Advertisement

ޒުވާނުން ދަނީ ގޭންގުތަކާ ދުރުވަމުން ކަމަށް މުއިއްޒު ވިދާޅުވެއްޖެ

about 2 hours 0


ޒުވާނުން ދަނީ ގޭންގުތަކާ ދުރުވަމުން ކަމަށް މުއިއްޒު ވިދާޅުވެއްޖެ

about 2 hours 0

ގޭންގު ކުށްތައް ހުއްޓުވުމަށްޓަކައި އަމަލު ކުރަން ފެށި އާ ގާނޫނުގެ ސަބަބުން ޒުވާނުން ކުށް ކުރާ ގޭންގުތަކާ ދުރުވަމުން އަންނަ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކުރިން ގޭންގުތަކުގައި ހަރަކާތްތެރިވި ޒުވާނުން އެފަދަ ކުށްތަކާ ދުރުވާން ފަށާފައިވާ ކަމަށާއި އެކަމަށް ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ.

"މިދިޔަ އަހަރު އަމަލު ކުރަންފެށި ގާނޫނު ވުޖޫދު ކުރެވުނު ހިސާބުން ފެށިގެން ގޭންގު ހަރަކާތްތައް މަދުވެ، އެކަމުގެ ތެރޭގައި އުޅުނު ގިނަ ޒުވާނުން އެކަމުން ދުރުވާން މަސައްކަތް ފަށާފައިވާކަން ފާހަގަކުރަން. އަދި މިފަދަ ޒުވާނުންނަށް ސަރުކާރުން މަރުހަބާ ކިޔާ، ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި އުޅުމަށް ފޯރުކޮށްދޭންޖެހޭނެ ހުރިހާ ފުރުސަތުތަކެއް ސަރުކާރުން ފޯރުކޮށްދޭނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ގޭންގުތަކުން ޒުވާނުން ނުކުންނަން ފަށާފައިވާ ކަމަށް މުއިއްޒު މިއަދު ވިދާޅުވިއިރު، ޑިސެމްބަރު، 2025، ގައި ވިދާޅުވީ ގޭންގުގެ ގޮތުގައި ކަނޑައަޅާނެ ބަޔަކު މިހާރު ރާއްޖޭގައި ނުއުޅޭ ކަމަށެވެ.

"އަޅުގަނޑު އިހަށް ދުވަހު އަހާލައިފިން ހޯމް މިނިސްޓަރު ކައިރީގައި ކޮބާ މިހާރު ކިތައް ގޭންގު ކަނޑައެޅިއްޖެ ހެއްޔޭ، ހޯމް މިނިސްޓަރު ވަރަށް އުފާވެލާފައި ވިދާޅުވީ މިހާރު ނެތޭ، ތިމަންނަމެން ޕީޖީއަށް ފޮނުވައިގެން ޕީޖީ ވިދާޅުވިޔޭ ނެތޭ އަދި ތިޔަ ޝަރުތު ހަމަވާ އެއްވެސް ގޭންގެއް،" މުއިއްޒު ވިދާޅުވެފައިވެ އެވެ.

ނަމަވެސް އޭގެ ފަހުން، ކުށްކުރާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައެޅުމުގެ ގާނޫނީ މަސައްކަތް ފުލުހުން ފެށި އެވެ. އަދި ގޭންގުތައް ރާއްޖޭގައި ހަރަކާތްތެރިވާ ކަމަށް ދޭހަވާ މޭރުމަކުން ސަރުކާރުގެ ބައެއް އޮފިޝަލުން ވެސް ވާހަކަ ދައްކާފައިވެ އެވެ. އެ ވާހަކަ މިއަދު ރައީސް ވެސް ފާހަގަ ކުރެއްވި އެވެ.

ނަމަވެސް އިސްލާހުނުވެ، ގޭންގު ކުށުގެ މާހައުލުގައި ހަރަކާތްތެރިވާ ނަމަ އެމީހަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ނަމަވެސް، ގާނޫނު އައުމަށް ފަހުގައިވެސް ގޭންގުގެ ގޮތުގައި ހަރަކާތްތެރިވެ ކުށުގެ މާހައުލުގައި އެއްވެސް ފަރާތަކުން އުޅޭނަމަ، ގާނޫނުގައިވާ ހަމަތަކުގެ މަތިން ފިޔަވަޅު އަޅާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ފާހަގަ ކުރެއްވި އަނެއް ކަމަަކީ، ގޭންގު ކުށުގެ މާހައުލުގައި ބޮޑުވާ ކުޑަކުދިންގެ މައްސަލަ އެވެ. އެފަދަ ކުދިން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ވާހަކަ ވެސް މުއިއްޒު ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން، މުޖުތަމައުގަ އަމަންއަމާންކަމާ ރައްކާތެރިކަން ގާއިމުކުރުމުގައި ހަގީގީ ދެމެހެއްޓެނިވި ހެޔޮ ބަދަލު ގެންނަން ޖެހޭ އަނެއް ދާއިރާ އަކީ އަތޮޅުތަކުގައި ނުރައްކާތެރި ހާލަތްތަކުގައި ތިބި ކުދިންނާއި އެކި ސަބަބުތަކަށްޓަކައި މާލެއަށް ގެނެވޭ ނުވަތަ މާލޭގައި ތިބި ކުދިންނަށް ބޭނުންވާ އިސްލާހީ ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ،" މުއިއްޒު ވިދާޅުވި އެވެ.