Advertisement

އިޓްލޮސް އިން ކަނޑައެޅި ރާއްޖޭގެ ސަރަހައްދީ އިމަށް ކިޔަމަން ނުވާން މުއިއްޒު ނިންމަވައިފި!

5 ފެބުރުވަރީ 2026 - 09:55 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މި އަހަރުގެ ރިޔާސީ ބަޔާން އިއްވަނީ -- ފޮޓޯ: މަޖިލިސް


އިޓްލޮސް އިން ކަނޑައެޅި ރާއްޖޭގެ ސަރަހައްދީ އިމަށް ކިޔަމަން ނުވާން މުއިއްޒު ނިންމަވައިފި!

5 ފެބުރުވަރީ 2026 - 09:55 1

ފޯޅަވަހި މައްސަލައާ ގުޅިގެން މިދިޔަ ސަރުކާރުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ އަނބުރާ ގެންނަން ނިންމަވައި، ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގެ ގޮތުގައި ގެއްލުނު ކަނޑުގެ ސަރަހައްދު ވެސް ހިމަނައިގެން ބެލުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ފެށުމަށް މިއަދު އޮތް ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން މުއިއްޒު ވިދާޅުވީ މިދިޔަ ސަރުކާރުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީ އަނބުރާ ގެންނަން ނިންމަވާފައިވާ ކަމަށެވެ. އަދި، ރާއްޖެ އާއި ފޯޅަވައްސާ ދެމެދު އޮންނަ ކަނޑުގެ އިން ކަނޑައެޅުމަށް އިންޓްނޭޝަނަލް ޓްރައިބިއުނަލް އޮފް ލޯ އެންޑް ސީ (އިޓްލޮސް) އިން ނިންމި ނިންމުމަށް ގޮން ޖައްސަވަން ވެސް އެމަނިކުފާނު ވަނީ ނިންމަވައިފަ އެވެ.

"ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައިވާ ދިވެހިރާއްޖޭގެ އާކިޕެލޮޖިކް ބޭސް ޕޮއިންޓުތަކަށް ހަވާލާދީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ގާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދުކަމަށް ނިންމައި، ތިޔަ އިއްޒަތްތެރި މަޖިލިސް މެންބަރުންގެ ހާޒިރުގައި އެކަން އިއުލާނުކުރަން،" މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެ ނިންމެވުން ނިންމެވީ، ގާނޫނީ މާހިރުންނާއި ވަޒީރުންނާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.

ދިވެހިރާއްޖޭގެ އިމުގެ މައްސަލައިގައި، ގާނޫނީ ގޮތުންނާއި އެ ނޫން ވެސް އެހެން ގޮތްގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި އެކަމަށް ހާއްސަ ސަރުކާރުގެ އޮފީހެއް ހެދުމަށް ވެސް ގާނޫނީ މާހިރުން ލަފާ އެރުވި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އޯގަސްޓު 22، 2022 ގައި އޭރުގެ ސަރުކާރުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީގައި ވާގޮތުން ކަނޑުގެ ސަރަހައްދުގެ މައްސަލާގައި ރާއްޖެއިން އެންމެ ކުރީއްސުރެ ގެންގުޅެފައިވާ ސްޓޭންޑު ދަމަހައްޓާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ. އެގޮތުން ސިޓީގައި ރައީސް ވިދާޅުވެފައިވަނީ ކަނޑުގެ މައްސަލާގައި ރާއްޖޭގެ ސްޓޭންޑު ބަދަލުނުވާނެ ކަމަށެވެ.

އަދި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށްވެސް އެ ސިޓީގައި ލިޔުއްވާފައިވެ އެވެ.

