Advertisement

ޕެންޝަން އޮފީހުގެ އިތުބާރު ވެއްޔާ މޮޑެވިއްޖެ: ޝާހިދު

ފައިސާ ޗާޕްކުރަން ޕެންޝަން ބޯޑުގެ ނިންމުމަށް ވޯޓު ދެއްވި ހަތަރު މެންބަރުން


ޕެންޝަން އޮފީހުގެ އިތުބާރު ވެއްޔާ މޮޑެވިއްޖެ: ޝާހިދު

ރައްޔިތުންގެ މުސްތަގުބަލަށްޓަކައި ރައްކާކޮށްފައިވާ ޕެންޝަން ފަންޑުގެ ފައިސާ، މާލީ ސެކިއުރިޓީޒްގެ މުއާމަލާތެއްގެ ސިފަ ޖައްސައިގެން "ފައިސާ ޗާޕުކުރުމަށް" ބޭނުންކުރަން ނިންމުމާ ގުޅިގެން، ޕެންޝަން އޮފީހާމެދު ރައްޔިތުންގެ އޮތް އިތުބާރު މިއަދު މިވަނީ ވެއްޔާ މޮޑެވިއްޖެ ކަމަށް، އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޕެންޝަން ފަންޑުގައި ހުރި ފައިސާފެ ތެރެއިން 2.4 ބިލިއަން ރުފިޔާ ސަރުކާރު ބޭނުމަށް ދޭން ނިންމުމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން ރައީސް މުހައްމަދު މުއިއްޒު އާއި ޕެންޝަން ބޯޑަށް އަމާޒު ވެފައި ވަނިކޮށް އެމްޑީޕީގެ ވެރިކަމުގައި ފޮރިން މިނިސްޓަރަކަށް ވެސް ހުންނެވި ޝާހިދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސިފަކުރެއްވީ ޕެންޝަން ބޯޑުގެ ނިންމުމަކީ ސަރުކާރުން ބަޖެޓަށް ބޭނުންވާ ފައިސާ ހޯދަން ނުކުޅެދުމުން، މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލައިގެން ހިންގާފައިވާ ބޮޑު ބޭއިންސާފެއްގެ ގޮތުގަ އެވެ.

މި ނުރައްކާތެރި މުއާމަލާތް ހިންގަން މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރުމާއެކު އެންމެ ފުރަތަމަ ޕެންޝަން ބޯޑުގެ ޗެއާޕާސަން އާއި ބޯޑުގެ ދެ މެންބަރެއްގެ އިތުރުން، ސީއެފްއޯ ވެސް އިސްތިއުފާ ދެއްވި އެވެ. އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި ފިނޭންސް މިނިސްޓްރީން އައްޔަން ކޮށްފައި ހުރި މެންބަރުން ވެސް ހިމެނެ އެވެ.

ފައިސާ ޗާޕްކުރަން ޕެންޝަން ބޯޑުން ނިންމި މައްސަލައާ ގުޅިގެން ޝާހިދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، މިއީ ރާއްޖޭގެ އިގުތިސާދީ ހާލަތާ ނުބައްދަލު، ނޭދެވޭ އަސަރުކުރާނެ ނުރައްކާތެރި ފިޔަވަޅެއްކަން އިސްތިއުފާ ދެއްވި ބޭފުޅުންނާއި މާހިރުންގެ ބަޔާންތަކުން އެނގޭ ކަމަށެވެ.

"ސަރުކާރަށް ބަޖެޓަށް ބޭނުންވާ ފައިސާ ހޯދަން ނުކުޅެދުމުން، އެކަމުގެ އަގު މުޅި ދިވެހި އިގުތިސާދު ދައްކަން ޖެހުމަކީ ދިވެހި ރައްޔިތުންނަށް ވެވޭ އަނިޔާއެއް. ބޭއިންސާފެއް. މި ބޮޑު މުއާމަލާތުގެ މައުލޫމާތު ރައްޔިތުންނަށް ހާމަ ނުކުރުމުގެ ނަތީޖާ އެއްގެ ގޮތުން ޕެންޝަން އޮފީހާމެދު ރައްޔިތުންގެ އޮތް އިތުބާރު މިއަދު މި ދަނީ ވެއްޔާ މޮޑެވެމުން،"ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރު އައި ފަހުން މިނިވަން މުއައްސަސާތަކުގެ މަސައްކަތް ހީނަރުވަމުންދާ ކަމީ، ރާއްޖެއަށް ހެޔޮ ވެރިކަމެއް ބޭނުންވެފައިވާ ކަމުގެ އަލިގަދަ ހެއްކެކެވެ.

