Advertisement

ސުކޫކަށް ފައިސާ ދައްކަން ދުރާލާ އުޅުނު ނަމަ އަގު ބޮޑު ލޯނު ނަގަން ނުޖެހުނީސް ކަމަށް އަމީރު ވިދާޅުވެއްޖެ

about 2 hours 0

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: އަމީރު ވަނީ ކަންކަން އިސްލާހުކުރަން ވަގުތެއް ނެތް ކަމަށް ވިދާޅުވެފައި --- ފޮޓޯ: އަދަދު


ސުކޫކަށް ފައިސާ ދައްކަން ދުރާލާ އުޅުނު ނަމަ އަގު ބޮޑު ލޯނު ނަގަން ނުޖެހުނީސް ކަމަށް އަމީރު ވިދާޅުވެއްޖެ

about 2 hours 0

އަންނަ އޭޕްރިލް މަހުގެ ތެރޭގައި ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކަށް ފައިސާ ދައްކަން ދުރާލާ އުޅުނު ނަމަ އަގު ބޮޑު ލޯނު ނަގަން ނުޖެހުނީސް ކަމަށް އެމްޑީޕީ ސަރުކާރުގައި ފިނޭންސް މިނިސްޓަރަކަށް ހުންނެވި އިބްރާހިމް އަމީރު ސަރުކާރަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

އަމީރު މިހެން ވިދާޅުވީ އެމްއެމްއޭއިން ފައިސާ ހޯދައިގެން ޕެންޝަން އޮފީސް މެދުވެރިކޮށް ދައުލަތުގެ ހަރަދުތައް ހަމަޖައްސަން ހިންގަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މުއާމަލާތާއީ ކާގިލްއިން ނަގަން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ އަގު ބޮޑު ލޯނާ ގުޅުވަ އެވެ.

ޕެންޝަން އޮފީހުގެ ބޯޑުން ވަނީ މިއަދުގެ ވަގުތެއްގައި މި މުއާމަލާތް ހިންގަން ރުހުން ދީފަ އެވެ. ކާގިލްގެ ލޯނު ނަގައިގެން ކުރިއަށް ދާން ނިންމި ކަމެއް އަދި ކަށަވަރެއް ނޫނެވެ.

އަމީރު އެކްސްގައި އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ މިއީ، ސުކޫކު އަނބުރާ ދައްކަން ވަގުތު ކުޑަތަންވެފައި އޮއްވާ އެޅޭ ނުރަނގަޅު ފިޔަވަޅެއް ކަމަށެވެ. އަދި، ދުރާލާ ރަނގަޅު ފައިނޭންސިން އަދި ޑެޓް ސްޓްރެޓަޖީއެއްގެ ދަށުން މަސައްކަތް ކުރި ނަމަ، މި ހާލަތު އެއްގޮތަކަށް ވެސް މެދުވެރިނުވީސް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދަރަނީގެ ވާޖިބުތައް ރީފައިނޭންސް ކުރުމަށް އެންމެ ފަހު ވަގުތާ ހަމައަށް މަޑުކުރުމަކީ މުސީބާތުގެ ރެސިޕީއެއް،" އަމީރު ވިދާޅުވި އެވެ.

ސަރުކާރަށް ފާޑުވިދާޅުވަމުން އަމީރު ވަނީ އޭނާ ވަޒީރަކަށް ހުންނަވައިގެން ކުރީ ސަރުކާރުގައި ސަނީ ސައިޑް ބޮންޑު ރީފައިނޭންސް ކުރި ގޮތް މިސާލަކަށް ނަންގަވާފަ އެވެ. އަމީރު ވިދާޅުވީ، އެ ސަރުކާރުން ވަނީ 2022 ގައި 250 މިލިއަން ޑޮލަރު ދައްކަން ޖެހޭތީ އަހަރެއް ކުރިން ލަޔަބިލިޓީ މެނޭޖުމަންޓު އެކްސަސައިޒެއް ހިންގާ 200 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށެވެ.

މީގެ ސަަބަބުން، އަމީރު ވިދާޅުވީ، ޖެހިގެން އައި އަހަރު ދައްކަން ޖެހޭ އަދަދު 50 މިލިއަން ޑޮލަރަށް ކުޑަކުރެވުނު ކަމަށެވެ. އަދި، މި އެކްސަސައިޒާ އެކުއެކީ ރީފައިނޭންސިން އޮޕްޝަންތައް ތައްޔާރުކޮށް، ފިސްކަލް ޑިސިޕްލިން ވަރުގަދަކުރަން ގާނޫނުތަކަށާއި މުއައްސަސާތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، މެދު ރާސްތާގައި އިގުތިސޯދު އިޔާދާކުރެވޭނެ ވަރުގެ ގްރޯތު ސްޓްރެޓަޖީއަކަށް އަމަލުކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މި ސަރުކާރުން އެ ހުރިހާ ހަމަތަކެއް ދޫކޮށްލައި، ދަތި ހާލަތުގައި ގައުމަށް އެންމެ ފަސޭހައިން އެހީ ލިބޭނެ އިންޓަނޭޝަނަލް އިންވެސްޓަރުންނާއި، ޑިވެލޮޕްމަންޓް ޕާޓްނަރުންނާއި، ބައިނަލްއަގުވާމީ މާލީ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރުން ދޫކޮށްލާފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.

އޭގެ އިތުރުން އަމީރު ވަނީ ވަނީ ސަރުކާރުން އެއްވެސް ހާމަކަމެއް ނެތި މަސައްކަތް ކުރަމުން ދާތީ، އިންވެސްޓަރުންގެ އިތުބާރު ކުޑަވެ، ކޮންމެހެން ގެންނަން މަޖުބޫރުވެފައިވާ އިސްލާހީ ފިޔަވަޅުތައް އަޅާނެ ކަމާ މެދު ޝައްކު ބޮޑުވެފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

އަމީރު ވަނީ، އަވަސް ފިޔަވަޅުތައް އަޅައިގެން ނޫނީ މާލީ ގޮތުން ލިބޭ ގެއްލުން އިތުރަށް ބޮޑު ވާނެ ކަމަށް އިލްތިމާސްކުރައްވާފަ އެވެ. އަދި، މި ހާލަތުގެ ނުރައްކާތެރިކަން ސަރުކާރަށް ފަހުމް ނުކުރެވުމުގެ އަގު ރައްޔިތުން ދައްކަން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ސުކޫކު ފައިސާ ދައްކަން ވަގުތު ކުޑަތަންވެފައިވާއިރު، މިދިޔަ އަހަރާއި މި އަހަރުގެ ބަޖެޓުގައި ވެސް ސަރުކާރުން ވަނީ ސުކޫކު ރީފައިނޭންސް ކުރަން ރޭވިޔަސް، ރޭވި ގޮތަށް އެ މަސައްކަތެއް ކުރިއަށް ނުދެ އެވެ.

ސަރުކާރުން ދެއްކި ޕްލޭނުގައި އޮތީ ސުކޫކުން ބަޔެއް ރީފައިނޭންސްކުރުމަށް ފަހު، ސޮވްރިން ޑިވެލޮޕްމަންޓު ފަންޑު ބޭނުންކޮށްގެންނާއި ރިޒާވު ބޭނުންކޮށްގެން ފައިސާ ދައްކާށެވެ. ނަމަވެސް މިހާރު ސަރުކާރުން އުޅެނީ 300 މިލިއަން ޑޮލަރުގެ އަގު ބޮޑު ލޯނެއް ނަގައިގެން، ސުކޫކުގެ ބޮޑު ބަޔެއް ދައްކާށެވެ.