Advertisement

ޓީ20 ވޯލްޑް ކަޕްގައި ކުޅުމާ މެދު ގޮތެއް ނިންމަން ބަންގްލަދޭޝް އަށް މުހުލަތެއް ދީފި

about 2 hours 0


ޓީ20 ވޯލްޑް ކަޕްގައި ކުޅުމާ މެދު ގޮތެއް ނިންމަން ބަންގްލަދޭޝް އަށް މުހުލަތެއް ދީފި

about 2 hours 0

ޑާކާ، ބަންގްލަދޭޝް (ޖެނުއަރީ 22) - އަންނަ މަހު ސްރީ ލަންކާ އާއި އިންޑިއާގައި ކުޅެން ނިންމާފައިވާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި ބަންގްލަދޭޝް ކުޅުމާ މެދު ގޮތެއް ނިންމަން އެ ގައުމުގެ ކްރިކެޓް ބޯޑަށް އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ފަހުގެ މުހުލަތެއް ދީފި އެވެ.

އަންނަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މާޗް އަށް ވަނަ ދުވަހުގެ ނިޔަލަށް ޓީ20 ކްރިކެޓް ވޯލްޑް ކަޕް ހޯސްޓްކުރަނީ އިންޑިއާ އާއި ލަންކާގަ އެވެ.

އިންޑިއާއާ އެކު އޮތް މައްސަލަތަކުގެ ސަބަބުން، ޓީ20 ވޯލްޑް ކަޕްގައި ޕާކިސްތާންގެ މެޗުތައް ކުޅެނީ ލަންކާގަ އެވެ. އަދި، މުބާރާތުގެ ފައިނަލަށް ޕާކިސްތާން ގޮސްފިނަމަ އެ މެޗު ވެސް ކުޅެން ޖެހޭނީ ލަންކާގަ އެވެ. ޕާކިސްތާނެކޭ އެއްގޮތަށް ބަންގްލަދޭޝް އިން ވެސް އެ ގައުމުގެ މެޗުތައް ލަންކާގައި ކުޅޭ ގޮތަށް ހަދައިދޭން އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އަށް ހުށަހެޅި ނަމަވެސް އެ ޕްރޮޕޯސަލް ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

މީގެ އިތުރުން، އައިސީސީން ފަހުން އަންގާފައިވަނީ، އިންޑިއާ އަށް މެޗުތައް ކުޅެން ބަންގްލަދޭޝަށް ނުދެވޭނަމަ، އެ ޓީމަށް މުބާރާތުގެ ފުރުސަތު ގެއްލި އެހެން ޓީމަކަށް އެ ޖާގަ ދޭނެ ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން އެ ފުރުސަތު ދޭން އޮތީ ސްކޮޓްލެންޑަށެވެ.

ބަންގްލަދޭޝްގެ މީޑިއާ އަކަށް އެ ގައުމުގެ ކްރިކެޓް ބޯޑުގެ ރައީސް، އަމީނުލް އިސްލާމް ވިދާޅުވީ، ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި ކުޅުމާ މެދު އެންމެ ފަހުގެ ގޮތެއް ކަނޑައެޅުމަށްޓަކައި، އައިސީސީ އަށް ދޭން ޖެހޭ ފައިނަލް ޖަވާބެއް ނިންމަން ސަރުކާރާ އެކު މަޝްވަރާކުރާނެ ކަމަށެެވެ.

އެ ގޮތުން، އައިސީސީން ފުރަތަމަ ދިން 24 ގަޑިއިރު ބުދަ ދުވަހުގެ ނިޔަލަށް ހަަމަވިއިރު، އަމީނުލް އިސްލާމް އެދިވަޑައިގެން، އިތުރު ވަގުތުތަކެއް އައިސީސީން ވަނީ ދީފަ އެވެ.

ޓީ20 ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ބަންގްލަދޭޝް ކުޅޭ ހަތަރު މެޗެއް އޮތީ އިންޑިއާގައި ކުޅެން ތާވަލުކޮށްފަ އެވެ.

ބަންގްލަދޭޝް އިން އިންޑިއާ އަށް މެޗު ކުޅެން ނުދާގޮތަށް ނިންމި ނިންމުމަށް އަމަލުކުރަން ނިންމީ، ދުނިޔޭގެ އެންމެ ވަރުގަދަ ފްރެންޗައިސް ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ކުރިއަށް އޮތް ސީޒަނަށް ކަލްކަތާ ނައިޓް ރައިޑާސް (ކޭކޭއާރް) އިން ގަތް، ބަންގްލަދޭޝްގެ މުސްތަފިޒުރް ރަހްމާން، އެ ޓީމުން ބާކީ ކުރަން އިންޑިއާގެ ކްރިކެޓް ބޯޑު، ބީސީސީއައި އިން އަންގައިގެން، އެ ގޮތަށް އަމަލުކުރުމުންނެވެ. ކުރިއަށް އޮތް އައިޕީއެލް ސީޒަނަށް، މިދިޔަ މަހުގެ އޯކްޝަނުގައި، ކޭކޭއާރް އިން މުސްތަފިޒުރް ގަތީ އެއް ލައްކަ ޑޮލަރު ދީފަ އެވެ.

ޖުމްލަ އެކު، 20 ޓީމު ވާދަކުރާ ޓީ20 ވޯލްޑް ކަޕްގެ ގްރޫޕް އޭގައި ހިމެނެނީ، އިންޑިއާ، ޕާކިސްތާން، އެމެރިކާ، ނަމީބިއާ އަދި ނެދަލެންޑްސް އެވެ. ގްރޫޕް ބީގައި ހިމެނެނީ، އޮސްޓްރޭލިއާ، ސްރީ ލަންކާ، ޒިމްބާބްވޭ، އޮމާން އަދި އަޔަލެންޑް އެވެ. ގްރޫޕް ސީގައި، މުޅިން އަލަށް ވޯލްޑް ކަަޕަށް ކޮލިފައިވި އިޓަލީން ވާދަކުރާނީ ނޭޕާލާއި ބަންގްލަދޭޝާއި ވެސްޓް އިންޑީސް އަދި އިންގްލެންޑް އެވެ. އަދި، ގްރޫޕް ޑީގައި ހިމެނެނީ، ނިއު ޒީލެންޑާއި ދެކުނު އެފްރިކާ، އަފްގާނިސްތާން، ކެނަޑާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އެވެ.