about 2 hours 0
about 2 hours 0
ނިއު ދިއްލީ، އިންޑިއާ (ޖެނުއަރީ 25) - އަންނަ މަހު ސްރީ ލަންކާ އާއި އިންޑިއާގައި ކުޅެން ނިންމާފައިވާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕުން ބަންގްލަދޭޝް އަށް ލިބިފައި އޮތް ޖާގަ ސްކޮޓްލެންޑަށް ދިނުމަށް އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ނިންމައިފި އެވެ.
އަންނަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މާޗް އަށް ވަނަ ދުވަހުގެ ނިޔަލަށް ޓީ20 ކްރިކެޓް ވޯލްޑް ކަޕް ހޯސްޓްކުރަނީ އިންޑިއާ އާއި ލަންކާގަ އެވެ.
އިންޑިއާއާ އެކު އޮތް މައްސަލަތަކުގެ ސަބަބުން، ޓީ20 ވޯލްޑް ކަޕްގައި ޕާކިސްތާންގެ މެޗުތައް ކުޅެނީ ލަންކާގަ އެވެ. އަދި، މުބާރާތުގެ ފައިނަލަށް ޕާކިސްތާން ގޮސްފިނަމަ އެ މެޗު ވެސް ކުޅެން ޖެހޭނީ ލަންކާގަ އެވެ. ޕާކިސްތާނެކޭ އެއްގޮތަށް ބަންގްލަދޭޝް އިން ވެސް އެ ގައުމުގެ މެޗުތައް ލަންކާގައި ކުޅޭ ގޮތަށް ހަދައިދޭން އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އަށް ހުށަހެޅި ނަމަވެސް އެ ޕްރޮޕޯސަލް ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.
އޭގެ ފަހުން، އައިސީސީން އަންގާފައިވަނީ، އިންޑިއާ އަށް މެޗުތައް ކުޅެން ބަންގްލަދޭޝަށް ނުދެވޭނަމަ، އެ ޓީމަށް މުބާރާތުގެ ފުރުސަތު ގެއްލި އެހެން ޓީމަކަށް އެ ޖާގަ ދޭނެ ކަމަށެވެ. އަދި، ގޮތެއް ނިންމަން ތަކުރާރުކޮށް ބަންގްލަދޭޝް އަށް ދިން ފުރުސަތުގައި ވެސް އެ ގައުމުން ނިންމީ އިންޑިއާގައި ކުޅެން ޖެހޭނަަމަ މެޗުތަކަށް ނުދިއުމަށެވެ.
ބަންގްލަދޭޝް އިން ގޮތް ދޫނުކުރުމުން، އައިސީސީން ވަނީ ގަވާއިދުގައި ބުނާގޮތަށް، ވޯލްޑް ކަޕަށް ކޮލިފައިނުވާ ޓީމުތަކުގެ ތެރެއިން އެންމެ ރޭންކިން ރަނގަޅު ޓީމެއް ބަލައި، ބަންގްލަދޭޝްގެ ޖާގަ އެ ޓީމަކަށް ދިނުމަށެވެ. އެ ގޮތުން، ބަންގްލަދޭޝްގެ ޖާގަ ދީފައިވަނީ ސްކޮޓްލެންޑަށެވެ.
ޓީ20 ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން ބޭއްވިއިރު، ބަންގްލަދޭޝް ކުޅޭ ހަތަރު މެޗެއް އޮތީ އިންޑިއާގައި ކުޅެން ތާވަލުކޮށްފަ އެވެ.
ބަންގްލަދޭޝް އިން އިންޑިއާ އަށް މެޗު ކުޅެން ނުދާގޮތަށް ނިންމި ނިންމުމަށް އަމަލުކުރަން ނިންމީ، ދުނިޔޭގެ އެންމެ ވަރުގަދަ ފްރެންޗައިސް ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ކުރިއަށް އޮތް ސީޒަނަށް ކަލްކަތާ ނައިޓް ރައިޑާސް (ކޭކޭއާރް) އިން ގަތް، ބަންގްލަދޭޝްގެ މުސްތަފިޒުރް ރަހްމާން، އެ ޓީމުން ބާކީ ކުރަން އިންޑިއާގެ ކްރިކެޓް ބޯޑު، ބީސީސީއައި އިން އަންގައިގެން، އެ ގޮތަށް އަމަލުކުރުމުންނެވެ. ކުރިއަށް އޮތް އައިޕީއެލް ސީޒަނަށް، މިދިޔަ މަހުގެ އޯކްޝަނުގައި، ކޭކޭއާރް އިން މުސްތަފިޒުރް ގަތީ އެއް ލައްކަ ޑޮލަރު ދީފަ އެވެ.
ޖުމްލަ އެކު، 20 ޓީމު ވާދަކުރާ ޓީ20 ވޯލްޑް ކަޕްގެ ގްރޫޕް އޭގައި ހިމެނެނީ، އިންޑިއާ، ޕާކިސްތާން، އެމެރިކާ، ނަމީބިއާ އަދި ނެދަލެންޑްސް އެވެ. ގްރޫޕް ބީގައި ހިމެނެނީ، އޮސްޓްރޭލިއާ، ސްރީ ލަންކާ، ޒިމްބާބްވޭ، އޮމާން އަދި އަޔަލެންޑް އެވެ. ގްރޫޕް ސީގައި، މުޅިން އަލަށް ވޯލްޑް ކަަޕަށް ކޮލިފައިވި އިޓަލީން ވާދަކުރާނީ ނޭޕާލާއި ސްކޮޓްލެންޑާއި ވެސްޓް އިންޑީސް އަދި އިންގްލެންޑް އެވެ.
އަދި، ގްރޫޕް ޑީގައި ހިމެނެނީ، ނިއު ޒީލެންޑާއި ދެކުނު އެފްރިކާ، އަފްގާނިސްތާން، ކެނަޑާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އެވެ.
Comment