Advertisement

ލޭގައި ހުންނަ ސަރުބީ ވިރުވައިލާ ބޭހެއް އީޖާދުކޮށްފި

about 2 hours 0


ލޭގައި ހުންނަ ސަރުބީ ވިރުވައިލާ ބޭހެއް އީޖާދުކޮށްފި

about 2 hours 0

އަހަރެމެން ކާ އެއްޗެއް ކެއުމާއެކު، ހަށިގަނޑުގައި ހުންނަ އިތުރު ކެލޮރީތައް، ހާއްސަކޮށް އެއީ ކާބޮހައިޑްރޭޓް، ހަކުރު، ސަރުބި އަދި އަލްކޮހޯލް އިން އުފެދިފައިވާ ކެލޮރީނަމަ، ޓްރިގްލީސަރައިޑްސް (triglycerides) ކިޔާ މޮލިކިއުލްތަކަކަށް ބަދަލުކޮށްލައެވެ. ޓްރިގްލީސަރައިޑްސްއަކީ ވެސް ސަރުބީގެ ބާވަތެކެވެ. ހަށިގަނޑުގައި ހުންނަ ސަރުބީ ސެލްތަކުގައި މި މާއްދާތައް ރައްކާކޮށްފައި ބަހައްޓަނީ، ދެ ކޮއްތުގެ ދެމެދުގައި ހަށިގަނޑަށް ބޭނުންވާ ހަކަތައިގެ ގޮތުގައި ބޭނުންކުރުމަށެވެ.

އެހެން ނަމަވެސް، ހަށިގަނޑުގައި މާ ގިނައިން މި ބާވަތުގެ ސަރުބި (ޓްރިގްލީސަރައިޑްސް) ޖަމާވެފައި ހުރުމަކީ އެ މީހެއްގެ ސިއްހަތަށް ހުރި ނުރައްކަލެކެވެ. މީހާގެ ލޭގައި މި ބާވަތުގެ ސަރުބި މާގިނަވުމަށް، ހައިޕާޓްރިގްލީސަރައިޑީމިއާ (hypertriglyceridemia) ކިޔައެވެ. މި ހާލަތު މެދުވެރިވުމުން ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ ބޮޑުވެ ސްޓްރޯކް ޖެހުމާއި ޗިސްމޭ ދުޅަވުމުގެ މައްސަލަ ކުރިމަތިވެއެވެ.

އެމީހެއްގެ ލޭގައި ޓްރިގްލީސަރައިޑްސް އެކުލެވޭ މިންވަރު ސިއްހީ މިންގަނޑުގައި ހިފެހެއްޓުމަށްޓަކައި ކަސްރަތު ކުރުމަށާއި ސިއްހީ ކާނާ ކެއުމަށް ޑޮކްޓަރުން އިރުޝާދު ދެނީ މި ސަބަބުތަކަށްޓަކައެވެ. ސިއްހީ މިންގަނޑު ފަހަނައަޅައި ހިނގައްޖެ ނަމަ، ބޭސްތައް ކައިގެން ނޫނީ ދުޅަހެޔޮ ހާލަތަށް އެނބުރި އައުން އުނދަގޫވެއެވެ.

ލޭގައި ސަރުބީ އެކުލެވޭ ސިއްހީ މިންގަނޑު މައިގަނޑު ގޮތެއްގައި ބިނާވެފައި އޮންނަނީ އެމީހެއްގެ ލޭގެ ތެރެއަށް ސަރުބީ ވަންނަ މިންވަރާއި ލޭގެ ތެރެއިން ސަރުބީ ވިރުވައި އަންދާ މިންވަރުގެ މައްޗަށެވެ. ކުޅިވަރު ކުޅެ ކަސްރަތުކޮށް ނުވަތަ ހަރަކާތްތެރި ދިރިއުޅުމުގެ އާދަތަކުގެ މަތީގައި އުޅޭ މީހުންގެ ލޭގައި ސަރުބީ އެކުލެވޭ މިންވަރު މަތިވިޔަސް އެކަމުން ސިއްހީ މާ ބޮޑު ނުރައްކަލެއް ކުރިމަތި ނުވެދާނެއެވެ. ސަބަބަކީ އެމީހުންގެ ހަށިގަނޑަށް ސަރުބީ އެތެރެވާ މިންވަރަށް ސަރުބީ އަނދައި ވިރިގެން ދާތީއެވެ.

މިއާ ހިލާފަށް ހަރަކާތް މަދު ނުވަތަ ކުޅިވަރާއި ކަސްރަތާ ދުރު މީހުންގެ ލޭގައި ސަރުބީ އެކުލެވޭ ނިސްބަތް، ކުޅިވަރު ކުޅޭ މީހުންނާ އަޅައި ބަލާއިރު ދަށް މިންވަރެއްގައި ހުއްޓަސް، އެއީ ނުރައްކާތެރި މިންވަރެއް ކަމުގައި ބެލެވެއެވެ. ސަބަބަކީ އެމީހުންގެ ހަށިގަނޑަށް ސަރުބީ އެތެރެވާ މިންވަރަށް ސަރުބީތައް ވިރިގެން ނުގޮސް ހަށިގަނޑުގައި ނުވަތަ ލޭގައި ޖަމާވެފައި ހުންނާތީއެވެ.

