Advertisement

ރާއްޖޭން ކުރަނީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހައްގުވާވަރުގެ މަސައްކަތެއް: ކޯޗު

about 2 hours 0


ރާއްޖޭން ކުރަނީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހައްގުވާވަރުގެ މަސައްކަތެއް: ކޯޗު

about 2 hours 0

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި، ރާއްޖޭގެ ގައުމީ ފިިރިހެން ޓީމުން ކުޅުނު ފުރަތަމަ ހަަތަރު މެޗުން މޮޅުވުމަކީ، އޭނާ އުންމީދުކުރި ނަތީޖާއެއް ކަމަށާއި ކުޅުންތެރިން ޓީމެއްގެ ގޮތުގައި ކުރާ ހިތްވަރަކީ ޗެމްޕިއަންކަން ހައްގުވާ ވަރުގެ މަސައްކަތެއް ކަމަށް ކޯޗު، އުޒްބެކިސްތާންގެ ފާރޫކް ޒަކީރޯވް ބުނެފި އެވެ.

ސާފް އިން މުޅިން އަލަށް ބާއްވާ ފުޓްސަލް މުބާރާތުގައި ރާއްޖޭން މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވިއިރު، މި ވަގުތަށް ބަލާއިރު، ޗެމްޕިއަންކަން ހޯދަން ބޭނުންވަނީ ބާކީ އޮތް ދެ މެޗުން ދެ ޕޮއިންޓެވެ. އެކަމަކު، މިއަދު ބަންގްލަދޭޝާއި ޕާކިސްތާން އެއްވަރުވެއްޖެނަމަ، ބާކީ ދެ މެޗުގެ ކުރިން ރާއްޖެ އަށް ޗެމްޕިއަންކަން ޔަގީންވާނެ އެވެ.

ނޭޕާލް އަތުން މިއަދު 2-1 އިން ރާއްޖެ މޮޅުވި މެޗަށް ފަހު، ދިން އިންޓަވިއުއެއްގައި ކޯޗު ފާރޫކް ބުނީ، މި މެޗުގެ ކުރިން ވެސް އޭނާ އަށް ޔަގީންވެފައި އޮތް އެއް ކަމަކީ، ނޭޕާލްގެ ވަރުގަދަ ޑިފެންސްގައި އެ ޓީމުން މަސައްކަތްކުރާނެ ކަމަށެވެ. އަދި، އިންޑިވިޖުއަލީ އަދި ޓީމެއްގެ ގޮތުގައި ވެސް ނޭޕާލުން ޑިފެންސަށް ވިސްނައިގެން ރަނގަޅަށް ކުޅޭނެ ކަމަށް ބެލެވުނު ކަމަށް ޒަކީރޯވް ވަނީ ބުނެފަ އެވެ.

އޭނާ ބުނީ މެޗުގެ އޮއެވަރު ދިޔަ ގޮތުން، ފުރަތަމަ ގޯލު ޖަހާ ޓީމަކަށް މޮޅުވުމުގެ ފުރުސަތު ބޮޑުކަން ކުޅުންތެރިން ގާތުގައި ބުނެދެމުން ދިޔަ ކަމަށެވެ.

"އަަހަރެން ވަރަށް ފަހުރުވެރިވެފައި މި ހުރީ އަހަރެމެންގެ ޓީމު މި މެޗުން މޮޅުވީމަ. މިއީ، ފުރަތަމަ ފިޔަވަޅު މި މުބާރާތް ކާމިޔާބު ކުރުމަށް އެޅުނު. އަހަންނަށް ފެންނަ ގޮތުގައި ދެން އޮތް ދެ މެޗު ވެސް ދާނީ މި ކަހަލަ ގޮތަކަށް، މަސައްކަތް މި ކުރަނީ ދެން އޮތް ދެ މެޗުން ވެސް މޮޅުވާން،" ފާރޫކް ބުންޏެވެ.