"މި ފަދަ ބޮޑު މައްސަލައެއްގައި، މަޝްވަރާ ނުކޮށް، ހުދުމުހުތާރުކަން އިސްކުރުމަކީ ސަރުކާރުގެ ނުކުޅެދުންތެރިކަން،" އޭނާ ވިދާޅުވިއެވެ.

މިއީ ގެއްލުން ބޮޑު މުއާމަލާތެއް ކަމަށް ވިދާޅުވެ ޕެންޝަން ބޯޑުގެ ޗެއާމަނަކަށް ހުންނެވި އަހުމަދު އިނާޒާއި އެ ބޯޑުގައި ޕްރައިވެޓު ސެކްޓާ ތަމްސީލުކުރައްވަން ހުންނެވި އަހުމަދު ސަރުވަޝް އާދަމް ވަނީ އެ ބޯޑުން އިސްތިއުފާ ދެއްވާފަ އެވެ.

އިނާޒާއި ސަރުވަޝް ވެސް ވިދާޅުވީ ދައުލަތުގެ މާލީ ހާލަތު މިހާ ގޯސް ދަނޑިވަޅެއްގައި މި މުއާމަލާތުގެ ސަބަބުން ކައިރި އަދި ދުރު މުސްތަގުބަލުގައި ވެސް ނުރަނގަޅު އަސަރުތައް ކުރާނެ ކަމަށެވެ.

އޭގެ އިތުރުން، އެ ބޯޑުގައި ފިނޭންސް މިނިސްޓްރީ ތަމްސީލުކުރައްވަން ހުންނެވި އަޝްރަފް ރަޝީދާއި އެ އޮފީހުގެ ސީއެފްއޯއަކަށް ހުންނެވި ހައްވާ ފަޖުވާ ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ މީހުން ވެސް އިސްތިއުފާ ދިނީ ބޮންޑު މުއާމަލާތް ހިންގަން އުޅޭތީ އެވެ.

މި މުއާމަލާތާ ގުޅިގެން ގިނަ ބަޔަކު ފާޑުކިޔަމުން ދަނިކޮށް ޕެންޝަން ބޯޑުގެ ނިންމުން ދިފާއު ކުރައްވަ އިއްޔެ އެ އިދާރާއިން ބަޔާނެއް ނެރުނެވެ.

ފައިސާ ޗާޕް ނުކުރާނެ ކަމަށް ތަކުރާރުކޮށް މުއިއްޒު ވިދާޅުވި ނަމަވެސް ފައިސާ ޗާޕް މިކުރީ މާލީ ހާލަތު ގޯސްވެފައި ވަނިކޮށެވެ.

ޕެންޝަން ފަންޑާ ކުޅުމަކީ ބޮޑު ގޯހެއް ކަމަށާއި އިގުތިސާދީ ގޮތުން ގައުމު މިދަނީ ކަނު ބަނދެވި ތިބެ އަނދަވަޅަކަށް ވެއްޓެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ކަށަވަރު ވެފައިވާ ގޮތުގައި ޕެންޝަން ބޯޑުގެ އިއްޔެގެ ނިންމުމަށް ވޯޓު ދެއްވީ މިޒުނާ އަހުމަދު އާއި، އަބްދުލް މަޖީދު އަލީ އާއި މުހައްމަދު މާދިން ލަތީފް އަދި އާމިނަތު ޝަޒުރާ މޫސާ އެވެ. އިއްޔެގެ ބައްދަލުވުމަށް ޝިފާޒާ ވަޖީދު ވަޑައެއް ނުގަންނަވަ އެވެ.