about 2 hours 0
މުހައްމަދު ޝަހްޒާން
މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި އިލެކްޝަންސްގެ މެންބަރުން ބައިވެރިވަނީ -- ފޮޓޯ: އިލެކްޝަންސް
about 2 hours 0
ދެ އިންތިހާބު އެއްކޮށްލާ ވޯޓު، ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާއެކު ނަގާނަމަ، އެންމެ ލަސްވެގެން ވެސް މި މަހުގެ 18 ގެ ކުރިން ގާނޫނުއަސާސީއަށް ބަދަލުގެންނަން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދު އޮތް ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް، މުހައްމަދު ޒާހިދު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ބަދަލު ގެނެސްފި ނަމަ، ރައްޔިތުންގެ ހިޔާލު ހޯދުމަށް ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ކަންކަން އިލެކްޝަންސްއިން ކުރިއަށް ގެންދާނެ ކަމަށެވެ.
އެހެންނަމަވެސް، އެކަން ކުރުމަށްޓަކައި އެންމެ މަދުވެގެން ވެސް ވޯޓުގެ ކުރިން 45 ދުވަސް ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަން ކުރާއިރުގައި ގާނޫނުގައި އެ ބުނާ ގޮތަށް އެންމެ ލަސްވެގެން، 45 ޑޭސް [ދުވަސް] އަޅުގަނޑުމެންނަށް ލިބެން ޖެހޭނެ އެކަން ކުރުމަށްޓަކައި، ދެން ކުރިއަށް މިއޮތް ލޯކަލް ކައުންސިލް އިންތިހާބާ މި ދޭތި އެއްވެގެން އަޅުގަނޑުމެންނަށް ބޭއްވޭނީ އެންމެ ފަހުގެ ތާރީހަކަށް ވެސް ފެބްރުއަރީ 18، ގައި އަޅުގަނޑުމެންނަށް އެކަން ނިމިގެން އަންނަން ޖެހޭނެ، މި ދެންނެވި ހުރިހާ މަރުހަލާތަކެއް ނިމިގެން،" ޒާހިދު ވިދާޅުވި އެވެ.
ޒާހިދު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލާ ވޯޓު، ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާއެކު ނަގަން ވެސް އިލެކްޝަންސް ކޮމިޝަން އޮތީ ތައްޔާރަށް ކަމަށެވެ. ނަމަވެސް، ދެ ވޯޓު އެކުގައި ނަގާނަމަ، އިލެކްޝަންސް ކޮމިޝަނަށް އިތުރަށް 20 ވަރަކަށް މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަބަބަކީ، ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާއެކު ދެ އިންތިހާބު އެއްކޮށްލާ ވޯޓު ނަގާނަމަ، އިތުރު އޮފިޝަލުން ނަގައި، ވޯޓު ކަރުދާސް ވެސް އިތުރަށް ޕްރިންޓު ކުރަންޖެހޭނެތީ ކަމަށް ޒާހިދު ވިދާޅުވި އެވެ.
އޭގެ އިތުރުން، ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓަށް ބޭނުންކުރާ ހުރިހާ ފޮށިތަކެއް މިހާރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ފޮނުވާފައި ވާތީ، ދެ އިންތިހާބު އެއްކޮށްލާ ވޯޓު ހަމަ އެ ދުވަހު ނަގަން ނިންމައިފި ނަމަ، އެ ވޯޓަށް ބޭނުންވާ ފޮށިތައް ވެސް އަލުން ހުރިހާ ކަންކޮޅަކަށް ފޮނުވަން ޖެހޭނެ ކަމަށް ޒާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލާ ވޯޓު ލޯކަލް ކައުންސިލް އިންތިހާބާ ވަކީން ބާއްވާ ނަމަ، 40 މިލިއަނާއި 80 މިލިއަން ދިވެހި ރުފިޔާއާ ދެމެދުގެ ހަރަދެއް ހިނގާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކުރުމަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ ޖެނުއަރީ 4، ގަ އެވެ.
މި ގޮތަށް މަޖިލީހުގެ ދައުރު ފެއްތުމަށް މީގެ ފަހުން އަލަށް ހޮވާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭ ތާރީހު ޑިސެމްބަރު 1، އަށް ބަދަލުކުރަން އެ ބިލުގައި ހިމަނާފައިވެ އެވެ. އެއާއެކު މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ހަ މަސް މަދުވާނެ އެވެ.
20 ވަނަ މަޖިލީހުގެ އުމުރު މި ބަދަލު އައިސްފިނަމަ ހަމަވާނީ ޑިސެމްބަރު 1، 2028، އަށެވެ. އެ ދުވަހުގެ ކުރިން އައު މަޖިލީހުގެ އިދާރީ ކަންކަން ފުރިހަމަކުރަން ވެސް ޖެހޭނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment