Advertisement

މުއިއްޒުގެ ރިޔާސީ ބަޔާނުން ކުރީގެ ވައުދުތައް ކަފުންކޮށް، އުފަން ކުރުވީ އާ ދޮގުތަކެއް: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު


މުއިއްޒުގެ ރިޔާސީ ބަޔާނުން ކުރީގެ ވައުދުތައް ކަފުންކޮށް، އުފަން ކުރުވީ އާ ދޮގުތަކެއް: ޝާހިދު

ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ރިޔާސީ ބަޔާނުން ކުރިން ވެވަޑައިގެންނެވި ވައުދުތައް ކަފުންކޮށް، "އާ ދޮގުތަކެއް" އުފަން ކުރުވާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ކުރީގެ ވައުދުތައް މަތިން ހަނދާން ނައްތައިލެއްވުމަށްފަހު އަނެއްކާ ވެސް އާ ކަންކަމުގެ ވާހަކަ ދެއްކުމުގެ މާނައަކީ އެއްވެސް އަގެއް ބަޔަކަށް ރައްޔިތުން ހެދުން ކަމަށެވެ.

"ފާއިތުވެދިޔަ ދެ އަހަރުގެ ރިޔާސީ ބަޔާނުގައި ވައުދު ވެވަޑައިގެންނެވި އެއްވެސްކަމެއް ކުރެވިފައި ނެތް އިރު އެ ވައުދުތައް ވަޅުލައި ކަފުންކޮށްފައި، އިތުރު ދޮގުތަކެއް ރައްޔިތުންގެ ކުރިމަތީ ހާމަ ކުރެއްވުމަކީ ރައްޔިތުން އަގެއްނެތް ބަޔަކަށް ހެއްދެވުން،" ޝާހިދު ވިދާޅުވި އެވެ.

މުއިއްޒުގެ ރިޔާސީ ބަޔާން ޝާހިދު ސިފަ ކުރެއްވީ އަވާމެންދުރެއް އަދި ނަނާ ހުވަފެނެއް ގޮތަށެވެ.

"ރައީސް މުއިއްޒުގެ މި ހިނގާ ރިޔާސީ ދައުރުގައި މިއަދު އިއްވެވި ތިން ވަނަ ރިޔާސީ ބަޔާން ވެސް ފާހަގަވެގެން މިދިޔައީ، ފާއިތުވެދިޔަ ދެ ރިޔާސީ ބަޔާނެކޭ އެއްފަދަ، އަވާމެންދުރެއް ފަދަ ރިޔާސީ ބަޔާނެއްގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ. "މިއަދުގެ ރިޔާސީ ބަޔާން އޮތީ، އިންތިހާބެއް ބޯމަތިވެފަ އޮތީތީ ރައްޔިތުންނަށް ދެއްކެވި ނަނާ ހުވަފެނެއްގެ ގޮތުގައި."

އެކްސްގައި ކުރެއްވި ޕޯސްޓުގައި ޝާހިދު ވަނީ، ގައުމުގެ ހަގީގީ ހާލަތު މުއިއްޒު ސިއްރު ކުރެއްވި ކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ ގައުމުގެ މައްސަލަތަކަށް ކުރިމަގުގައި ހައްލެއް ފެނުމުގެ އުއްމީދު ކުޑަ ކަމަށެވެ.

"މިއަދުގެ ހަގީގަތަކީ ފަތު އަޑުކިޔާފައި ތަކެތީގެ އަގު އުފުލެމުން ދިއުން. ޑޮލަރުގެ އަގު އަތް ނުފޯރާފަށަށް އުފުލި، ވިޔަފާރިތައް އިނދަޖެހި، އިގްތިސާދު ފާލުން ނެއްޓި، މުޅި ގައުމަށް ކުރިމަތިވެފައިވާ ގިލަންވެރިކަމަށް އެއްވެސް ހަލެއް ފެންނަންނެތުން،" ޝާހިދު ވިދާޅުވި އެވެ.