Advertisement

ބޭރު ކުންފުނިތަކާ ހަވާލުކޮށްގެން އަޅާ ފްލެޓުތަކުގެ އަގު ހާމަކުރަން ބީއެމްއެލްއިން ދެކޮޅު ހަދައިފި

22 ޖަނަވަރީ 2026 - 11:34 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބީއެމްއެލް އިން ފްލެޓްތައް އަޅަން ޗައިނާގެ ދެ ކުންފުންޏަކާ ހަވާލުކުރުން: އެ ބޭންކުން ފްލެޓްތައް އަޅަން ހަވާލުކުރި އަގެއް ހާމަކުރަން ވަނީ ދެކޮޅު ހަދާފައި


ބޭރު ކުންފުނިތަކާ ހަވާލުކޮށްގެން އަޅާ ފްލެޓުތަކުގެ އަގު ހާމަކުރަން ބީއެމްއެލްއިން ދެކޮޅު ހަދައިފި

22 ޖަނަވަރީ 2026 - 11:34 0

ވިޔަފާރި ބޭންކުތަކުން ބޯހިޔާވަހިކަމަށް އިންވެސްޓުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައެޅި ގަވާއިދުގެ ދަށުން، ފްލެޓްތަކެއް އެޅުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭރުގެ ކުންފުނިތަކަށް ދިން އަގު ހާމަކުރަން އެ ބޭންކުން ދެކޮޅު ހަދައިފި އެވެ.

ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނިން ހުޅުމާލޭގައި ފްލެޓްތަކެއް އަޅަން ބޭރުގެ ކުންފުނިތަކަށް ދިން އަގާ ގުޅޭގޮތުން އަދަދު އިން ސުވާލުކުރުމުން އެ ބޭންކުން ބުނީ އެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ.

މިގޮތުން ބުނީ އަގުތައް ހާމަކުރެވެން ނެތި އެ ބޭންކަކީ ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ހާމަކުރަންޖެހޭ މައުލޫމާތު ފިޔަވައި، ބޭންކުގެ ވިޔަފާރިއާ ގުޅުންހުރި ކޮމާޝަލް މައުލޫމާތު ހާމަކުރުމުން ވާދަވެރި މާކެޓުގައި ބޭންކަށް ގެއްލުން ލިބިދާނެ ކަމަށެވެ.

"ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ހާމަކުރަންޖެހޭ މައުލޫމާތު ފިޔަވައި، ބޭންކުގެ ވިޔަފާރިއާ ގުޅުންހުރި ކޮމާޝަލް މައުލޫމާތު ހާމަކުރުމަކީ ވާދަވެރި މާކެޓެއްގައި މި ބެންކަށް އޭގެ ގެއްލުން ލިބިދާނެ ކަމަކަށްވެފައި، ހިއްސާދާރުންގެ މަސްލަހަތާ ގުޅުންހުރި ކަމަށްވެސްވާތީ، އިތުރު މައުލޫމާތު ހިއްސާކުރެވެން ނެތް ވާހަކަ ދަންނަވަން،" ބީއެމްއެލް އިން ބުންޏެވެ.

މީގެއިތުރުން ބީއެމްއެލް އިން ބުނީ ރެގިއުލޭޓަރީ އިދާރާތަކުން ކަނޑައަޅާފައިވާ ރިޕޯޓިން އަދި މައުލޫމާތު ހާމަކުރުމުގެ އެންމެހާ މިންގަނޑުތަކަށް އެ ބޭންކުން އަމަލުކުރާ ކަމަށެވެ.

ބީއެމްއެލް އިން ފްލެޓްތައް އެޅުމަށް ބޭރުގެ ކުންފުނިތަކާ ހަވާލުކުރި ސަބަބާ ގުޅޭގޮތުން ސުވާލުކުރުމުން ބުނީ މަޝްރޫއުތައް ހަވާލުކުރީ ބޭންކުން ކަނޑައަޅާފައިވާ ކޮންޓްރޯލް އަގުތަކެއްގައި ކަމަށެވެ.

އެގޮތުން އެ ކުންފުނިތަކަކީ މަސައްކަތްތަަކަށް ހުއްޓުމެއް ނުގެނެސް އަވަހަށް ނިންމާލުމުގެ ފަންނީ އަދި މާލީ ގާބީލުކަން ވެސް ހުރި ކުންފުނިތަކެއް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

މިދިޔަ މަހުގެ 29، ވަނަ ދުވަހު ފްލެޓް އަޅަން ބީއެމްއެލްއިން ހަވާލުކުރީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ މެޝިން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެެމްއީސީ) އާ އެވެ.

ޗައިނާއަށް ނިސްބަތްވާ އެ ދެ ކުންފުނިގެ ތެރެއިން ބީޔޫސީޖީއާ 1،117 ފްލެޓް އަޅަން ހަވާލުކުރިއިރު، ސީއެމްއީސީއާ ހަވާލުކުރީ 1،224 ފްލެޓް އެޅުމަށެވެ.

މި މަހުގެ ތެރޭގައި އެ ދެ ކުންފުންޏާ ހަވާލުކުރި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ބުނި ނަމަވެސް، އެ މަސައްކަތް މިހާތަނަށް ފަށާފައެއް ނުވެ އެވެ.

ހައުސިން މިނިސްޓްރީން ވަނީ ބީއެމްއެލްއާއެކު 3،000 ހައުސިން ޔުނިޓް އެޅުމަށް ސޮއިކޮށްފަ އެވެ. އޭގެ ތެރެއިން މިހާތަނަށް ހަވާލުކުރީ 2،341 ފްލެޓް ކަމަށްވާއިރު، ބައެއް ފްލެޓްތައް އަޅަން ދިވެހި ކުންފުނިތަކާ ވެސް ހަވާލުކުރާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.