Advertisement

ސީރިޔާގައި ވެރިކަން ކުރާ އެޗްޓީއެސް އުނިކޮށް ރާއްޖެއިން ކަނޑައަޅާ ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓު އާންމުކޮށްފި

އެޗްޓީއެސްގެ ލީޑަރުގެ ގޮތުގައި ހުރު ސީރިއާގެ ވެރިކަމާ ހަވާލުވި އަބޫ މުހައްމަދު އަލް ޖޯލާނީ (ވ) އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއެކު ----


ސީރިޔާގައި ވެރިކަން ކުރާ އެޗްޓީއެސް އުނިކޮށް ރާއްޖެއިން ކަނޑައަޅާ ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓު އާންމުކޮށްފި

މީގެ ދެ އަހަރު ކުރިން ސީރިއާގެ ދުވަސްވީ ވެރިކަން ވައްޓާލައި ސަރުކާރާ ހަވާލުވި ހަނގުރާމަވެރި ޖަމާއަތް ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) އުނިކުރުމަށްފަހު ދިވެހި ސަރުކާރުން ޓެރަރިސްޓު ޖަމާއަތްތަކުގެ ގޮތުގައި ދެކޭ ޖަމާއަތްތަކުގެ ލިސްޓު އާންމުކޮށްފި އެވެ.

ސަރުކާރުން ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓު އާންމުކޮށްފައި މިވަނީ އެއް އަހަރުގެ މެދު ކެނޑުމަކަށްފަހު އެވެ. ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންޖެހޭ ލިސްޓު އެންމެ ފަހުން ނެރުނީ 2024 ވަނަ އަހަރު ނިމެން އެންމެ ދުވަހަކަށްވެފައި އޮއްވަ އެވެ.

ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންޖެހޭ މި ލިސްޓު މިދިޔަ އަހަރު އާންމުނުކުރި ސަބަބެއް ސަރުކާރަކުން ނުބުނެ އެވެ. އެންމެ ފަހުން ނެރުނު ލިސްޓުގައި ހިމެނުނު ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓުން މިފަހަރު އުނިކޮށްފައިވަނީ އެޗްޓީއެސް އެކަންޏެވެ.

އެ ޖަމާއަތަކީ ޓެރަރިސްޓު ގްރޫޕެއްގެ ގޮތުގައި ރާއްޖެއިން ކަނޑައެޅީ އޮކްޓޯބަރު 31، 2019، ގަ އެވެ. އޭގެ ފަހުން ނެރުނު ހުރިހާ ލިސްޓެއްގައި ވެސް އެ ޖަމާއަތް އޮތެވެ. އަދި 2024 ވަނަ އަހަރުގެ ފަހު ދުވަހު ލިސްޓު ނެރުނު އިރު އެ ޖަމާއަތުން ވަނީ ސީރިއާގެ ވެރިކަމާ ވެސް ހަވާލުވެފަ އެވެ.

އެޗްޓީއެސް އިން ސީރިއާގެ ވެރިކަމާ ހަވާލުވީ އެ ގައުމުގައި 24 އަހަރު ވެރިކަން ކުރެއްވި ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅަށް އެތައް އަހަރެއް ވަންދެން ކުރި ދާހިލީ ހަނގުރާމައަށްފަހު އެވެ. މި ހަނގުރާމާގައި އެޗްޓީއެސް އާއި އެ ސީރިއާގައި ހަރަކާތްތެރިވާ އެހެން ހަނގުރާމަވެރި ޖަމިއްޔާތަކުން ވެސް ބައިވެރިވި އެވެ.

އެޗްޓީއެސް އަކީ މެދުއިރުމަތީގައި އުފަންވެ ފެތުރުނު އިސްލާމިކް ސްޓޭޓް (އައިސިސް) ގެ ތެރެއިން އުފެދުނު ޖަމާއަތެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. މި ޖަމާއަތުގައި ދިވެހިން ވެސް ހަރަކާތްތެރިވެ އެވެ. އަސަދުގެ ވެރިކަން ވައްޓާލަން ހިންގި އޮޕަރޭޝަނުގައި ދިވެހިން ބައިވެރިކަން މި ނޫހުން ވާނީ ރިޕޯޓުކޮށްފަ އެވެ.

އެޗްޓީއެސް އުނިކުރުމާއެކު މިވަގުތު ދިވެހި ސަރުކާރުން ޓެރަރިސްޓު ޖަމާއަތްތަކުގެ ގޮތުގައި ބަލައިގަންނަނީ 19 ގްރޫޕެކެވެ. އަދި މީގެ ކުރިން ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި އޮތް ސީރިއާގެ ހުރިހާ ސަރަހައްދަކީ ހަނގުރާމަވެރި ސަރަހައްދެއް ނޫން ކަމުގައި ވެސް މިފަހަރު ވަނީ ކަނޑައަޅާފަ އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ބުނާގޮތުން މިގޮތަށް ކަނޑައަޅާ ސަރަހައްދަކަށް ދަތުރުކުރުމަކީ ވެސް ގާނޫނީ ކުށެކެވެ.