Advertisement

ޗާގޯސް ސިޔާދަތާ ގުޅޭ މައްސަލައަކީ ރާއްޖެއާ ބެހޭ މައްސަލައެއް ނޫން: އިނގިރޭސިވިލާތް

އިނގިރޭސި ބޮޑުވަޒީރު ސްޓާމާ އަދި ރައީސް މުއިއްޒު. އިނގިރޭސި ސަރުކާރާ ހިއްސާކުރި ކަންބޮޑުވުންތައް ބަލައިގެންފައި ނުވޭ ---


ޗާގޯސް ސިޔާދަތާ ގުޅޭ މައްސަލައަކީ ރާއްޖެއާ ބެހޭ މައްސަލައެއް ނޫން: އިނގިރޭސިވިލާތް

އިނގިރޭސިވިލާތުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލި މައްސަލައާ ގުޅިގެން ރާއްޖެއިން ހިއްސާކުރި ކަންބޮޑުވުންތައް ބަލައިނުގަނެ އެ މައްސަލައަކީ ރާއްޖެއާ ބެހޭ މައްސަލައެއް ނޫން ކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފި އެވެ.

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބުން މާ ހައްގު ކަމަށް ވިދާޅުވެ، އިނގިރޭސިވިލާތުގެ ސަރުކާރަށް ސިޓީއެއް ރައީސް މުހައްމަދު މުއިއްޒު ދެ ސިޓީއެއް ފޮނުވި އެވެ. އެއް ސިޓީ ނޮވެމްބަރު 2024، ގައި ފޮނުވިއިރު ދެވަނަ ސިޓީ ފޮނުވީ ޖެނުއަރީ 2026، ގަ އެވެ.

"ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލައަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް ކަމެއްކަން އެކި ކޯޓުތަކާއި، ނިންމުންތަކާއި އަދި މުއައްސަސާތަކުން ވަނީ ސާފުކޮށްދީފައި،" އިނގިރޭސި ފޮރިން މިނިސްޓްރީން ތުރުކީގެ އެންމެ ބޮޑު އެއް މީޑިއާ ކަމަށްވާ އަނަދަލޫ އެޖެންސީއިން އެކަމާ ގުޅޭ ސުވާލު ކުރުމުން ޖަވާބު ދީފައިވެ އެވެ.

ނޮވެމްބަރު 10، 2024 ގައި ފޮނުވި ސިޓީއަށް އިޖާބަ ނުދީ މެއި، 2025، ގައި އިނގިރޭސި ސަރުކާރުން މޮރިޝަސްއާ ޗާގޮސް ހަވާލުކުރި އެވެ. ޗާގޯސްގެއް ރަށްތަކުގެ ތެރެއިން ޑިއޭގޯ ގާސިއާގައި ބޮޑު އަސްކަރީ މަރުކަޒެއް ހިންގަމުންދާ އެމެރިކާއިން އެ އެއްބަސްވުމަށް ފުރަތަމަ ރުހުނެވެ.

ނަމަވެސް، ފަހުން އެ ގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕު އެ އެއްބަސްވުމާ ދެކޮޅު ހައްދަވައި އިނގިރޭސި ސަރުކާރަށް ޕްރެޝަރުތަކެއް ކުރިމަތި ކުރުވި އެވެ. ދެވަނަ ސިޓީއެއް މުއިއްޒު ފޮނުވީ ޓްރަމަޕް އެ އެއްބަސްވުމަށް ނުރުހޭކަން ހާމަކުރެއްވި ފަހުންނެވެ.

ފެބްރުއަރީ 2، 2025 ގައި މުއިއްޒު ޓްރަމްޕަށް ޑީލެއް ވެސް ހުށަހެޅުއްވި އެވެ. އެމެރިކާގެ ނިއުސްވީކް މެގަޒިންއަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ބަދަލުކޮށްފި ނަމަ، ޑިއޭގޯ ގާސިއާގައި ގާއިމުކޮށްފައިވާ މަރުކަޒު ހިންގަން ފުރުސަތު ދޭނެ ކަމަށެވެ. އެ ޑީލަށް އެމެރިކާ ސަރުކާރު އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.

ރިޔާސީ ބަޔާން އިއްވި ފެބްރުއަރީ 5، 2026 ގައި މުއިއްޒު ވަނީ ރާއްޖެ އާއި ޗާގޯސްއާ ދެމެދު އޮންނަ ކަނޑުގެ އިން ކަނޑައެޅުމަށް އިންޓްނޭޝަނަލް ޓްރައިބިއުނަލް އޮފް ލޯ އެންޑް ސީ (އިޓްލޮސް) އިން ނިންމި ނިންމުމަށް ގޮންޖައްސަވައި، ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގެ ގޮތުގައި ގެއްލުނު ކަނޑުގެ ސަރަހައްދު ވެސް ހިމަނައިގެން ބެލުމަށް ނިންމާފަ އެވެ.

އިޓްލޮސް އިން ރާއްޖޭގެ ދެކުނުން ބޯޑަރު ކަނޑައެޅުމުން، ދެކުނުން ރާއްޖެއަށް ލިބޭ 200 ނޯޓިކަލް މޭލުން ބައެއް ގެއްލުނެވެ. ރާއްޖޭގެ އުތުރުން ވެސް 200 ނޯޓިކަލް މޭލެއް ހަމައެއް ނުވެ އެވެ. އެއީ 1976 ވަނަ އަހަރު އިންޑިއާ، ރާއްޖެ އަދި ލަންކާއާ ދެމެދު ބޯޑަރު ބެހުމުގެ އެގްރިމެންޓުން ކަނޑައެޅި ގޮތެކެވެ.

