Advertisement

ފުވައްމުލަކު ކައުންސިލަށް ލިބުނު ފައިސާ ޖަމާނުކުރާ ކަމަށް ބުނެ ފަތުރަނީ ދޮގެއް: މޭޔަރު ރަފީގު

3 ފެބުރުވަރީ 2026 - 11:40 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު: އެ ސިޓީގެ ކައުންސިލަށް ލިބުނު ފައިސާ އާ ގުޅޭގޮތުން ފަތުރަނީ ދޮގެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ ---- ފޮޓޯ: އަދަދު


ފުވައްމުލަކު ކައުންސިލަށް ލިބުނު ފައިސާ ޖަމާނުކުރާ ކަމަށް ބުނެ ފަތުރަނީ ދޮގެއް: މޭޔަރު ރަފީގު

3 ފެބުރުވަރީ 2026 - 11:40 0

ފުވައްމުލަކު ސިޓީ ކައުންސިލަށް އެކި ގޮތްގޮތުން ލިބުނު އާމްދަނީގެ ތެރެއިން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ޖަމާނުކުރާ ކަމަށް އޮޑިޓު ރިޕޯޓަކާއި ހަވާލާދީ ފަތުރަމުންދަނީ ދޮގު މައުލޫމާތުތަކެއް ކަމަށް އެ ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވެއްޖެ އެވެ.

އޮޑިޓު އޮފީހުން އާންމުކުރި އެ ކައުންސިލްގެ އޮޑިޓަކާ ގުޅިގެން ބައެއް ނޫސްތަކުން ދަނީ ކައުންސިލަށް ލިބުނު އާމްދަނީގެ ތެރެއިން 1.2 މިލިއަނެއްހާ ރުފިޔާ "ބޭންކަށް ޖަމާނުކުރާ" ކަމަށް ބުނެ ހަބަރު ފަތުރަމުންނެވެ. އެކަމާ ގުޅިގެން މޭޔަރު ރަފީގު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޮޅިގެން ނުވަތަ އޮޅުވާލައިގެން ނަމަވެސް މި ދެކެވެނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ.

ރަފީގު ފާހަގަކުރި ގޮތުގައި ކައުންސިލަށް ދައްކަން ޖެހޭ ފިީތައް ނަގުދު ފައިސާއިން ދައްކަން އެ އިދާރާއިން ބާރު ނާޅާ ކަމަށެވެ.

އެގޮތުން، އޮންލައިންކޮށް ހިދުމަތް ދޭން ފެށި ފަހުން ހުރިހާ ފައިސާއެއްހެން ކައުންސިލްގެ އެކައުންޓަށް ޖަމާ ވާނީ އޮންލައިން ޓްރާންސްފާ ނުވަތަ ބަނޑޭރިޕޭ މެދުވެރިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންކަމުން އަތުގައި ނުވަތަ ތިޖޫރީގައި ފައިސާއެއް ނުހުންނާނެ، ވަރަށް މަދުން ނޫނީ. މި ހަބަރުގައި މިވާ އެއް މިލިއަން ރުފިޔާ އަކީ ކައުންސިލުން ދިން އައިޑީކާޑު އަދި ސަލާމަތީ ސެޓްފިކެޓް ހިދުމަތަށް ނެގުނު ފައިސާ،" ރަފީގު ލިޔުއްވާފައިވެ އެވެ.

އޭނާ އިތުރަށް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ރިއާޔަތްކޮށް، މީގެ ކުރިން ވެސް ބަލަމުންދިޔައީ ކައުންސިލުގެ މުވައްޒަފުން މެދުވެރިކޮށް ދޭ ހިދުމަތްތަކަށް ދައްކާ ފައިސާ އަކީ ކައުންސިލުގެ އާމްދަނީ ކަމުގައި ކަމަށެވެ. ފިނޭންސް މިނިސްޓްރީ އިން ބަލަހައްޓާ ޕަބްލިކް ބޭންކް އެކައުންޓަށް އެ ފައިސާ ޓްރާންސްފާ ނުކުރާ ސަބަބަކީ އެއީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މާލޭގައި ނަމަ މަތީގައިއެވާ ހިދުމަތްތައް ދެނީ އެކަމާއި ގުޅުންހުރި އިދާރާތަކުން، ކައުންސިލަކުން ނޫން. ރަށްރަށުގެ ކައުންސިލްގެ މުއައްޒަފުންނާއި ވަސީލަތްތައް ބޭނުންކޮށްގެން ހިދުމަތްދޭނަމަ ކައުންސިލްތަކަށް ހިދުމަތަށް ނަގާ ފީ ލިބެން ޖެހޭ،" ރަފީގު ލިޔުއްވާފައިވެ އެވެ.

މި ފައިސާ މިހާރު ވެސް ހުރީ ކައުންސިލްގެ ބޭންކުގެ އެކައުންޓުގައި ކަމަށާއި މި ފައިސާ ލިބުނު ގޮތާއި އެއީ ކޮން ފައިސާއެއްކަމުގެ ފުރިހަމަ ހިސާބު ކިތާބު އެ އިދާރާގައި ފުރިހަމައަށް އެބަހުރި ކަމަށް މޭޔަރު އިތުރަށް ވިދާޅުވެފައިވެ އެވެ.

ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތާއި ހިލާފަށް މިއީ ބޭންކަށް ޖަމާނުކޮށް ހުރި ނަގުދު ފައިސާ ނޫން ކަމަށް ވެސް ރަފީގު ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް ބައެއް ކައުންސިލްތަކަށް ޓާގެޓު ކޮށްގެން އޮޑިޓު ރިޕޯޓުތަކެއް އާންމުކުރާނެ ކަމަށް މީގެ ދެތިން މަސް ކުރިން އެ ޕާޓީން ވަނީ ކޮށްފަ އެވެ.