Advertisement

ޓީ20 ވޯލްޑް ކަޕްގައި ކުޅުނަސް ޕާކިސްތާނުން އިންޑިއާ މެޗު ބޮއިކޮޓް

about 2 hours 0


ޓީ20 ވޯލްޑް ކަޕްގައި ކުޅުނަސް ޕާކިސްތާނުން އިންޑިއާ މެޗު ބޮއިކޮޓް

about 2 hours 0

އިސްލާމްއާބާދު، ޕާކިސްތާން (ފެބްރުއަރީ 3) - މި މަހު، ސްރީ ލަންކާ/އިންޑިއާގައި ކުރިއަށްގެންދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި ޕާކިސްތާނުން ވާދަކުރާނެ ކަމަށާއި އެހެން ނަމަވެސް އިންޑިއާއާ ދެކޮޅަށް އޮތް މެޗުގައި ނުކުޅޭނެ ކަމަށް ޕާކިސްތާން ސަރުކާރުން ނިންމައިފި އެވެ.

މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މާޗް އަށް ވަނަ ދުވަހުގެ ނިޔަލަށް ޓީ20 ކްރިކެޓް ވޯލްޑް ކަޕް ހޯސްޓްކުރަނީ އިންޑިއާ އާއި ލަންކާގަ އެވެ. އިންޑިއާއާ އެކު އޮތް މައްސަލަތަކުގެ ސަބަބުން، ޓީ20 ވޯލްޑް ކަޕްގައި ޕާކިސްތާންގެ މެޗުތައް ކުޅެނީ ލަންކާގަ އެވެ. އަދި، މުބާރާތުގެ ފައިނަލަށް ޕާކިސްތާން ގޮސްފިނަމަ އެ މެޗު ވެސް ކުޅެން ޖެހޭނީ ލަންކާގަ އެވެ.

ސިޔާސީ ހަމަނުޖެހުންތަކާ ހެދި، ޕާކިސްތާނާއި އިންޑިއާ އިން މުބާރާތެއްގެ ބޭރުން އެއް ޓީމު އަނެއް ޓީމާ ދެކޮޅަށް 2013 ވަނަ އަހަރުގެ ފަހުން މެޗެއް ކުޅެފައިނުވެ އެވެ. އިންޑިއާ އިން އެންމެ ފަހުން ޕާކިސްތާނަށް ގޮސް އެ ގައުމާ ދެކޮޅަށް މެޗެއް ކުޅެފައިވަނީ، 2008 ވަނަ އަހަރު އެވެ.

ޕާކިސްތާން ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓީ20 ވޯލްޑް ކަޕްގައި ކުޅެން ޕާކިސްތާން ކްރިކެޓް ޓީމަށް ހުއްދަ ދީފައިވާ ކަމަށެވެ. އެކަމަކު، މި މަހުގެ 15 ވަނަ ދުވަހު އިންޑިއާއާ ކުޅެން އޮތް މެޗުގައި އިންޑިއާއާ ދެކޮޅަށް ނުކުޅެން އަންގާފައިވާނެ ކަމަށެވެ.

މިކަމާ ދެކޮޅަށް ކްރިކެޓްގެ ބައިނަލްއަގުވާމީ ޖަމިއްޔާ، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ބުނެފައިވަނީ، ޕާކިސްތާންގެ ސަރުކާރުން ކަނޑައަޅާފައި މި އޮތް ގޮތަކީ އެންމެ ރަނގަޅު ގޮތް ކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި، ޕާކިސްތާންގެ ކްރިކެޓް ބޯޑް (ޕީސީބީ) އިން މި ކަމުގައި އެ ގައުމުގެ ސަރުކާރާ ވާހަކަ ދައްކައި ގަބޫލުކުރެވޭނެ ހައްލަކަށް ކަންކަން ގެނައުމަށް ވަނީ އެދިފަ އެވެ.

ޕާކިސްތާނެކޭ އެއްގޮތަށް ބަންގްލަދޭޝް އިން ވެސް އެ ގައުމުގެ މެޗުތައް ލަންކާގައި ކުޅޭ ގޮތަށް ހަދައިދޭން އައިސީސީ އަށް ހުށަހެޅި ނަމަވެސް އެ ޕްރޮޕޯސަލް ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އޭގެ ފަހުން، އައިސީސީން އަންގާފައިވަނީ، އިންޑިއާ އަށް މެޗުތައް ކުޅެން ބަންގްލަދޭޝަށް ނުދެވޭނަމަ، އެ ޓީމަށް މުބާރާތުގެ ފުރުސަތު ގެއްލި އެހެން ޓީމަކަށް އެ ޖާގަ ދޭނެ ކަމަށެވެ. އަދި، ގޮތެއް ނިންމަން ތަކުރާރުކޮށް ބަންގްލަދޭޝް އަށް ދިން ފުރުސަތުގައި ވެސް އެ ގައުމުން ނިންމީ އިންޑިއާގައި ކުޅެން ޖެހޭނަަމަ މެޗުތަކަށް ނުދިއުމަށެވެ.

ބަންގްލަދޭޝް އިން ގޮތް ދޫނުކުރުމުން، އައިސީސީން ވަނީ ގަވާއިދުގައި ބުނާގޮތަށް، ވޯލްޑް ކަޕަށް ކޮލިފައިނުވާ ޓީމުތަކުގެ ތެރެއިން އެންމެ ރޭންކިން ރަނގަޅު ޓީމެއް ބަލައި، ބަންގްލަދޭޝްގެ ޖާގަ އެ ޓީމަކަށް ދިނުމަށެވެ. އެ ގޮތުން، ބަންގްލަދޭޝްގެ ޖާގަ ދީފައިވަނީ ސްކޮޓްލެންޑަށެވެ.

ޖުމްލަ އެކު، 20 ޓީމު ވާދަކުރާ ޓީ20 ވޯލްޑް ކަޕްގެ ގްރޫޕް އޭގައި ހިމެނެނީ، އިންޑިއާ، ޕާކިސްތާން، އެމެރިކާ، ނަމީބިއާ އަދި ނެދަލެންޑްސް އެވެ. ގްރޫޕް ބީގައި ހިމެނެނީ، އޮސްޓްރޭލިއާ، ސްރީ ލަންކާ، ޒިމްބާބްވޭ، އޮމާން އަދި އަޔަލެންޑް އެވެ. ގްރޫޕް ސީގައި، މުޅިން އަލަށް ވޯލްޑް ކަަޕަށް ކޮލިފައިވި އިޓަލީން ވާދަކުރާނީ ނޭޕާލާއި ސްކޮޓްލެންޑާއި ވެސްޓް އިންޑީސް އަދި އިންގްލެންޑް އެވެ. އަދި، ގްރޫޕް ޑީގައި ހިމެނެނީ، ނިއު ޒީލެންޑާއި ދެކުނު އެފްރިކާ، އަފްގާނިސްތާން، ކެނަޑާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އެވެ.