Advertisement

އެޕްސްޓީންގެ ނަޖިސް އަމަލުތައް މުއިއްޒަށް މައްސަލައަކަށް ނުވަނީތަ؟


އެޕްސްޓީންގެ ނަޖިސް އަމަލުތައް މުއިއްޒަށް މައްސަލައަކަށް ނުވަނީތަ؟

މިއަދު ރާއްޖެއިން ފެންނަމުން ދަނީ ބިރުވެރި އަދި ސިޔާސީ ވެރިންގެ ލަދެއް ހަޔާތެއް ނެތް މަންޒަރެކެވެ. އެއް ފަރާތުން "ދިވެހި ގައުމިއްޔަތު" އާއި "އިސްލާމީ އުސޫލުތައް" ނެގެހެއްޓުމުގެ މަތިވެރި ޝިއާރުތަކުގެ ވާހަކަ އެވެ. އަދި ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަން ބިނާވެފައިވަނީ މި އަސާސްތަކުގެ މައްޗަށް ކަމަށް ބުނާއިރު، ސަރުކާރުގެ އެންމެ މަތީ ފަންތީގައި، ރައީސްގެ އިސް މަންދޫބެއްގެ ގޮތުގައި އެ ހުންނެވީ ދުނިޔެ ދުށް އެންމެ ނޮޓޮރިއަސް ޕެޑޮފައިލް، ޖެފްރީ އެޕްސްޓީންގެ "ފަން ފެމިލީ" މެންބަރެކެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކުރި ލިޔެކިޔުންތަކަކީ ހަމައެކަނި ތުހުމަތުތަކެއް ނޫނެވެ. އޭގެ ތެރޭގައި ރައީސްގެ ހާއްސަ މަންދޫބު އަދި ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުއާ ގުޅޭ، ނުވަތަ އޭނާގެ ނަން ހިމެނިފައިވާ 649 ޑޮކިއުމެންޓެއް އެބަ ހުއްޓެވެ.

މި ލިޔެކިޔުންތަކުން ވަހީދުގެ ރައީސް ކަމުން ފެށިގެން ބޮޑު މުޖުރިމާ ގާތް ގުޅުމެއް އޮތްކަން ކަށަވަރުވެ އެވެ. މާޗު 2012 ގައި ވަހީދު އެޕްސްޓީންއަށް ފޮނުއްވި އީމެއިލެއްގައި "ތޭންކްސް ފޯ ވެލްކަމިން މީ ޓު ދަ ކްލަބް" (އެ ކްލަބަށް އަޅުގަނޑަށް މަރުހަބާ ކީތީ ޝުކުރިއްޔާ) އޭ ވިދާޅުވުމަކީ ކުޑަކުދިން ޓްރެފިކްކޮށް، ބްލެކްމެއިލް ކުރާ ނެޓްވޯކެއްގެ ތެރެއަށް ރާއްޖޭގެ ވެރިއަކު އަމިއްލައަށް ވެދެވަޑައިގަތުމަށް ބެލެވިދާނެ އެވެ.

އެޕްސްޓީންގެ ޖަވާބު މާ ނުރައްކާތެރި އެވެ. ވަހީދަކީ އޭނާގެ "ޔަހޫދީ-މުސްލިމް ފަން ފެމިލީ" ގެ ބައެއް ކަމަށް ބުނުމުން، ރާއްޖޭގައި އިސްލާމީ ވަހުދަތުގެ ވާހަކަ ދައްކަވައިގެން ވެރިކަމަށް ވަޑައިގަތް ބޭފުޅެއްގެ އަސްލު ސޫރަ ހާމަވެފަ އެވެ. ޒަޔަނިސްޓު މޮސާޑުގެ އިންޓެލިޖެންސް އެސެޓެއްގެ ގޮތުގައި ބެލެވޭ މީހަކާ ގުޅިގެން، ރާއްޖޭގެ ދާހިލީ ކަންކަން އޮޅުވާލަން ބޭރުގެ މީޑިއާތަކުގެ އެހީ ހޯއްދެވުމާއި ވިޔަފާރި މުއާމަލާތުގެ ވާހަކަ ދެއްކުމާއި މާލީ އެހީތެރިކަމަށް ތަކުރާރުކޮށް އެދުމަކީ، ދިވެހި ރައްޔިތުން ވަހީދަށް ތަރައްކާތެރިކަމާއި މާލީ އިނާޔަތް އަދިވެސް ދެމުންދާއިރު ދިވެހި ގައުމަށް ވީ ބޮޑު ހިޔާނާތެކެވެ.

