Advertisement

ގައުމީ އަންހެން ފުޓްސަލް ޓީމުގެ ކޮންފިޑެންސް އަންނަނީ ރަނގަޅުވަމުން

about 5 hours 0

ބޫޓާން ކޮޅަށް ގޯލު ޖެހުމަށް ފަހު ރާނިޔާ އުފާފާޅުކުރަނީ.---- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް


ގައުމީ އަންހެން ފުޓްސަލް ޓީމުގެ ކޮންފިޑެންސް އަންނަނީ ރަނގަޅުވަމުން

about 5 hours 0

ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ އަންހެން ފުޓްސަލް ޓީމުގެ ކޮންފިޑެންސް މެޗަކަށް ފަހު މެޗެއް ރަނގަޅުވަމުން އަންނަ ކަމަށާއި ނަތީޖާ ނެރުމަށް މީގެ ސަބަބުން ކުރިއެރުންތަކެއް ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ޓީމުގެ ތަރި، ރާނިޔާ އިބްރާހިމް ބުނެފި އެވެ.

ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ އަތުން 11-1 އިން ބަލިވިއިރު، ދެ ވަނަ މެޗުގައި ނޭޕާލުން 5-0 އިން ރާއްޖެ ބަލިކުރި އެވެ. ތިން ވަނަ މެޗުގައި ރާއްޖެ އަށް ޕާކިސްތާން އަތުން ނާކާމިޔާބުވީ 3-1 އިންނެވެ. އަދި، އެންމެ ފަހުން، ބޫޓާނާ ކުޅުނު މެޗުން ބަލިވީ 4-2 އިންނެވެ.

"އަސްލު ޓީމު ވަރަށް މަސައްކަތް ކުރި ކަންނޭނގެ މިއަދު ހަމަ، ހުރިހާ ކުޅުންތެރިން ވެސް ވިން އެއް ބޭނުންވެގެން އަރައި ވަރަށް މަސައްކަތް ކުރި ދެން، ވަރަށް ގިނަ ފުރުސަތު (ގޯލު ޖަހަން) ވެސް ލިބުނު ނިންމައިނުލެވިގެން ދިޔަތަން ކަނނޭނގެ ބޮޑަށް ފެނިގެންދިޔައީ، ކުރިއަށް ހުރި މެޗުތަކުގައި އެބައި އިމްޕްރޫވްކުރާނެ ކަމަށް މި އުންމީދުކުރަނީ މުޅި ޓީމުން އެއްކޮށް ވެސް،" ބޫޓާން މެޗަށް ފަހު، ރާނިޔާ ބުންޏެވެ.

މި ފަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް އަންހެން ގައުމީ ޓީމު އެކުލަވާލުމުގައި، ބެލީ ޑިސެމްބަރު މަހު ކުޅުނު އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގަށެވެ. އެ މުބާރާތުގައި ރާނިޔާ ކުޅެ އެވެ. ސާޖަރީއެއް ކުރުމަށް ފަހު، ރިކަވަރީގައި ހުރި ރާނިޔާ ކުޅުމަށް އެނބުރި އައީ މި ފަަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގަ އެވެ. ބޫޓާނާ ދެކޮޅަށް ރާއްޖޭން އެއްވަރުކުރި ލަނޑު ޖެހީ ރާނިޔާ އެވެ.

"އަސްލު ވަރަށް އުފާވޭ، ޕާސަނަލީ ފުރަތަމަ މުބާރާތް، ދެން، ސާޖަރީ އަށް ފަހު، ފުރަތަމަ އިންޓަނޭޝަނަލް (ފުޓްސަލް) މުބާރާތެއްގައި، ފުރަތަމަ ގޯލު ޖަހާލަން ލިބުނީމަ އަސްލު ވަރަށް ހެޕީ (އުފާވޭ)،" ރާނިޔާ ބުންޏެވެ.

"ދެން. ޓީމުގެ ޓާގެޓަކީ، މެޗަކަށް ފަހު މެޗެއް ރަނގަޅު ކުރުން، ހުރިހާ ކުޅުންތެރިންގެ ވެސް ކުޅުން ބެލި މީހަކަށް ވިއްޔާ ފެންނާނެ، ވަރަށް ކޮންފިޑެންސްގައި ޓީމު އަރާ ކުޅޭތަން. އިންޝާﷲ ރަނގަޅުވާނެ ކަމަށް އުންމީދުކުރަނީ،"

ގައުމީ އަންހެން ޓީމުގެ ކޯޗު އާތިފް މުހައްމަދު (އާތީ) ވެސް ޓީމު ހޯދަމުން އަންނަ ކުރިއެރުމުގައި ރަނގަޅުކުރަން ޖެހޭ ކަމެއްގެ ގޮތުގައި ބުނެފައިވަނީ، ގޯލު ޖަހަން ލިބޭ ފުރުސަތުތައް ބޭނުންކުރާ ނިސްބަތް އިތުރު ކުރުމެވެ. ރާނިޔާ ވެސް ބުނީ، ލިބޭ ފުރުސަތުތައް ނިންމާލުން ރަނގަޅުކުރަން ޖެހޭ ކަމަށެވެ.

"ފިނިޝިން ކަންނޭނގެ އެންމެ ބޮޑަށް ރަނގަޅުކުރަންޖެހޭނީ، ވަރަށް ގިނަ އެެއްޗެހި މިއަދު (ބޫޓާން) މެޗުގައި ލިބުނު، ދެން، އެ ނިންމައިނުލެވޭތީ ބައިކޮޅަށް އައިސް އޭތި ވަންނަތަން ފެންނަނީ، ޑިފެންސްގައި ވަރަށް ރަނގަޅަށް މަސައްކަތްކުރޭ. ދެން، ފިނިޝިންގައި ފައިނަލް ޓަޗް ރަނގަޅުކޮށްލީމަ ރަނގަޅުވާނެ،" ރާނިޔާ ބުންޏެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތާވަލަށް ބަލާއިރު، އެއް ވަނައިގައި ބަންގްލަދޭޝް އޮތީ ހަތަަރު މެޗުން 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އިންޑިއާ އަށް ވަނީ ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ބޫޓާނަށް ހަތަރު މެޗުން އަށް ޕޮއިންޓް ލިބިފައިބާއިރު، ހަތަރެއްގައި އޮތް ނޭޕާލާއި ފަސް ވަނައިގައި އޮތް ޕާކިސްތާނަށް ވަނީ ފަސް މެޗުން ހަތް ޕޮއިންޓް ލިިބިފަ އެވެ. މި ފަސް ޓީމަށް ވެސް އަދި މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތެވެ. މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު ގެއްލިފައި އޮތީ ހަތަރު މެޗުން އެއް ޕޮއިންޓް އޮތް ލަންކާ އާއި އަދި ޕޮއިންޓެއް ލިބިފައި ނެތް ރާއްޖެ އަށެވެ.

ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ލަންކާ ކުޅޭ މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން 15:00 ގަ އެވެ.