Advertisement

މިނިވަން ނޫސްވެރިކަމަށް ބިރު ދެއްކުން ހުއްޓާލުމަށް އަހުމަދު ޒާހިރު ގޮވާލައްވައިފި

ތަޖުރިބާކާރު ނޫސްވެރިޔާ އަހުމަދު ޒާހިރު -- ފޮޓޯ: އަދަދު


މިނިވަން ނޫސްވެރިކަމަށް ބިރު ދެއްކުން ހުއްޓާލުމަށް އަހުމަދު ޒާހިރު ގޮވާލައްވައިފި

ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅައި، ނޫސްވެރިންނަށް ބިރު ދެއްކުން ވަގުތުން ހުއްޓާލުމަށް ތަޖުރިބާކާރު ނޫސްވެރިޔާ އަހުމަދު ޒާހިރު (ހިރިގާ) ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވައިފި އެވެ.

ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރު ވަންދެން ހިދުމަތް ކުރައްވާފައިވާ އަދި މިހާރު ދައުރު ނޫހުގެ މެނޭޖިން އެޑިޓަރަށް ހުންނެވި ޒާހިރު މިކަމަށް ގޮވާލެއްވީ، ޖެނުއަރީ 22 ގައި "އަދަދު" ނޫހުގެ އެކްސް އެކައުންޓާއި ފޭސްބުކްގައި ޝާއިއުކުރި ސިޔާސީ ކާޓޫނަކާ ގުޅިގެން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މި ނޫހަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

ޒާހިރު ވިދާޅުވި ގޮތުގައި އެ ކާޓޫނަކީ ދީނަށް ފުރައްސާރަކުރުމުގެ ނިޔަތުގައި ކުރަހާފައިވާ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ގެނެސްދީފައިވާ ކުރެހުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިނިވަން މީޑިއާއަށް ބިރުދެއްކުން ވަގުތުން ހުއްޓާލުމަށް އަޅުގަނޑު ކަމާބެހޭ ފަރާތްތަކަށް ގޮވާލަން. އެ ކާޓޫނަކީ ދީނަށް މަލާމާތްކުރަން ކުރެހި އެއްޗެއް ނޫން. އެއީ ކޮރަޕްޝަނާ ދެކޮޅަށް ކުރެހި އެއްޗެއް،" އެކްސްގައި ކުރެއްވި ޕޯސްޓްގައި ޒާހިރު ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން މީޑިއާގެ މިނިވަންކަމަށް ވަކާލާތުކުރާ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސިޔާސީ ކާޓޫނު ނެގުމަށް ކުރި އަމުރު، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެ އެވެ. އެ ޖަމިއްޔާއިން ބުނެފައި ވަނީ، މިއީ މީޑިއާގެ އައު ގާނޫނު ބޭނުންކޮށްގެން ނޫސްވެރިކަމުގެ މިނިވަންކަން ނައްތާލުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެ ނޫސްވެރިން ކުރިންވެސް ބިރު ގަތް ގޮތް ކަމަށެވެ.

މިފަދަ ކަންކަން ސެންސަރު ކުރުމަކީ، ފާޑުކިޔާ ހުރިހާ އަޑުތަކެއް ކަނޑުވާލުމަށް އެޅޭ ނުރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި އެ ޖަމިއްޔާއިން ސިފަކުރި އެވެ.

އަދަދު ނޫހުގެ ކާޓޫނަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ކާޓޫނެއް ކަމަށް ބުނެވޭނެ ޝަރުއީ އަދި ގާނޫނީ އެއްވެސް އަސާސެއް ނެތް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުﷲ ދީދީ (ޑީޑީ) ވަނީ ވިދާޅުވެފަ އެވެ.