ސޯލިހުގެ ސިޓީގައި ކަނޑުން ބައެއް ގެއްލޭ ފަދަ ވާހަކައެއް ނެތްކަމަށާއި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ނިންމުމަށް އެއްވެސް އަސަރެއް ކުރާނެ ވާހަކައެއް ނެތް ކަމަށް، އެ ސިޓީ ދިރާސާކުރެއްވި ބާ ކައުންސިލުގެ ލޯ ރިފޯމް އެންޑު ރިސާޗު ކޮމިޓީން ވަނީ އޭރު ބުނެފަ އެވެ.

އެ ސިޓީގައި ވާގޮތުން ރާއްޖެއިން ސްޓޭންޑު ބަދަލުކޮށްފައިވަނީ ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިންގުމާމެދު އޮތް މައްސަލައިގަ އެވެ.

ޗާގޯސް ޖަޒީރާތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރުހިނގާ ތަނަކަށް ހަދަން އެގައުމުން ކުރާ މަަސައްކަތުގައި އޭގެ ކުރިން ރާއްޖޭން ވަކާލާތު ކުރަމުން ދިޔައީ އެގައުމާ ދެކޮޅެވެ. އދ. ގެ އާންމު މަޖިލީހުގައި 2019 ވަނަ އަހަރު ނެގި ވޯޓުގައި ރާއްޖޭން ވޯޓު ދިނީ ވެސް އެ ގައުމާ ދެކޮޅަށެވެ.

ޗާގޯސް އަކީ މޮރިޝަސްގެ ސަރަހައްދެއް ކަަމަށް ކަނޑައަޅަން އދ.ގެ އާއްމު މަޖިލީހުން 2019 ވަނަ އަަހަރު ނިންމީ އެގޮތަށް ފާސްކުރަން 116 ގައުމަކުން ވޯޓުދީގެންނެވެ. މޮރިޝަސްއާ ދެކޮޅަށް އެފަހަރު ވޯޓުދިނީ ރާއްޖޭގެ އިތުރުން އިނގިރޭސި ވިލާތް، އެމެރިކާ، އޮސްޓްރޭލިއާ، ހަންގޭރީ އަދި އިޒްރޭލެވެ. އެފަހަރު 56 ގައުމަކުން ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ.

ރާއްޖޭން އެ ފަހަރު ވޯޓު ދިން ގޮތާ މެދު ބައެއް ގައުމުތަކުން ނުރުހުން ފާޅުކުރިއިރު، އޭރު އިދިކޮޅުގައި އޮތް، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ވެސް ނިސްބަތްވެވެޑައިގެންނެވި ޕީޕީއެމުން ވެސް އެކަން ކުށްވެރިކޮށް ބަޔާނެއް ނެރުނެވެ.

ޕީޕީއެމުން މެއި 24، 2019 ގައި ނެރުނު ބަޔާނުގައި ބުނީ އެ ނިންމުމަކީ ދުނިޔޭގެ މައި ކޯޓާއި މޮރިޝަސްގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ގެއްލޭ އަމަލެއް ކަމަށެވެ. ރާއްޖެ އިން ވޯޓު ދިން ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް، އެ ބަޔާނުގައި އެކަން ކުށްވެރި ވެސް ކުރި އެވެ.

"މި މައްސަލައިގެ ހަގީގަތް ރައްޔިތުންނަށް އޮޅުވައިނުލައްވައި، ސާފުކޮށްދެއްވައި، މިކަމުގައި އަމަލުކުރެވިފައިވާ ގޮތާމެދު ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް،" ގޮވާލާ ކަމަށް ޕީޕީއެމް އިން ނެރުނު ބަޔާނުގައި ބުންޏެވެ.

ނަމަވެސް އެމްޑީޕީގެ ސަރުކާރުން އެ ސްޓޭންޑު ބަދަލުކުރުމާއެކު އިދިކޮޅުގައި އޮތް ޕީޕީއެމުން ވަނީ އަނެއްކާވެސް އެކަމަށް ފާޑުކިޔައި ގިނަ ހަރަކާތްތަކެއް ބާއްވައިފަ އެވެ. ސޯލިހުގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވި އެއް ކަމަކީ އެއީ އެވެ.