about 15 hours 1
ޕަރީގެ މަންޒަރެއްގައި ޝީޒަން
about 15 hours 1
އޮލިމްޕަހަށް މިހާރު އައިސްގެން މިއުޅެނީ "ޕަރީ" އެވެ. ބުދަ ދުވަހުގެ ރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރި އަލީ ސީޒަންގެ ބިރުވެރި ފިލްމު "ޕަރީ: ޗެޕްޓަރ 1" އާއެކު، ދިވެހި ފިލްމީ ދާއިރާ މިއޮތީ މުޅިން އާ އުސްމިނަކަށް ގޮސްފައެވެ. ސިނަމާ ތެރެއިން އިވުނު ހަޅޭކުގެ އަޑާއި، ބެލުންތެރިންގެ މޫނުމަތިން ފެނުނު ހައިރާންކަމުން އެކަނިވެސް މި ފިލްމުގެ "ވަރު" ވަޒަން ކުރަން ފުދެ އެވެ.
ފިލްމު ފެށުނީއްސުރެ ނިމެންދެން އޮލިމްޕަސް ތެރެއިން އިވެމުންދިޔައީ ބެލުންތެރިންގެ ހަޅޭކުގެ އަޑާއި، ކުއްލި ސިހުންތަކަށް ފަހު އައި ހިނިތުންވުމުގެ އަޑެވެ. ބައެއް މަންޒަރުތަކުން އޯޑިއެންސްގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާއެކު މުޅި ސިނަމާ ގުގުމާލިއެވެ.
ފިލްމު ބަލައި ނިމިގެން ނުކުތް ކޮންމެ މީހެއްގެ ދޫމަތީގައި އޮތީ އެއް ނަމެކެވެ. އެއީ އައިޝަތު ލަމްސާ ލަތީފް އެވެ. "ޕަރީ" ގެ ރޯލުން އޭނާ ދައްކުވައިދިން މޮޅު އެކްޓިން އަށް ތައުރީފު ނުކުރާ އެކަކުވެސް ނެތެވެ.
"މިއީ ހަމަ ހޮލީވުޑް ފެންވަރުގެ މަސައްކަތެއް،" ފިލްމު ބެލުމަށް ފަހު ނުކުތް ބައެއް މީހުން ބުންޏެވެ.
ބައެއް ބެލުންތެރިން ފާހަގަކުރި ގޮތުގައި މި ފިލްމުގެ އެކްޓިން އާއި، މަންޒަރުތައް ހުރީ ވަރަށް ރަނގަޅު ފެންވަރެއްގަ އެވެ.
ފިލްމުގެ ފަންނީ މަސައްކަތްތަކަށް، ހާއްސަކޮށް ވީއެފްއެކްސް އަދި ސައުންޑް އިފެކްޓްސްއަށް ސަތޭކަ ޕަސެންޓު ދޭންޖެހެ އެވެ. ދިވެހި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރު މިއުޒީޝަނުންނާއި ޕްރޮޑިއުސަރުން ވެސް އެއްބަސްވާ ގޮތުގައި، މިއީ އޮލިމްޕަހުގައި މިހާތަނަށް އެޅުވި ސައުންޑްގެ މަސައްކަތް އެންމެ ފުރިހަމަ ފިލްމެވެ.
މި ފިލްމަށް ހޯދާފައިވާއިރު، ސީޖީއައި އާއި ވިޝުއަލް އިފެކްޓްސް އަދި 7.1 ސަރައުންޑް ސައުންޑް މިކްސިންގްގެ މަސައްކަތް ކުރިއަށް ދިޔައީ އިންޑިއާގެ މަޝްހޫރު ސްޓޫޑިއޯތަކުގައެވެ.
އަހުމަދު އަހުސަން އާއި އަލީ ސީޒަން ޕްރޮޑިއުސްކޮށް، ސީޒަން ޑައިރެކްޓްކުރި މި ފިލްމަކީ އޭނާގެ ކެރިއަރުގެ މިހާތަނަށް އެންމެ "ބެސްޓް" މަސައްކަތް ކަމަށް ސީޒަން އަމިއްލައަށް ބުނެފައިވާ ބުނުން ބެލުންތެރިން މިހާރު ހެކިވެ އެވެ.
ސްްރީލަންކާގައި 99 ޕަސެންޓު ޝޫޓްކޮށްފައިވާ މި ފިލްމުގައި ރިޝްމީ ރަމީޒް، ޝީލާ ނަޖީބް، ޖުމައްޔިލް ނިމާލް އަދި ނައުޝާދު ފަދަ ތަރިންގެ އިތުރުން ލަންކާގެ ފަންނާނުންގެ ހުނަރުވެސް ފެނިގެންދެއެވެ.
ކުރިއަށް އޮތީ ކޮން އެއްޗެއް؟ ފިލްމު ނިމިގެން ދިޔައީ ބެލުންތެރިން އިތުރަށް ކެތްމަދުކޮށްލުވާފައެވެ. ފިލްމުގެ ފަހަތުން ދައްކާލި "ޕަރީ: ޗެޕްޓަރ 2" ގެ ކުރު ޓްރެއިލާއާއެކު، ދެން ވާނެ ގޮތެއް ބަލަން އެންމެން މިހާރު ތިބީ ތައްޔާރަށެވެ. މިއީ ދިވެހި ފިލްމީ އުދަރެހުން ފެނުނު އާ އުއްމީދެކެވެ.
Comment