޓުތައް ކުޑަކުރުމާއި ކްލޯސް ބިޑިންގެ ދަށުން ދޫކުރާ ބައެއް ފަޅުތަކުން ލޮކޭޝަން ޕްރިމިއަމް އުނިކުރުން ހިމެނެ އެވެ.
މިހާރު ކުއްޔަށް ދޭން އިއުލާންކޮށްފައިވާ ސަރަހައްދުތަކުގައި ލިބޭ ލުއިތަކުގެ ތެރޭގައި އެކުއިޒިޝަން ކޮސްޓު ދެ އިންސްޓޯލްމަންޓަކަށް ބަހާލައިގެން ދެއްކުން ވެސް ހިމެނެ އެވެ. ފުރަތަމަ އިންސްޓޯލްމަންޓުގެ ގޮތުގައި ދައްކަން ޖެހެނީ އެކުއިޒިޝަން ކޮސްޓުގެ ދެބައިކުޅަ އެއްބައި އެވެ. ބާކީ ދައްކަން ޖެހެނީ ލީސް އެގްރީމަންޓުގައި ސޮއިކުރާ ތާރީހުން ފެށިގެން ހަ އަހަރު ފަހުންނެވެ.
މިހެން އޮތް ނަމަވެސް، ރިސޯޓު ތަރައްގީކުރަން ފުރަތަމަ ލިބޭ 36 މަސް ދުވަހުގެ ތެރޭގައި ރިސޯޓު ތަރައްގީކޮށް ނިންމައި، އޮޕަރޭޝަންތައް ނުފަށާ ނަމަ، އެ މުއްދަތު ހަމަވާ ތާރީހުގެ ޖެހިގެން އޮންނަ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އެކުއިޒިޝަން ކޮސްޓުގެ ބާކީ ދައްކަން ޖެހެ އެވެ.
Comment