Advertisement

ފުޓްސަލް އިންޑޯ ޕިޗެއްގައި ކުޅޭ ވަރަކަށް ގައުމީ އަންހެން ޓީމު ރަނގަޅުވާނެ

about 2 hours 0

ގައުމީ އަންހެން ފުޓްސަލް ޓީމުގެ ގޯލްކީޕަރު، ސާއިގާ: އިންޑޯގައި ގައުމީ އަންހެން ޓީމުން ކުޅޭ ވަރަކަށް ޓީމު ރަނގަޅުވާނެ ކަމަށް ވަނީ ބުނެފައި.---- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް


ފުޓްސަލް އިންޑޯ ޕިޗެއްގައި ކުޅޭ ވަރަކަށް ގައުމީ އަންހެން ޓީމު ރަނގަޅުވާނެ

about 2 hours 0

ގައުމީ އަންހެން ފުޓްސަލް ޓީމުން ވެސް ފުޓްސަލް އިންޑޯ ޕިޗެއްގައި ގިނައިން މެޗުތަކާއި މުބާރާތްތައް ކުޅޭ ވަރަކަށް ރަނގަޅުވާނެ ކަމަށް ގައުމީ އަންހެން ފުޓްސަލް ޓީމުގެ ގޯލްކީޕަރު، ސާއިގާ ހުސެއިން ބުނެފި އެވެ.

މިއީ، ރާއްޖޭގެ އަންހެން ފުޓްސަލް ޓީމެއް ބައިނަލްއަގުވާމީ މުބާރާތެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން، ޓްރެއިނިން މެޗެއް ވެސް ކުޅެފައިނުވާއިރު، މުބާރާތް ކުޅުމަށް ތައިލެންޑަށް އައުމުގެ ކުރިން އިންޑޯއެއްގައި ޕްރެކްޓިސްކޮށްފައެއް ވެސް ނުވެ އެވެ. އަދި، މުބާރާތުގައި ވާދަކުރާ ހަތް ގައުުމުގެ ތެރެއިން އިންޑޯއެއްގައި އަމިއްލަ ގައުމުގައި ޕްރެކްޓިސްކުރުމުގެ ފުރުސަތު ނުލިބުނީ، ރާއްޖޭގެ ދެ ޓީމަށެވެ.

ތައިލެންޑަށް އައުމަށް ފަހު، ގައުމީ އަންހެން ޓީމަށް އިންޑޯގައި ޓްރެއިނިން ކުރިއަށްގެންދިއުމުގެ ފުރުސަތު ލިބިގެންދިޔަ އެވެ. އަދި، ފުރަތަމަ މެޗުގައި، އިންޑިއާ އަތުން 11-1 އިން ބަލިވި އެވެ. އެ އަށް ފަހު، ދެ ވަނަ މެޗުގައި، ރާއްޖޭން ނޭޕާލް އަތުން 5-0 އިން ބަލިވިއިރު، ތިން ވަނަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ކުޅެ ބަލިވީ 3-1 އިންނެވެ.

ތިން ވަނަ މެޗުގައި މިއަދު ބޫޓާނާ ކުޅުމުގެ ކުރިން، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ސާއިގާ ބުނީ، ގައުމީ އަންހެން ފުޓްސަލް ޓީމުން މުބާރާތެއްގައި ކުރާ ފުރަތަމަ ތަޖުރިބާއާ އަޅާބަލާއިރު، "ވަރަށް ރަނގަޅު" ކަމަށެވެ.

"އިންޑޯގައި ޕްރެކްޓިސް ނުލިބި މުބާރާތަށް އައިސްފައި، ކުޅެންވީމަ ވަރަށް އުނދަގޫވޭ އަސްލު، ތަފާތަކީ، އަޅުގަނޑަށް ހީވާގޮތުން އިންޑޯގައި ގިނައިން ކުޅެވޭ ވަރަކަށް ތަފާތު އަސްލު އެ ފެންނަނީ، ފުރަތަމަ މެޗުގައި އަސްލު ހީވީ ކުދިންތައް އާ ވެފައި ހުރިހެން، ޓާފްގައި ކުޅެކުޅެފައި އައިސްފައި، އިންޑޯގައި ކުޅެންވީމަ، ދުއްވައިގަންނަން ވެސް ބިރުން ހުންނަ ފީލްވީ. އެކަމު ވެސް މެޗަކަށް ފަހު މެޗެއް ރަނގަޅުވަމުންދާތީވެ، އަަސްލު ވަރަށް އުފާވޭ،" ސާއިގާ ބުންޏެވެ.

ޓީމުގެ ފެންވަރަށް ބަލާއިރު، ޕާފޯމަންސް ހުރީ އެންމެ ހިތްހަމަޖެހޭ ވަރަކަށް ނޫންކަން ފާހަގަކޮށް، ސާއިގާ ބުނީ، މީގެ އޮތް އުފަލަކީ، މެޗަކަށް ފަހު މެޗެއް ނަތީޖާ އަށް ބަލާއިރު ރަނގަޅުވަމުން އަންނާތީ ކަމަށެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި ރާއްޖެ ކޮޅަށް 11 ގޯލު ވަދެފައި، ދެ ވަނަ މެޗާއި ތިން ވަަނަ މެޗުގައި މަދުކުރެވެމުން އަންނައިރު، އެއީ ކުރިއެރުން ކަަމަށް ސާއިގާ ވަނީ ބުނެފަ އެވެ.

ގައުމީ އަންހެން ފުޓްސަލް ޓީމުގެ މެދުގައި އޮތް ރޫހު ރަނގަޅު ކަމަށާއި ބާކީ މެޗުތަކަށް ވެސް ނުކުންނާނީ ކުރިއެރުމާއި ކާމިޔާބު ހޯދަން ކަމަށްވާއިރު، އެ ކަަމަށް ސަޕޯޓަރުންގެ ފަރާތުން އެއްބާރުލުމަށް ސާއިގާ ވަނީ އެދިފަ އެވެ.

"ސަޕޯޓަރުންނަށް ބުނެލަން އޮތީ އަންހެން ނޫނީ ފިރިހެން ވީމަ ތަފާތު ނުކުރާށޭ، މި ހަމަ ރާއްޖޭގެ އަންހެނުން ވެސް ފުޓްސަލް ވަރަށް ކުޅޭ. ދެން، ގިނައިން ސަޕޯޓް އަސްލު ސަޕޯޓް ބޭނުންވަނީ އެންމެންގެ ފަރާތުން ވެސް، ބައެއް ފަރާތްތަކުން ސަޕޯޓް ދޭތީ ވަރަށް އުފާވޭ. ޓީމު ހަމަ އެންމެން ވެސް ވަރަށް ޖޯޝުގައި ކުރިއަށްދަނީ،" ސާއިގާ ބުންޏެވެ.

ބޫޓާނުން ކުޅުުނު ފުރަތަމަ މެޗުގައި 1-1 އިން ޕާކިސްތާނާ އެއްވަރުކުރިއިރު، ދެ ވަނަ މެޗުގައި، 3-3 އިން ބަންގްލަދޭޝާ އެއްވަރުކުރި އެވެ. އަދި، ތިން ވަަނަ މެޗުގައި، ސްރީ ލަންކާ އަތުން 5-1 އިން ވަނީ މޮޅުވެފަ އެވެ. ރާއްޖެ އާއި ބޫޓާން ކުޅޭ މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން 18:00 ގަ އެވެ.