about 2 hours 0
މުހައްމަދު ޝަހްޒާން
about 2 hours 0
މި އަހަރުގެ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ތަގުރީރު ކުރައްވަމުން ގެންދަވަނިކޮށް، އިދިކޮޅު އެމްޑީޕީ މެންބަރުން އިހުތިޖާޖު ކުރުމުގެ ގޮތުން ކަށިގަނޑު ފުމެން ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން ބާއްވާ ޖަލްސާގައި މުއިއްޒު ގެންދަވަނީ މިހާރު ތަގުރީރު ކުރައްވަމުންނެވެ. އެމަނިކުފާނުގެ ވާހަކަ ފެށްޓެވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިދިކޮޅު އެމްޑީޕީން ވަނީ އިހުތިޖާޖު ކުރުމުގެ ގޮތުން ކަށިގަނޑު ފުމެން ފަށައިފަ އެވެ.
އޭގެ އިތުރުން، އެމްޑީޕީގެ ބައެއް މެންބަރުން ދަނީ އެކިއެކި ޝުއޫރުތައް ފާޅުކޮށް ލިޔެފައިވާ ލިޔުންތައް ވެސް މުއިއްޒުއަށް ފެންނާނޭހެން އަތުކޮޅަށް ނަގައި އިހުތިޖާޖު ކުރަމުންނެވެ.
މުއިއްޒުގެ ރިޔާސީ ބަޔާނާ ދެކޮޅަށް ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު އިހުތިޖާޖު ކުރައްވަނީ -- ފޮޓޯ: އަދަދު
މިއަދުގެ ޖަލްސާގެ ކުރިން އިއްޔެ އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީން ބުނެފައި ވަނީ ރިޔާސީ ބަޔާންތަކުގައި ރައީސް މުހައްމަދު މުއިއްޒު ދައްކަވާފައިވާ ގިނަ ވާހަކަތަކަކީ ދޮގު ކަމަށާއި ވައުދުވީ ގޮތަށް ގިނަ މަސައްކަތްތަކެއް ނުހިނގާ ކަމަށެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުން އިއްޔެ ބޭއްވި ބައްދަލުވުމުގައި އެ މެންބަރުން ވަނީ ވޭތުވި ދެ އަހަރުގެ ރިޔާސީ ބަޔާނުގައި ވައުދުވެފައި ހުރި މަސައްކަތްތައް ހިނގާފައި ހުރި މިންވަރު ކިޔައިދީފަ އެވެ.
އެ ގޮތުން ނޫސްވެރިންގެ ބައްދަލުވުން ފަށަމުން ވާހަކަ ދެއްކެވި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ވޭތުވި ދެ އަހަރުގެ ރިޔާސީ ބަޔާނުގައި ހުރި ކަންކަން އެ ޕާޓީން ދިރާސާކުރިއިރު، ކޮންމެ ދާއިރާއަކަށް ބެލި ކަމުގައި ވިޔަސް ރިޔާސީ ބަޔާންތަކުގައި ހުރީ ދޮގު ކަމަށެވެ.
"އަޅުގަނޑުމެން ބެލިބެލުމުގައި ގައުމިއްޔަތޭ، އިގުތިސޯދޭ، އިސްލާމް ދީނޭ، ސަގާފަތޭ، އިންފްލޭޝަނޭ، މިހެން ކިޔާނެ ކަމެއް ނެތް، ކޮންމެ ދާއިރާއަކަށް ބަލާލިއިރުގައި ވެސް ހުރީ ހުސް ދޮގު ހަދާ، ރައްޔިތުންނަށް އޮޅުވާލާފައި،" އޭނާ ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި އެމްޑީޕީން އިހުތިޖާޖު ކުރަމުންދާއިރު، މުއިއްޒު ގެންދަވަނީ އިހުތިޖާޖަށް ބެއްލެވުމެއް ނެތި، ތަހުރީރު ކުރިއަށް ގެންދަވަމުންނެވެ.
Comment