about 2 hours 0
އަމަން ހަލީމް
ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަނީ: ރައީސް ވަނީ މި އަހަރު ދައްކަން ޖެހޭ ބޭރު ދަރަނި ދެއްކޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ދެއްވާފައި --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
about 2 hours 0
ސުކޫކު އަނބުރާ ދައްކަން ކާގިލްއިން ބޮޑު އިންޓްރެސްޓުގައި ލޯނެއް ނަގަން އުޅޭ ކަމުގެ އަޑުގަދަވެފައި ވަނިކޮށް، "އަދާހަމައަށް" 9 ޕަސެންޓަށް ވުރެ ބޮޑު އިންޓްރެސްޓުގައި ލޯނެއް ނުނަގާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ބަޔާން އިއްވަވަމުން މުއިއްޒު މިހެން ވިދާޅުވީ، ސުކޫކު އަނބުރާ ދައްކަން ސަރުކާރުން ގެންގުޅޭ ޕްލޭނުގެ ބައެއް ތަފުސީލުތައް ހިއްސާކުރައްވަމުންނެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އަންނަ އޭޕްރިލްގައި، 2021 ގައި އެމްޑީޕީ ސަރުކާރުން ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކުގެ 150 މިލިއަން ޑޮލަރު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުން ދެއްކުމަށް ފަހު، ބާކީ 350 މިލިއަން ޑޮލަރު ރީފައިންނޭންސް ކުރާނީ އެވެ.
"މި ސުކޫކުގެ އެއްބައި އަނބުރާ ދެއްކުމަށްފަހު ބާކީވާ މިންވަރު ރީފައިނޭންސް ކުރުމަށް، އަދާހަމައަށް ސަރުކާރުން ނަގާފައިވާ އެއްވެސް ދަރަންޏެއްގެ އިންޓްރެސްޓް ރޭޓް ވޭތުވެދިޔަ ސަރުކާރުތަކުން ކަންކުރި ޒިންމާދާރުކަން ކުޑަ ގޮތަކަށް 9 އިންސައްތައަށް ވުރެ ބޮޑު ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނާ އަދި ތިޔަ އިއްޒަތްތެރި މަޖިލިސް މެންބަރުންނަށް އަރުވަން،" އެމަނިކުފާނު
މިއަދާ ހަމައަށް ބޮޑު އިންޓްރެސްޓުގައި ލޯނެއް ނުނަގާ ކަމުގެ ޔަގީންކަން ދެއްވި ނަމަވެސް، މުސްތަގުބަލުގައި އެ ވަރުގެ ލޯނެއް ނުނަގާނެ ކަމަކަށް މުއިއްޒު ވިދާޅެއް ނުވެ އެވެ. އަދި، ރީފައިނޭންސް ކުރަން ރާވާފައިވަނީ ލޯނެއް ނަގައިގެންތޯ ނުވަތަ ބޮންޑެއް ވިއްކައިގެންތޯ ވެސް އެމަނިކުފާނު ސާފުކޮށް ވިދާޅެއް ނުވެ އެވެ.
ރިޔާސީ ބަޔާނުގައި މުއިއްޒު ވަނީ ސުކޫކު މުއާމަލާތާ ގުޅުވާ، ކުރީ ސަރުކާރުން ދަރަނި މެނޭޖުކުރި ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މުއިއްޒު ވިދާޅުވީ، 2017 ގައި ވިއްކި 250 މިލިއަން ޑޮލަރުގެ ބޮންޑު ދައްކަން އެއަށް ވުރެ ބޮޑު އަގުގައި ނެގި ސުކޫކުގެ ފައިނޭންސިން އަގު "ޑަބަލް ޑިޖިޓްސް" އިން މައްޗަށް ގޮސްފައިވާ ކަމަށެވެ.
މުއިއްޒު ވަނީ މި އަހަރުގެ ތެރޭގައި ދައްކަން ޖެހޭ ދަރަނި އެއްވެސް ދައްޗެއް ނެތި ދެއްކޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އަރުވާފަ އެވެ. އަދި، ވޭތުވެދިޔަ ސަރުކާރުތަކުން ކަންކުރި ގޮތާ ހިލާފަށް މި ސަރުކާރުން ދަރަނި ދެއްކުމުގައި އިސްކުރާނީ، ދަރަނި އަދާކުރުމުގެ ބުރަ ކުޑަވާނެ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި އަހަރުގެ ތެރޭގައި ބޭރުގެ ދަރަނީގެ ގޮތުގައި އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ދައްކަން ޖެހެ އެވެ.
Comment