އަހަރެމެން ހަށިގަނޑަށް އެތެރެކުރާ ކާނާގައި އެކުލެވޭ ސަރުބީގެ ބައިތައް، ލޭގެ ތެރެއަށް ފޮނުވައިދެނީ ފުރަމެޔާއި ގޮހޮރުގެ ތެރެއިން ލޭގެ ތެރެއަށް ދޫކުރާ ކުދިކުދި އެތިކޮޅުތަކެއްގެ ޒަރީއާއިންނެވެ. އެއާއެކު ލޭގައި އެކުލެވޭ އެންޒީމްތައް، އެ ސަރުބިކޮޅުތައް ކުދިކުދިކޮށްލައިދިނުމުން ހަށިގަނޑުގެ ތެރެއިން ބޭރުވެގެން ދެއެވެ.

ނަމަވެސް ހަށިގަނޑުން ސަރުބީތައް ވިރުވައި ނައްތައިލާ މިންވަރަށް ވުރެ ހަށިގަނޑުން ސަރުބީ އުފައްދައިދޭ މިންވަރު މަތިވެއްޖެ ނަމަ، ޓްރިގްލީސަރައިޑްސްއޭ މިކިޔާ ޒާތުގެ ސަރުބި، ލޭގެ ތެރޭގައި ގިނަވެފައި ހުންނަ ގޮތް މެދުވެރިވެއެވެ. މިހެންވުމުން، ލޭގެ ތެރޭގައި ކޮލެސްޓެރޯލް ގިނަވެ، ޗިސްމޭ ދުޅަވުމާއި، ފުރަމޭގައި ސަރުބީ ޖަމާވާ ބަލި (steatotic liver disease) ޖެހޭ ގޮތް މެދުވެރިވެއެވެ.

ހަށިގަނޑަށް އެތެރެވާ ސަރުބީގެ ބާވަތްތަކުން ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފެއްދުމާއި ބޭކާރު ސަރުބީތައް ވިރުވައި ނައްތައިލުމުގެ މަސައްކަތުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ލިވާ އެކްސް ރިސެޕްޓާ (އެލްއެކްސްއާރް) ކިޔާ ޕްރޮޓީންއެކެވެ. އެލްއެކްސްއާރްގެ މައިގަނޑު މަސައްކަތަކީ ސަރުބީ އުފައްދާ ޖީންތަކާއި އުފެދޭ ސަރުބީތަކުން ހަކަތަ އުފައްދައި ބޭކާރު ސަރުބީ ނައްތައިލާ ޖީންތަކުގެ މަސައްކަތްތައް ބަރާބަރަށް ވިލަރެސްކުރުމެވެ.

މި އެލްއެކްސްއާރް ޕްރޮޓީންގެ ހަރަކާތްތެރިކަން އިތުރުވުމުން ޓްރިގްލީސަރައިޑްސް އާއި ކޮލެސްޓެރޯލްގެ މިންވަރު މަތިވެއެވެ. އެހެންކަމުން، ބޭހެއް ދީގެން މި ޕްރޮޓީންގެ ހަރަކާތްތައް ދަށްކުރެވިއްޖެ ނަމަ، އެކަމުން ސިއްހީ ފައިދާތަކެއް ލިބެއެވެ. ނަމަވެސް، އެ ޕްރޮޓީންގެ ހަރަކާތްތައް ވެސް ކޮންޓްރޯލް ކުރަންޖެހެނީ ވަކި މިންވަރަކަށެވެ.

މި ސަބަބަށްޓަކައި ފުރަމޭގަޔާއި ބަނޑުގައި ހުންނަ އެލްއެކްސްއާރް ޕްރޮޓީންގެ މަސައްކަތް ވަކި އިމެއްގައި ހިފަހައްޓައިދޭނެ ގުޅަ ބޭހެއް މިހާރުވަނީ އީޖާދުކޮށްފައެވެ. މި (TLC-2716) ބޭހުގެ މައިގަނޑު އަމާޒަކީ ހަށިގަނޑުގައި ހުންނަންޖެހޭ ރަނގަޅު ކޮލެސްޓެރޯލްގެ މިންގަނޑަށް ގެއްލުމެއް ނުދީ، ޓްރިގްލީސަރައިޑްސްގެ މިންވަރު ދަށް ކުރުމެވެ.

އިންސާނުންގެ ހަށިގަނޑުގައި މި ބޭހުގެ އަޖުމަބެލުމުގެ ކުރިން، މިހާރު ވަނީ ލެބޯޓެރީގައި ބައެއް ޖަނަވާރުގެ ހަށިގަނޑުގައި މި ބޭހުގެ އަޖުމަބަލައިފައެވެ. މި ޓެސްޓުތަކުން އެނގުނު ގޮތުގައި މި ބޭހުގެ ވަރަށް މަތީ ނިސްބަތެއް ޖަމާވަނީ ފުރަމެޔާއި ބަނޑުގައެވެ. އެހެންކަމުން ހަށިގަނޑުގެ އެހެން ޓިޝޫތަކަށް މި ބޭހުން ނުރަނގަޅު އަސަރު ކުރުމުގެ ފުރުސަތު ވަރަށް ކުޑައެވެ.