Advertisement

ފައިސާ ޗާޕުކުރުމުގެ މުއާމަލާތުގައި ހާމަކަމެއް ނެތުމުން ފައްޔާޒުގެ މުހިންމު ސުވާލުތަކެއް


ފައިސާ ޗާޕުކުރުމުގެ މުއާމަލާތުގައި ހާމަކަމެއް ނެތުމުން ފައްޔާޒުގެ މުހިންމު ސުވާލުތަކެއް

ޕެންޝަން އޮފީހުން ގަނެފައިވާ ބޮންޑުތަކެއް އެމްއެމްއޭއަށް ވިއްކާލުމަށްފަހު، އެ ފައިސާ ފިނޭންސް މިނިސްޓްރީގެ އާ ބޮންޑަކަށް އިންވެސްޓުކުރާ ގޮތަށް ހިންގަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މުއާމަލާތުގައި އެއްވެސް ހާމަކަމެއް ނެތުމުން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މި މުއާމަލާތާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ޕެންޝަން އޮފީހުން ހިއްސާކުރި މައުލޫމާތުތަކުގައި ވާގޮތުން ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވަނީ ދިވެހި ރުފިޔާ އަދި އެމެރިކާ ޑޮލަރުން ޖުމުލަ 2.4 ބިލިއަންގެ ބޮންޑެއްގައި އިންވެސްޓު ކުރުމަށެވެ. އެ މުއާމަލާތް ހިންގުމަށް ޕެންޝަން އޮފީހުގެ ބޯޑުން ވަނީ ރުހުން ދީފަ އެވެ.

އެ މުއާމަލާތް ހިންގަން އުޅެނީ ސިއްރުން ކަމަށާއި އިދާރާތައް ފެއިލްވަނީ ހާމަކަމެއް ނެތުމުން ކަމަށް މިދިޔަ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު އެކްސްގައި ލިޔުއްވި އެވެ. އޭނާ ވަނީ މުހިންމު ސުވާލުތަކެއް ވެސް އެ އޮފީހަށް އަމާޒުކުރައްވާފަ އެވެ.

މިކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ފިނޭންސް މިނިސްޓްރީން ރަސްމީކޮށް ބަހެއް ބުނެފައި ނުވަނީ ކީއްވެގެންތޯ ފައްޔާޒު ސުވާލު ކުރެއްވި އެވެ. އޭނާ ކުރި ސުވާލުތަކަކީ؛

  • މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ އެސެޓްތައް ވިއްކާލަނީ ކީއްވެގެންތޯ؟ އެއިން ލިބޭ ފައިސާ އަލުން އިންވެސްޓް ކުރަނީ ކިހިނެއް، އަދި ކޮން އުސޫލުތަކަކުންތޯ؟
  • މީގެ ސަބަބުން ޕެންޝަން ލިބޭ ފަރާތްތަކަށާއި ރިޓަޔާ ކުރާ ފަރާތްތަކަށް، އަދި ބޭރު ފައިސާގެ ރޭޓަށާއި، ދައުރުވާ ފައިސާގެ މިންވަރަށާއި އިންފްލޭޝަނަށް ކުރާނީ ކޮން އަސަރެއްތޯ؟
  • މިއީ "ލޭޔަރިން" ނުވަތަ މަނީ ލޯންޑަރިންގެ ސިފައެއް ޖެއްސުމަށް ކުރާ ކަމެއް ނޫންނަމަ، މިކަމުގައި ޕެންޝަން އޮފީސް ބައިވެރިވަނީ ކީއްވެގެންތޯ؟

ސެކަންޑްރީ މާކެޓުގައި ބޮންޑުތައް ވިއްކާނީ އެއްވެސް ގެއްލުމެއް ނުވާ ގޮތަށް ކަމަށާއި މިކަމުގެ ސަބަބުން ޕޯޓްފޯލިއޯގެ ރިޓާން އިތުރުުވާނެ ކަމަށް ޕެންޝަން އޮފީހުން ބުނެ އެވެ.

މި ނޫހުން ވާހަކަ ދެއްކި ފަންނީ މާހިރުން ބުނި ގޮތުގައި، މި މުއާމަލާތަށް އެމްއެމްއޭއިން ފަންޑުކުރަނީ އެމްއެމްއޭގައި ނެތް ރިޒާވެއް ބޭނުންކޮށްގެންނެވެ. މި ހާލަތުގައި އިގުތިސޯދުގައި ދައުރުވާ ފައިސާ އިތުރުވެ އެވެ. އަދި މި މުއާމަލާތުގައި ފައިސާ ޗާޕުކުރުމުގެ ހުރިހާ ސިފައެއް ހަމަވާ ކަމަށް މި ނޫހަށް މައުލޫމާތު ދިން މާހިރުން އިއްތިފާގު ވެ އެވެ.