about 2 hours 0
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އައްމަޑޭ.--- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް
about 2 hours 0
ތައިލެންޑުގެ ނޮންތަބުރީގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ ފުރަތަމަ ފުޓްސަލް މުބާރާތުގައި ރާއްޖޭގެ ފިރިހެން ގައުމީ ޓީމުން ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން ކޮންމެ ޓީމެއް ވެސް ރަނގަޅަށް ތައްޔާރުވަނީ ރާއްޖެއާ ކުޅެން ކަމަށް ރާއްޖޭގެ ތަރި، އަހުމަދު ހަމީދު (އައްމަޑޭ) ބުނެފި އެވެ.
ސާފްގެ ފުރަތަމަ ފުޓްސަލް މުބާރާތުގައި، ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި 7-1 އިން ޕާކިސްތާން އަތުން މޮޅުވިއިރު، ދެ ވަނަ މެޗުގައި 6-1 އިން ބަންގްލަދޭޝް ބަލިކޮށް، ތިން ވަނަ މެޗުގައި އިންޑިއާ އަތުން 5-0 އިން މޮޅުވި އެވެ. އެކަމަކު، ދެން ކުޅުނު ހަަތަރު ވަނަ މެޗުގައި، ނޭޕާލާ ދެކޮޅަށް ދިޔައީ އުނދަގޫ ކޮށެވެ. ދެ ވަނަ ހާފުގައި ފެނުނު ގޯލުތަކާ އެކު، ނޭޕާލް އަތުން 2-1 އިން ރާއްޖެ މޮޅުވި އެވެ.
"ފުރަތަމަ އަސްލު ލިބުނު ޗާންސް ނުނިންމުނު ތަންކޮޅު މިއައީ. އެެހެންވެ، ކަންނޭނގެ އުނދަގޫވީ، ދެން، ބޮޑަށް ހަމަ ފޯކަސް އިނީ ބޮޑަށް ޑިފެންސަށް ރެޑީވެގެން ލިބޭ ޗާންސްތައް ބޭނުންހިފަން، އެކަމަކު މިއަދު (ނޭޕާލް މެޗުގެ ފުރަތަމަ ހާފުގައި) ކަންދިމާކުރި ގޮތުން ބޭނުންނުހިފުނީމަ އެހާ އުނދަގޫވީ،" ގައުމީ ފުޓްސަލް ޓީމަށް މި ފަހަރުގެ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އައްމަޑޭ، ނޭޕާލް މެޗަށް ފަހު ބުންޏެވެ.
އައްމަޑޭ ބުނީ، ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އެ ޓީމު ކުޅޭ ގޮތް ދެނެގަނެވުނީތީވެ، އެ ޓީމުގެ ވިސްނުންތަކަށް ތައްޔާރުވެވިފައި ހުރި ކަމަށެވެ.
"އުނދަގޫ މެޗެއް މި ނަގާލެވުނީ. އެެހެންވީމަ، ފުރަތަމަ ވަރަށް އުފާވޭ އުނދަގޫ މެޗެއް ނެގުނީމަ ވެސް. ގިނަ ޓީމުތައް ރެޑީވަނީ މިހާރު ރާއްޖެއާ ކުޅެން،" އައްމަޑޭ ބުންޏެވެ.
މުބާރާތުގައި ރާއްޖެ އަށް ދެން އޮތީ ބޫޓާން އާއި ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. މިއަދު ބޫޓާން އަތުން މޮޅުވެއްޖެނަަމަ، ބާކީ މެޗެއް އޮއްވައި، ރާއްޖެ އަށް ޗެމްޕިއަންކަން ލިބޭނެ އެވެ. އައްމަޑޭ ބުނީ، މެޗުތައް ދާ ގޮތުން، ބޫޓާން އާއި ލަންކާ މެޗު ވެސް ޗެލެންޖަަކަށްވާނެ ސަަބަބުތަކެއް އެބަހުރި ކަމަށެވެ.
