about 1 hour 0
ލީވާން އަލީ ނާސިރު
ގުރައިދޫ ކައުންސިލް ރައީސަކަށް ކުރިމަތިލާން މަސައްކަތްކުރި އަބްދުލް މަޖީދު -- ފޮޓޯ: އަދަދު
about 1 hour 0
ލޯކަލް ކައުންސިލް އިންތިހާބުގައި ކ. ގުރައިދޫ ކައުންސިލްގެ ރައީސް ކަމަށް އަމިއްލަ ގޮތުން ވާދަކުރަން މަސައްކަތްކުރި އަބްދުލް މަޖީދުގެ ކުށާއި ދަރަނީގެ ރިކޯޑު މުއްދަތު ހަމަވުމުގެ ކުރިން ގަސްތުގައި ސާފު ނުކޮށްދިން ކަަމަށް އޭނާ ތުހުމަތުކޮށްފި އެވެ.
އަދަދު އާ ވާހަކަ ދައްކަވަމުން މަޖީދު ބުނީ މުޅި އުމުރުގެ ކުށުގެ ރިކޯޑު ސާފުކުރަން މިދިޔަ ބުރާސްފަތި ދުވަހު އޭނާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުމުން، އެއް ކޯޓަކުން އޭނާގެ ކުށުގެ ރެކޯޑު ސާފުކޮށްނުދީ ހިފެހެއްޓި ކަމަށެވެ.
"އަޅުގަނޑުގެ ކުށުގެ ރެކޯޑު ސާފުވީ 193 ރަށުގެ ތެރެއިން 192 ރަށުގެ ކޯޓުތަކުން. ކުށުގެ ރެކޯޑު ސާފުނުވެ ހޯލްޑްވެފައި އިނީ ހަމައެކަނި ވ. ތިނަދޫ ކޯޓުގެ. ބެލި ބެލުމުން ތުހުމަތު ކުރެވެނީ އެއީ ގަސްތުގައި އަޅުގަނޑުގެ އެތި ހޯލްޑްކުރީކަން،" އޭނާ ބުންޏެވެ.
މަޖީދު ބުނީ އިންތިހާބަށް ފުރަތަމަ ކުރިމަތިލައިގެން އޭނާގެ ފޯމު ރިޖެކްޓްކުރަން އިލެކްޝަނަށް ގުޅައިގެން އަމިއްލައަށް އެދުނީ ފަސް އަހަރުގެ ކުށުގެ ރެކޯޑު ލެވިފައި އޮތްކަން އެނގުމުން ކަމަށެވެ.
އޭނާ ބުނީ އޭނާއާ އެކު ބައެއް އެހެން ކެންޑިޑޭޓުންނަށް ވެސް ފަސް އަހަރުގެ ކުށުގެ ރެކޯޑު ސާފުކުރެވިފައި އޮތުމުން، އުމުރުގެ ދުވަހުގެ ރިކޯޑު ސާފުކުރަން ހުށަހެޅީ އެންމެން އެކުގައި ކަމަށާއި އެކަމަކު އޭނާ ފިޔަވައި އެންމެންގެ ކުށުގެ ރެކޯޑު ސާފުވެގެން ލިބުމުން ސުވާލު އުފެދޭ ކަމަށެވެ.
"އެކުގައި ފޯމުލީ ބައެއް މީހުން ރިޖެކްޓްވާން ފެށީ. އެމީހުންނަށް ކުށުގެ ރެކޯޑު ސާފުކުރެވިފައި އޮތީ ފަސް އަހަރަށް. ފަހުން އަޅުގަނޑަށްވެސް އެނގުނީ ފަސް އަހަރަށްކަން ކުރެވުނީ. އެހެންވެ ގިނަ ދުވަސްވާތީ އަމިއްލައަށް ގުޅާފައި އިލެކްޝަނުގައި ބުނީ ފޯމު ރިޖެކްޓްކުރަން. އެއީ އަދި އަމިއްލައަށް އެދިގެން. އެކަމަކު އެ އެންމެންގެ ރެކޯޑު ސާފުވިއިރުވެސް ރެކޯޑު މިދިޔައީ ސާފު ނުވެ،" އޭނާ ބުންޏެވެ.
އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވުމުގެ ކުރިން އޭނާ ވަނީ ކުށުގެ ރެކޯޑާ ނުލައި، ޝަކުވާތަކާއެކު އިލެކްޝަނަށް ފޯމު ހުށަހަޅާފަ އެވެ. ނަމަވެސް އިލެކްޝަނުން ވަނީ އެ ފޯމް ރިޖެކްޓްކޮށްފަ އެވެ.
އަބްދުލް މަޖީދު ބުނީ މި މައްސަލައިގައި އޭނާގެ ހައްގު ހޯދަން ދެން ދާނީ ކޯޓަށް ކަމަށާއި އިންތިހާބަށް ނުކުމެ ހުރީ ގިނަ ބައެއްގެ ތާއީދާ އެކުގައި ކަމަށެވެ. މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ބަހެއް ވެސް އަދި ޑީޖޭއޭގެ ބަހެއް ވެސް ނުލިބެ އެވެ.
Comment