Advertisement

ސިޓީ އާއި ޓޮޓެންހަމް އެއްވަރު، ކެރިކާ އެކު ޔުނައިޓެޑްގެ ހުވަފެނީ ދަތުރު ކުރިއަށް

about 2 hours 0


ސިޓީ އާއި ޓޮޓެންހަމް އެއްވަރު، ކެރިކާ އެކު ޔުނައިޓެޑްގެ ހުވަފެނީ ދަތުރު ކުރިއަށް

about 2 hours 0

ލަންޑަން (ފެބްރުއަރީ 2) - އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމް ހޮޓްސްޕާސް 2-2 އިން އެއްވަރުވިއިރު، ފުލަމް އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން މައިކަލް ކެރިކްގެ ކޯޗުކަމުގައި ޖެހިިޖެހިގެން ތިން ވަނަ މެޗުން މޮޅުވެއްޖެ އެެވެ.

ރޭގެ ނަތީޖާއާ އެކު ލީގުގެ ރޭހުގައި އާސެނަލަށް ވަނީ ފުރުސަތު ބޮޑުވެފަ އެވެ. އާސެނަލުން އެއް ވަނައިގައި އޮތީ ހަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އާސެނަލަށް 24 މެޗުން ވަނީ 53 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް 24 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އެސްޓަން ވިލާ އަށް ވަނީ 24 މެޗުން 46 ޕޮއިންޓް ލިބިފަ އެވެ.

އަދި، ރޭ ޔުނައިޓެޑުން ހޯދި މޮޅާ އެކު އެ ޓީމުން ހަތަރެއްގައި އޮތީ 24 މެޗުން 41 ޕޮއިންޓާ އެކު އެވެ.


ޔުނައިޓެޑުން ރޭގެ މެޗުގައި ދެ ގޯލުގެ ލީޑެއް ނެގި އެވެ. ފުރަތަމަ ހާފުގައި ކަަސެމީރޯ އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި މަޓެއުސް ކޫންޏާ ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. އެކަމަކު، ފުލަމް އިން ވަނީ މެޗުގެ ފަހުކޮޅުގައި ދެ ގޯލު ޖަހައި އެއްވަރުކޮށްފަ އެވެ. ފުލަމްގެ ފުރަތަމަ ލަނޑު ރައުލް ހިމެނޭޒް ޕެނަލްޓީ އަކުން ޖެހިއިރު، ދެ ވަނަ ލަނޑު ޖެހީ ކެވިން އެވެ. އެކަމަކު، އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި ބެންޖަމިން ސެސްކޯ ވަނީ ޔުނައިޓެޑް މޮޅުވި ގޯލު ޖަހައިފަ އެވެ.

ޓޮޓެންހަމް ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ވަނީ ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. އެ ގޮތުން، 11 ވަނަ މިނިޓްގައި ސިޓީން ފުރަތަމަ ލަނޑު ޖެހީ އާލިން ބްރައުޓް ހާލަންޑް ދިން ބޯޅައަކުން ރަޔާން ޗާކީ އެވެ. އަދި، 44 ވަނަ މިނިޓްގައި، ބެނާޑޯ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތަކުން އެންޓޮއިން ސެމެންޔޯ ވަނީ ސިޓީގެ ލީޑުފުޅާކޮށްދީފަ އެވެ.

ދެ ވަނަ ހާފުގައި ސިޓީ ކޮޅަށް ޓޮޓެންހަމްގެ ދެ ލަނޑު ވެސް ޖެހީ ޑޮމިނިކް ސޮލާންކޭ އެވެ. އޭގެ ތެރެއިން އެއް ގޯލަކީ ސްކޯޕިއަން ކިކަކުން ކާމިޔާބުކުރި ގޯލެކެެވެ.