21 ޖަނަވަރީ 2026 - 15:13 0
ލީވާން އަލީ ނާސިރު
މުދާ އުފުލާ ދޯނި ބަންޑުން ޖަހާލުން: އެ ހާދިސާގައި ދޯނި ބަންޑުން ޖަހާލީ ނެގި ރާޅަކާއެކު ދޯނި އަރިއަޅާމުން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ -- ފޮޓޯ: ފުލުހުން
21 ޖަނަވަރީ 2026 - 15:13 0
މިދިޔަ އާދީއްތަ ދުވަހު ތާޖު އެގްޒޯޓިކާ ރިސޯޓު ކައިރިން މުދާ އުފުލާ ދޯނި "ބަލްމާ 6" ބަންޑުން ޖަހާލީ، ނެގި ރާޅަކާއެކު އަރިއަޅާލައިގެން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މިހާތަނަށް ކުރެވުނު ތަހުގީގުން އެނގިފައިވާ ގޮތުގައި އެ ދޯނި ބަންޑުން ޖަހާލީ، ފުށިދިއްގަރު ފަޅާ ގާތްގަނޑަކަށް 1،000 މީޓަރު ބޭރުން ދަތުރުކުރަނިކޮށް ނެގި ރާޅަކާއެކު އަރިއަޅާލުމުން ކަމަށެވެ.
ދޯނި އަރިއަޅާލި ވަގުތު ދޯނީގައި ހުރި ބަރު މުދާތައް އެއްފަރާތަކަށް ކަހާލައި ދޯނީގެ ބެލެންސް ގެއްލުނު ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"ދޯނި ބަންޑުން ޖަހާލަން މެދުވެރިވީ، ފުށިދިއްގަރު ފަޅާ ގާތްގަނޑަކަށް 1000 މީޓަރު ބޭރުން ދަތުރުކުރަނިކޮށް ނެގި ރަޅަކާ އެކު ދޯނި އަރިއަޅާލި ވަގުތު، ދޯނީގައި ހުރި ބަރު މުދާތައް އެއްފަރާތަކަށް ކަހާލައި ދޯނީގެ ބެލެންސް ގެއްލުމުގެ ސަބަބުން،" ފުލުހުން ބުންޏެވެ.
މި ހާދިސާގައި ދޯނިން ދަތުރުކުރި ދިވެއްސަކާއި ބިދޭސީއެއް ގެއްލުނެވެ. އޭގެ ތެރެއިން ދިވެހި މީހާ މަރުވެފައި އޮއްވާ ފެނިފައިވާއިރު، ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެނެ އެވެ.
ވައިގެ މަގުންނާއި ކަނޑުގެ މަގުން ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން އެ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
Comment