21 ޖަނަވަރީ 2026 - 15:39 0
ލީވާން އަލީ ނާސިރު
21 ޖަނަވަރީ 2026 - 15:39 0
ވިޔަފާރި ބޭންކުތަކުން ބޯހިޔާވަހިކަމަށް އިންވެސްޓުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައެޅި ގަވާއިދުގެ ދަށުން، ހައުސިން ޔުނިޓުތަކެއް އެޅުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭރުގެ ކުންފުނިތަކަށް ދިނީ ތަޖުރިބާއަށް ބެލުމަށްފަހު ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ބީއެމްއެލް އިން ބުނީ އެ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނިން ހުޅުމާލޭގައި އަޅާ ފްލެޓްތައް އިމާރާތްކުރުމުގެ ދެ މަޝްރޫއެއްގެ މަސައްކަތް ބިދޭސީ ކުންފުނިތަކާ ހަވާލުކުރީ މާލީ ގާބިލުކަމާއި ހޯދާފައިވާ ތަޖުރިބާއަށް ބެލުމަށްފަހު ކަމަށެވެ.
މިގޮތުން ބޭރުގެ ކުންފުނިތަކާއި މަޝްރޫއުތައް ހަވާލުކުރީ ބޭންކުން ކަނޑައަޅާފައިވާ ކޮންޓްރޯލް އަގުތަކެއްގައި ކަމަށާއި އެ ކުންފުނިތަކަކީ މަސައްކަތްތަަކަށް ހުއްޓުމެއް ނުގެނެސް އަވަހަށް ނިންމާލުމުގެ ފަންނީ އަދި މާލީ ގާބީލުކަން ވެސް ހުރި ކުންފުނިތަކެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބޭރުގެ ކުންފުނިތަކަށް މަޝްރޫއުތައް ހަވާލުކުރި އަގު ހޯދަން މި ނޫހުން ބީއެމްއެލް ގައި އެދުމުން އެ ބޭންކުން ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.
ބީއެމްއެލް އިން ބުނީ ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ހާމަކުރަންޖެހޭ މައުލޫމާތު ފިޔަވައި، ބޭންކުގެ ވިޔަފާރިއާ ގުޅުންހުރި ކޮމާޝަލް މައުލޫމާތު ހާމަކުރުމަކީ ވާދަވެރި މާކެޓެއްގައި އެ ބެންކަށް އޭގެ ގެއްލުން ލިބިދާނެ ކަމަކަށްވެފައި، ހިއްސާދާރުންގެ މަސްލަހަތާ ގުޅުންހުރި ކަމަށްވެސްވާތީ، އިތުރު މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށެވެ.
މިދިޔަ މަހުގެ 29، ވަނަ ދުވަހު ފްލެޓް އަޅަން ބީއެމްއެލްއިން ހަވާލުކުރީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ މެޝިން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެެމްއީސީ) އާ އެވެ.
ޗައިނާއަށް ނިސްބަތްވާ އެ ދެ ކުންފުނިގެ ތެރެއިން ބީޔޫސީޖީއާ 1،117 ފްލެޓް އަޅަން ހަވާލުކުރިއިރު، ސީއެމްއީސީއާ ހަވާލުކުރީ 1،224 ފްލެޓް އެޅުމަށެވެ.
މި މަހުގެ ތެރޭގައި އެ ދެ ކުންފުންޏާ ހަވާލުކުރި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ބުނި ނަމަވެސް، އެ މަސައްކަތް މިހާތަނަށް ފަށާފައެއް ނުވެ އެވެ.
ހައުސިން މިނިސްޓްރީން ވަނީ ބީއެމްއެލްއާއެކު 3،000 ހައުސިން ޔުނިޓް އެޅުމަށް ސޮއިކޮށްފަ އެވެ. އޭގެ ތެރެއިން މިހާތަނަށް ހަވާލުކުރީ 2،341 ފްލެޓް ކަމަށްވާއިރު، ބައެއް ފްލެޓްތައް އަޅަން ދިވެހި ކުންފުނިތަކާ ވެސް ހަވާލުކުރާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
Comment