"ފުރަތަމަ ހާފަށް ފަހު އަހަރެން ކުޅުންތެރިން ގާތުގައި ބުނިން، ގޯލެކޭ މި ޖަހަން ޖެހެނީ. ރަނގަޅަށޭ މަސައްކަތްތައް މި ދަނީ. އަހަރެމެންނަށް އެބަ ލިބެއޭ ފުރުސަތުތައް އޭގެއިން ބޭނުންހިފައިގެން ގޯލެއް ޖަހަމާ ހިނގާށޭ. ހާސްނުވެ އަމިއްލަ ގޭމް ކުޅެމުންދާށޭ. އަހަރެމެން ކުޅެމުން އަންނަ ސިސްޓަމަށް ކުޅެމުން ދާށޭ. އެ ގޮތަށް. އެހެން ދިޔައީމަ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެއޭ،"

ރާއްޖޭން ފުރަތަމަ މެޗުގައި 7-1 އިން ޕާކިސްތާން އަތުން މޮޅުވިއިރު، ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން މޮޅުވީ 6-1 އިންނެވެ. އަދި، ތިން ވަަނަ މެޗުގައި އިންޑިއާ އަތުން ވަނީ 5-0 އިން މޮޅުވެފަ އެވެ. މުބާރާތަށް އައިއިރު، މި ވަރުގެ ނަތީޖާ އަކަށް އުންމީދުކުރިންތޯ ސުވާލުކުރުމުން، ފާރޫކް ބުނީ، މަސައްކަތް ކުރީ މި ކާމިޔާބަށް ކަމަށްވާތީވެ، އުންމީދުތައް ބެހެއްޓީ ވެސް އެ ހިސާބުގައި ކަމަށެވެ.

"އަހަންނަށް ފެނޭ މިހާރު އަހަރެމެންގެ ކުޅުންތެރިން ތައްޔާރަށް ތިބިތަން މި މުބާރާތަށް ހުރިހާ ހާލަތަކަށް ބެލިޔަސް. މި ނަތީޖާތައް ނުކުންނާނެ ކަމަށް އަހަރެން މަސައްކަަތް ކުރީ ވެސް،" އުޒްބެކިސްތާންގައި މަތީ ފެންވަރުގައި ކުޅެ، ކޯޗިންގައި ވެސް ތަޖުރިބާ ބޮޑު ފާރޫކް ބުންޏެވެ.

"ރަނގަޅު ރިކަވަރީއެއް ފުރިހަމަކޮށްގެން، ދެން އޮތް ބޫޓާން މެޗަށް ތައްޔާރުވާން ޖެހޭ، އަހަރެމެން މި މުބާރާތް ނިންމާލަން ބޭނުންވަނީ، 18 ޕޮއިންޓް ހޯދައިގެން،"

ފާރޫކް ބޭނުންވަނީ އަދިވެސް ޓީމަށް ކުރިއެރުން ހޯދައިދޭން

ގައުމީ ފުޓްސަލް ޓީމުގެ ކޯޗެއްގެ ގޮތުގައި، މަހަކަށް ވުރެން ގިނަ ދުވަސް ފާރޫކް މިހާރު ވަނީ މަަސައްކަތްކޮށްފަ އެވެ. ޑިސެމްބަރު މަހު ފުރަތަމަ ހަފްތާ ތެރޭގައި މާލޭގައި ޕްރެކްޓިސް ފަށައި، ޗައިނާގައި ޓްރެއިނިން ކޭމްޕެއް ފުރިހަަަމަކުރިއިރު، ތިން ފަހަރެއްގެ މަތިން ސްކޮޑު ކުޑަކުރުުމުގެ މަސައްކަތްތަކެއް ކުރި އެވެ.

"އަހަރެން ކުޅުންތެރިއެއްގެ ރައްޓެއްސެއްގެ ގޮތުގައި ވެސް އުޅުނިން. އެކަމަކު އަހަރެން ބުނަމުން އައީ މެޗުގައި އަހަންނަކީ ތަފާތު މީހެކޭ. މެޗުގައި އަަހަރެން ބޭނުންވާ ގޮތަށް އެ މީހުން ކުޅެން ޖެހޭނެއޭ،" ރާއްޖޭގެ ކުޅުންތެރިންނާ އެކު، މިހާތަނަށް ކުރެވުނު ތަޖުރިބާތަކާ ބެހޭގޮތުން ފާރޫކް ބުންޏެވެ.

ގައުމީ ފުޓްސަލް ޓީމަށް މި ލިބޭ ސަޕޯޓަށްޓަކައި ވެސް ފާރޫކް ހުރީ ވަރަށް ބޮޑަށް މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެ އަށް ހޯދައިދޭން އަމާޒުހިފައިގެންނެވެ.