އެ ނިންމުމާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން އެ ސަރަހައްދުގެ ކޮންޓްރޯލް ނެގިކަން ޑިފެންސް މިނިސްޓްރީން އެ ރޭ އިއުލާން ކުރި އެވެ. މޮރިޝަސްއަށް ބައިނަލްއަގްވާމީ ކޯޓުން ދިން ބަޔަށް ދިވެހި ސިފައިން ވަދެ އޮޕަރޭޝަނެއް ހިންގިކަން އެ ރޭ އިއުލާން ވެސް ކުރި އެވެ.

އިނގިރޭސި ސަރުކާރުން މޮރިޝަސް އާއެކު ހެދި އެއްބަސްވުމަށް ޓްރަމްޕުގެ ރުހުން އޮތްކަން ހާމަކުރެއްވީ ދިވެހި ސަރުކާރުން އެ ދެ އިއުލާން ކުރި ފަހުން އެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަކީ މިވަގުތު ހެދެން އޮތް އެންމެ ރަނގަޅު ޑީލް ކަމަށް ވިދާޅުވެ އިނގިރޭސި ސަރުކާރުގެ ނިންމުމަށް އެމެރިކާގެ ތާއިދު އޮތްކަން ހާމަކުރި އެވެ.

ދުނިޔޭގެ ގަދަ ދެ ބާރަކުން މިގޮތަށް އަމަލުކޮށްފައިވުމުން "ދޫކޮށްލި ކަނޑުގެ ސަރަހައްދު" އަނބުރާ ހޯދުމަށް މުއިއްޒު ވެފައިވާ ވައުދު ފުއްދޭނެ ގޮތެއް މިހާރަކު ނެތެވެ. ރާއްޖޭގެ ސަރަހައްދު ގުނާނީ "ދޫކޮށްލި ކަނޑުގެ ސަރަހައްދު" ހިމެނޭ ގޮތަށް ކަމަށް ރާއްޖޭގެ ގާނޫނުގައި ކަނޑައެޅިޔަސް ބައިނަލްއަގުވާމީ ގައުމުތަކުން އެގޮތަށް ބަލައިނުގަންނާނެ އެވެ. އަދި ޗާގޯސް، މޮރިޝަސްއާ ހަވާލުކުރުމުން "ދޫކޮށްލި ކަނޑުގެ ސަރަހައްދު" ގައި ރާއްޖެއިން އެއްވެސް އަސްކަރީ އޮޕަރޭޝަނެއް ހިންގައިފިނަމަ އެއީ މޮރިޝަސްގެ ސިޔާދަތަށް އަރައިގަތުން ކަމަށް ބެލެވޭނެ އެވެ.

މޮރިޝަސްއާ ޗާގޯސް ހަވާލުކުރުން

އިނގިރޭސިވިލާތުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން އެއްބަސްވީ އދ. އިން އެދެމުންދާތާ އެތައް އަހަރެއް ފަހުންނެވެ. އެގޮތަށް އެކަން ކުރުމަށް އަންގާ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ އެޑްވައިޒަރީ އޮޮޮޕީނިއަންއެއް ދީފަ އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ވެސް ވަނީ ނިންމާފަ އެވެ. މޮރިޝަސް އިން ޗާގޯސްގެ ސިޔާދަތީ ބާރަށް ދައުވާ ކުރަނީ، އަސްކަރީ ބޭސް އަޅަން ޗާގޯސްގެ 2000 އެއްހާ މީހުން މޮރިޝަސްއަށް ފޮނުވާލީމަ އެވެ.

އެ ނިންމުމަށް ރިއާޔަތްކޮށް ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި ރާއްޖެއާ ޗާގޯސް ޖަޒީރާއާ އާ ދެމެދުން ފުށޫއަރާ ކަނޑުގެ ސަރަހައްދު އެ ކޯޓުން ބައި ކުރީ އިކިއިޑިސްޓެންސްގެ ހަމައިންނެވެ.

ޗާގޯސްގެ ހުރިހާ ރަށްތަކެއްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ އެއްބަސްވުމުގައި ސޮއިކުރީ މެއި 2025، ގަ އެވެ. ނަމަވެސް އެ ރަށްތަކުގެ ތެރެއިން ޑިއޭގޯ ގާސިއާ 99 އަހަރަށް އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދަ އެމެރިކާ އާއި އިނގިރޭސިވިލާތަށް އެ އެއްބަސްވުމުގެ ދަށުން ލިބޭނެ އެވެ.

އެ އެއްބަސްވުމުގެ ދަށުން އަހަރެއްގެ މައްޗަށް އެވެރެޖު ގޮތެއްގައި 101 މިލިއަން ޕައުންޑް މޮރިޝަސްއަށް އިނގިރޭސިވިލާތުން ދައްކާނެ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ މަސްދަރަކާ ހަވާލާދީ ބީބީސީއިން ބުނެ އެވެ. ފުރަތަމަ ތިން އަހަރު 165 މިލިއަން ޕައުންޑް ދައްކަން ޖެހޭ މި އެއްބަސްވުމުގެ ޖުމުލަ އަގު 3.4 ބިލިއަން ޕައުންޑަށް އަރާނެ އެވެ.

އޭގެ އިތުރުން ކުރިއަށް އޮތް 25 އަހަރުގެ ތެރޭގައި މޮރިޝަސްގައި ހިންގާ ތަރައްގީގެ ޕްރޮޖެކްޓުތަކަށް ޓްރަސްޓު ފަންޑެއް މެދުވެރިކޮށް އިނގިރޭސިވިލާތުން ހޭދަކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ. މި އެއްބަސްވުން އިތުރު 40 އަހަރަށް ދަންމާލުމުގެ މާއްދާއެއް ވެސް ވަނީ ހިމަނާފަ އެވެ.