"ވަރަށް ބޮޑު ޗެލެންޖަަކަށްވާނެ، މުބާރާތުގައި (މި ވަގުތަށް ޓޭބަލް އިން ފެންނަ ގޮތުން) އެންމެ ބަލި ދެ ޓީމޭ ބުންޏަސް ހަމަ އުނދަގޫވާނެ ކޮންމެ މެޗެއް ވެސް. ޓާގެޓަކީ ހަމަ (ކޮންމެ މެޗަކުން ވެސް) ތިން ޕޮއިންޓް. ޓީމު ނުކުންނާނީ ތިން ޕޮއިންޓް ނެރެން،" ހދ. ނައިވާދޫ އަށް އުފަން އައްމަޑޭ ބުންޏެވެ.
ގައުމީ ފުޓްސަލް ޓީމުން މި ނެރެމުން އަންނަ ރަނގަޅު ނަތީޖާތަކުގެ ކްރެޑިޓް ހައްގުވާ އެއް ފަރާތަކީ، ޓީމުގެ ކޯޗު އުޒްބެކިސްތާންގެ ފާރޫކް ޒަކީރޯވް އެވެ. މިދިޔަ މަހުގެ ފުރަތަމަ ހަފްތާ އިން ފެށިގެން މާލޭގައި ޕްރެކްޓިސް ކުރުމަށް ފަހު، 10 ވަރަކަށް ދުވަހު ޗައިނާގައި ކުރިއަށްގެންދިޔަ ޓްރެއިނިން ކޭމްޕާ އެކު، ކޯޗު ވަނީ އޭނާގެ ޕްލޭނާ އެެއްގޮތަށް ރާއްޖޭން ކުޅުުވުމުގައި ކާމިޔާބު ހޯދައިފަ އެވެ. ހާއްސަ ގޮތެއްގައި ޓީމުގެ ސްކޮޑުގައި ހިމެނޭ 14 ކުޅުންތެރިންނަށް ވެސް ފުރުސަތު ގިނައިން ދީގެން ކުރިއަށްދެވޭނެ ގޮތަކަށް ކޯޗު ފާރޫކްގެ ވިސްނުން ބެހެއްޓުމުގެ ނަތީޖާ އަކީ، ރާއްޖޭން ސައްތަ އިން ސައްތަ ރެކޯޑަކާ އެކު މުބާރާތުގައި އޮތުމެވެ.
"އަސްލު މީ ޕްރެކްޓިސްތަކުގައި ކޯޗު ބޭނުންކުރާ އުުކުޅު މި ހަމަ ބުނާގަނޑީގައި (ބަދަލަކަށް) ފައިބާއިރު އެންމެން ރެޑީވެފައި އިންނަނީ، އެހެންވެ، މެންޓަލީ އެންމެން ވެސް އިންނަނީ ރެޑީވެފައި، އެއް މަސް ދުވަހު ޖެއްސި ޓްރެއިނިން ދަނޑުމަތިން ވެސް މި ފެންނަނީ، އެއީ، ކަންނޭނގެ މި ޓީމު އެއްކޮށް މި ކުޅެވޭ ސަބަބަކީ ވެސް. ހުރިހާ ކުޅުންތެރިންގެ ފޯކަސް ވެސް އެއީ،" އައްމަޑޭ ބުންޏެވެ.
ރާއްޖެ މި ވަގުތު ތާވަލުގެ އެއް ވަނައިގައި އޮތީ ހަތަރު މެޗުން 12 ޕޮއިންޓާ އެކު އެެވެ. ދެ ވަނައިގައި އޮތް ޕާކިސްތާނަށް ފަސް މެޗުން 10 ޕޮއިންޓް ވަނީ ލިބިފަ އެވެ. ފުލުގައި އޮތް ބޫޓާނަށް ހަތަރު މެޗުން ލިބިފައިވަނީ، އެއް ޕޮއިންޓެވެ. ބޫޓާނުން އެންމެ ފަހުން ކުޅުނު މެޗުގައި، 11-3 އިން އިންޑިއާ އަތުން ބަލިވިއިރު، މިއީ މި ފަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގައި އެންމެ ފަރަގު ބޮޑު ނަތީޖާ އެވެ.
ބޫޓާނާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން 15:00 ގަ އެވެ.
Comment