"ހުރިހާ ސަޕޯޓެއް އެބަލިބޭ، ސްޓޭޑިއަމަށް ކުދިން އައިސް ވެސް ސަޕޯޓް ކުރަމުންދާތަން މި ފެންނަނީ. އަހަރެެމެންގެ މެމްބަރުން ވެސް ސަޕޯޓްކުރަމުން މި ދަނީ، އެ ސަޕޯޓް އަހަރެމެންނަށް އިހުސާސް ވެސް އެބަކުރެވޭ. އަހަރެމެން އެކަމަށްޓަކައި، ކޮންމެ މެޗަކުން ވެސް މި ބޭނުންވަނީ މޮޅުވާން. މިއީ، ރާއްޖޭގެ ފުޓްސަލް އަށް ވަރަށް ރަނގަޅު ކަމެއް. އަހަރެެމެން މި މުބާރާތް ކާމިޔާބުކޮށްފިނަމަ،" ފާރޫކް ބުންޏެވެ.

ގައުމީ ފުޓްސަލް ޓީމުން ފުރަތަމަ ހަަތަރު މެޗުން މޮޅުވިއިރު، ވަރަށް ގިނަ ކަންކަން ރަނގަޅަށް ކޮށްފައިވާ ކަމަށާއި އަދިވެސް އިތުރަށް ފުރިހަމަ ކުރެވޭނެ ކަންކަން ހުރިކަން ފާރޫކް ވަނީ ފާހަގަކޮށްފަ އެވެ. އެ ގޮތުން، އެންމެ ބޮޑު ކަމަކީ، ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ދަނޑުމަތީގައި ކުޅެވޭނެ ގޮތަށް މެޗުގެ ކަންކަން މެނޭޖްކުރުން ކަމަށާއި ބޭނުމަކީ، އަސްލު ފުޓްސަލް ކުޅެގެން ކުޅުންތެރިން ކުރިއަށްގެންދިއުން ކަމަށެވެ.

"ދަނޑުމަތީގައި ކުޅެން ފުރުސަތު ގިނައިން ލިބި ފުޓްސަލް ރަނގަޅަށް ދެނެގަނެވޭނެ ވަރަށް ވަގުތު ލިބޭގޮތް ވާންޖެހޭ. މިއީ، ވަރަށް މުހިންމު ކަމެއް. އެއީ، މި ގޮތަށް ފުޓްސަލް ދަސްކޮށްގެން ކުޅޭ ފުރަތަމަ މުބާރާތް މިއީ. ކުޅުންތެރިންނަށް މިހާރު އަހަރެން މި ބޭނުންވާ ގޮތް ވަރަށް ރަނގަޅަށް އެބަވިސްނޭ. ފުޓްސަލް އެބަ އެނގޭ. އެއީ، އަހަންނަށް ލިބޭ އެންމެ ބޮޑު އުފާ،" ފާރޫކް ބުންޏެވެ.

ސާފް އިން މުޅިން އަލަށް ބާއްވާ ފުޓްސަލް މުބާރާތަކީ، މި ސަރަހައްދުގައި ފުޓްސަލް ޑިވެލޮޕްވުމުގެ ފެށުންކަން ފާހަގަކޮށް ފާރޫކް ބުނީ، މި ކަހަލަ މުބާރާތްތަކާއި ތަޖުރިބާތައް އިތުރަށް ލިބެމުން އަންނަ ވަރަކަށް މި ސަރަހައްދުގެ ފުޓްސަލް ދާނީ ވަރުގަދަވަމުން ކަމަށެވެ.

"މިހާރު މި އޮތީ ފުޓްސަލްގެ ދަތުރު ފެށިފައި ބޭނުންކަމަކީ މީގެ މަތީގައި ސާބިތުވެ، ކުރިއަށް އޮތްތަނުގައި އިތުރަށް މަސައްކަތް ކުރުން،" ފާރޫކް ބުންޏެވެ.

ރާއްޖެ އަށް ދެން އޮތީ ބޫޓާނާއި ލަންކާއާ ދެކޮޅަށް ހޮނިހިރު ދުވަހު ބޫޓާނާ ބައްދަލުކުރާ މެޗާއި ހޯމަ ދުވަހު ލަންކާއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.