Advertisement

ރާއްޖޭގެ ކޯޗުގެ ޓާގެޓަކީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހުރިހާ މެޗަކުން ވެސް މޮޅުވުން

about 2 hours 0

ގައުމީ ފުޓްސަލް ޓީމުގެ ކޯޗު ފާރޫކް ޒަކީރޯވް މެޗަށް ފަހު އިންޓަވިއުދެނީ.--- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް


ރާއްޖޭގެ ކޯޗުގެ ޓާގެޓަކީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހުރިހާ މެޗަކުން ވެސް މޮޅުވުން

about 2 hours 0

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ފިރިހެން ޓީމުން ފުރަތަމަ ކުޅުނު ތިން މެޗުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑާ އެކު އެއް ވަނައިގައި އޮތްއިރު، ޓީމުގެ ކޯޗު، އުޒްބެކިސްތާންގެ ފާރޫކް ޒަކީރޯވް ބޭނުންވަނީ، ދެން ހުރި ހުރިހާ މެޗަކުން ވެސް މޮޅުވެ ފުރިހަމަ ރެކޯޑަކާ އެކު ޗެމްޕިއަންކަން ހޯދަން ކަމަށް ބުނެފި އެވެ.

ރާއްޖޭން ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 7-1 އިން މޮޅުވިއިރު، ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން 6-1 އިން މޮޅުވި އެވެ. އަދި، ތިން ވަނަ މެޗުގައި ރާއްޖެ ވަނީ މިއަދު އިންޑިއާ އަތުން 5-0 އިން މޮޅުވެފަ އެވެ.

މިއަދު އިންޑިއާ މެޗަށް ނުކުތްއިރު، ރާއްޖެ އަށް އޮތީ ވަގުތީ ގޮތުން ލީގު ތާވަލުގެ އެއް ވަނަ ގެއްލިފަ އެވެ. އެއީ، މިއަދު ކުޅުނު ފުރަތަމަ މެޗުން، ނޭޕާލާ 4-4 އިން އެއްވަރުކޮށް ޕާކިސްތާނުން ހޯދި ޕޮއިންޓާ އެކު، ހަތަރު މެޗުން ހަތް ޕޮއިންޓް ހަމަކޮށްގެންނެވެ. އެކަމަކު، އިންޑިއާ އަތުން ލިބުނު މޮޅާ އެކު، ރާއްޖޭން ތިން މެޗުން ނުވަ ޕޮއިންޓް ހޯދައި، އެއް މެޗު މަދުން ކުޅެ، ދެ ޕޮއިންޓުގެ ލީޑެއް އެއް ވަނައިގައި ނެގީ އެވެ. މިހާރު އޮތްގޮތުން، ރާއްޖޭން ސާފްގެ ފުރަތަމަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދަން ބާކީ އޮތް ތިން މެޗުން ބޭނުންވަނީ ފަސް ޕޮއިންޓެވެ.

ރާއްޖެ އަށް ބާކީ އޮތް ތިން މެޗަކީ، ބުރާސްފަތި ދުވަހު ނޭޕާލާ ކުޅޭ މެޗާއި ހޮނިހިރު ދުވަހު ބޫޓާނާ ކުޅޭނެ އެވެ. އަދި ފަހު މެޗުގައި، އަންނަ ހަފްތާ ހޯމަ ދުވަހު ލަންކާއާ ދެކޮޅަށް ނުކުންނާނެ އެވެ. މިހާރު އޮތް ގޮތުން، މި ތިން މެޗުން ފަސް ޕޮއިންޓް ހޯދައިގެން، ސާފްގެ ފުރަތަމަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެ އަށް ލިބޭނެ އެެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި، ކޯޗު ފާރޫކް ބުނެފައިވަނީ، އަމާޒަކީ ބާކީ ހުރި ހުރިހާ މެޗަކުން ވެސް މޮޅުވުން ކަމަށެެވެ.

"މުބާރާތް ފެށިއިރު ވެސް ޓާގެޓަކަށް ވީ މޮޅުވުން، މިހާރު ވެސް އެ ވިސްނުމުގައި މި ހުރީ އަހަރެން ބޭނުންވަނީ ހުރިހާ މެޗަކުން ވެސް މޮޅުވާން،" ފާރޫކް ބުންޏެވެ.

އިންޑިއާ މެޗަށް ފަހު، ދެން ރާއްޖޭގެ ހުރިހާ ފޯކަސް އެއް މި ވަގުތަށް އޮތީ ކުރިއަށް އޮތް ނޭޕާލް މެޗަށް ކަމަށާއި ފުރަތަމަ ތިން މެޗުގައި ދެއްކި ކުޅުމަށް ބަލާއިރު، ނޭޕާލަކީ ވެސް ރާއްޖެ ކައިރީގައި ރަނގަޅު ކުޅުމެއް ދައްކާނެ ޓީމެއް ކަމަށް ބެލެވޭ ކަމަށް ފާރޫކް ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ގައުމީ ޓީމުން ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ތައިލެންޑަށް އައުމުގެ ކުރިން، މާލޭގައި މަހެއްހާ ދުވަހު ޕްރެކްޓިސް ކުރުމަށް ފަހު، ޗައިނާގައި ވަނީ 10 ވަރަކަށް ދުވަހުގެ ކޭމްޕެއް ފުރިހަމަކޮށްފަ އެވެ.

ފާރޫކް ބުނީ، ޗައިނާ ކޭމްޕާއި ޖުމްލަކޮށް ހުރިހާ ޓްރެއިނިންއެއްގައި ވެސް އެޓޭކާއި ޑިފެންސަށް އިސްކަންދޭ ގޮތަށް އެކި ސްޓައިލްތަކަށް ޓީމު ލައްވައި ކުޅުވައި، ހުރިހާ ހާލަތަކަށް ޓީމު ތައްޔާރުކުރަން ކުރި މަސައްކަތުގެ ނަތީޖާ މުބާރާތުގައި ފެންނަ ކަމަށެވެ.

ލީގު ތާވަލުުގެ ދެ ވަނައިގައި އޮތް ޕާކިސްތާންގެ ކޯޗު، އިރާނުގެ އަލީ އިމާނީ ބުނެފައިވަނީ މިހާރު މުބާރާތް ފެންނަން އޮތްގޮތުން ޗެމްޕިއަންކަން ހޯދުމުގެ ފޭވަރިޓަކީ ރާއްޖެ ކަމަށެވެ.