ރައީސް މުއިއްޒު ވިދާޅުވާ ގޮތުގައި އެމަނިކުފާނުގެ ސަރުކާރުން އިސްކުރާނީ ދިވެހި އަހްލާގާއި ދީނީ އުސޫލުތަކެވެ. ނަމަވެސް، އެޕްސްޓީންގެ "ބިއުޓިފުލް ސްޓޫޑެންޓްސް" (ނުސީދާކޮށް ކުޑަކުދިންނަށް އިޝާރާތްކޮށް) އަށް ހެޔޮއެދުންތައް ފޮނުއްވި ބޭފުޅަކު، މިއަދު "ސްޕެޝަލް އެންވޯއީ" އެއްގެ ގޮތުގައި އެންމެ ހިނދުކޮޅެއްގައި ވެސް ބެހެއްޓުމަކީ މުއިއްޒުގެ ނިޔަތާއި ބަހާއި އަމަލު ފުށުއަރާ އަދި މަނިކުފާނުގެ ދެފުށްކެރިކަމުގެ ދަލީލެކެވެ. މިހާރު ވެސް ފިޔަވަޅެއް އަޅަން ލަސްވެއްޖެ އެވެ.

އެޕްސްޓީންގެ ޝިކާރައަކަށް ހެދި ކުޑަކުދީންނަށް ސްޓޫޑެންޓުންގެ ނަން ވަހީދުގެ އީމެއިލްގައި ލިޔެފައި އޮތުމުން، އެޕްސްޓީންގެ ޖަރީމާތައް ވަހީދަށް ރަނގަޅަށް އެނގޭ ބެލުމުގެ ފުރުސަތު އެބަ އޮތެވެ. އެފަދަ ހާއްސަ ބަސްތައް ދަސްވަނީ އޮންނަ ގުޅުމުގެ ބޮޑުކަމުންނެވެ.

އެޕްސްޓީންގެ މުޑުދާރު އަމަލުތަކުގައި އަމަލީ ގޮތުން ވަހީދު ބައިވެރި ނުވެ އޮވެދާނެ އެވެ. ނަމަވެސް އޭނާއެކު އޮތް އާދަޔާ ހިލާފު ގުޅުމަށް ވަހީދު ޖަވާބުދާރީވާން ޖެހެ އެވެ. އަދި ދައުލަތުން އޭނާ އަށް ރައްކާތެރިކަމާއި އިނާޔަތް ދޭއިރު އޭނާ ޖަވާބުދާރީ ކުރުވަން ވެސްޖެހެ އެވެ.

މި މައުލޫއުގައި ދެއްކެން ހުރި ވާހަކަތައް ގިނަ އެވެ. މުއިއްޒުގެ ސަރުކާރުން ފަލަސްތީނުގެ ހައްގުގައި ވާހަކަ ދައްކައި، އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އަޅާކަމަށް ދެއްކޭނީ، އެޕްސްޓީން ފަދަ ޒަޔަނިސްޓު މުޖުރިމުންނާ ގާތް ގުޅުން ބޭއްވި ބޭފުޅުންނަށް ސަރުކާރުގެ ތެރެއިން ދީފައިވާ ޖާގަ ހަނިކޮށްގެންނެވެ. ދުނިޔޭގެ ކުރިމަތީގައި ރާއްޖެ ތަމްސީލުކުރަން، ކުޑަކުދިންގެ ޝިކާރަވެރިއެއްގެ ގާތް އެކުވެރިއަކު ބެހެއްޓުމަކީ މުޅި އިސްލާމީ އުންމަތަށާއި ދިވެހި ގައުމަށް ލިބޭ ބޮޑު ހުތުރެކެވެ.

ވަހީދު އަމިއްލަ އަށް ވެސް މަގާމުން އިސްތިއުފާ ދެއްވުން ލާޒިމެވެ.

މި މައްސަލައިގައި ރައީސް މުއިއްޒު މިހާތަނަށް އެއްވެސް ބަހެއް ވިދާޅެއް ނުވެ އެވެ. މިއީ އެޕްސްޓީންގެ އެ ނަޖިސް ތާރީހު މުއިއްޒުގެ ސަރުކާރަށް މައްސަލައަކަށް ނުވާކަމުގެ ހެއްކެކެވެ. މިކަމުން އެނގެނީ މުއިއްޒުގެ ގައުމިއްޔަތަކީ އަޅައިގެން ހުންނެވި މާސްކެއް ކެމެވެ.