Advertisement

ރެއާލާއި އާސެނަލަށް ބޮޑު މޮޅެއް، ބޯޑޯ/ގިލްމް އިން ސިޓީ ބަލިކޮށްފި

about 2 hours 0


ރެއާލާއި އާސެނަލަށް ބޮޑު މޮޅެއް، ބޯޑޯ/ގިލްމް އިން ސިޓީ ބަލިކޮށްފި

about 2 hours 0

އޮސްލޯ، ނޯވޭ (ޖެނުއަރީ 21) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރެއާލް މެޑްރިޑާއި އާސެނަލް ކުޅުނު މެޗުން ރަނގަޅު މޮޅެއް ހޯދިއިރު، ނޯވޭގެ ބޯޑޯ/ގިލްމް އިން 3-1 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފި އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ރެއާލުން ފްރާންސްގެ މޮނާކޯ ބަލިކުރީ 6-1 އިންނެވެ. އަދި، އާސެނަލުން ރަށުންބޭރުގައި އިންޓަ މިލާން އަތުން ވަނީ 3-1 އިން މޮޅުވެފަ އެވެ.

މުޅިން އަލަށް ޗެމްޕިއަންސް ލީގުގައި ކުޅޭ ބޯޑޯ/ގިލްމް އިން ސިޓީ ބަލިކުރިއިރު، މިއީ އިނގިރޭސި ޓީމެއް އަތުން ލިބުނު ފުރަތަމަ މޮޅެވެ. އާޓިފިޝަލް ޓާފެއްގައި -9 ޑިގްރީ ސެލްސިއަސްގައި ކުޅުނު މި މެޗުގައި ބޯޑޯ/ގިލްމްގެ ލަނޑުތައް ޖެހީ، މެޗުގައި ދެ ގޯލު ކާމިޔާބުކުރި ކެސްޕާ ހޯގް އާއި ޖެންސް ޕީޓާ ހައުގް އެވެ. ސިޓީގެ ހަމައެކަނި ލަނޑު ޖެހީ ރަޔާން ޗާކީ އެވެ. އަދި، ލަނޑު ޖެހިތާ ދެ މިނިޓް ފަހުން، ސިޓީގެ ރޮޑްރީ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުން، އެ ޓީމުން މެޗުގެ ފަހު 30 އަކަށް މިނިޓް ކުޅުނީ ކުޅުންތެރިއަކު މަދުކޮށެވެ.


އިންޓަ ދަނޑުގައި ރޭ ގަބްރިއެލް ޖީސޫސް އާސެނަލަށް ލީޑުނަގައިދިންއިރު، ޕީޓާ ސުޗިޗް ވަނީ އިންޓަ އަށް އެއްވަރުކޮށްދީފަ އެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖީސޫސް ވަނީ ދެ ވަނަ ފަހަރަށް އާސެނަލަށް ލީޑުނަގައިދީފަ އެވެ. މިއީ، 2023 ވަނަ އަހަރުގެ ފަހުން ޗެމްޕިއަންސް ލީގުގައި ޖީސޫސްގެ ފުރަތަމަ ލަނޑުތަކެވެ. އާސެނަލަށް ތިން ޕޮއިންޓް ޔަގީންކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތުހަމަވާން ހަ މިނިޓަށް ވެފައި ވަނިކޮށް ބުކާޔޯ ސަކާ ދިން ބޯޅައަކުން ވިކްޓަ ޔޯކެރޭޝް ޖެހި ގޯލުންނެވެ.

އާ ކޯޗު އަލްވާރޯ އާބެލޯއާގެ ކޯޗުކަމުގައި ކުޅުނު ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި މޮނާކޯ ކޮޅަށް ރެއާލްގެ ލަނޑުތައް ޖެހީ، ކުރިން މޮނާކޯ އަށް ކުޅުނު ކީލިއަން އެމްބާޕޭ ދެ ގޯލުގެ އިތުރުން، ފްރާންކޯ މަސްޓަންޓޫނޯ، ވިނީޝިއުސް ޖޫނިއާ އަދި ޖޫޑް ބެލިންހަމްގެ އިތުރުން، މޮނާކޯގެ ތިލޯ ކެރާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މޮނާކޯގެ ހަމައެކަނި ލަނޑު ޖެހީ، ޖޯޑަން ޓެޒޭ އެވެ.


ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ބޮރޫޝިއާ ޑޯޓްމަންޑް އަތުން ޓޮޓެންހަމް ހޮޓްސްޕާސް މޮޅުވީ 2-0 އިންނެވެ. އެންމެ ފަހުގެ ޗެމްޕިއަން، ޕީއެސްޖީ އަތުން ސްޕޯޓިން ލިޒްބަން ވަނީ 2-1 އިން ކުރިހޯދައިފަ އެވެ. އަދި، ވިޔަރެއާލް ދަނޑުގައި އަޔަކްސް ވަނީ 2-1 އިން މޮޅުވެފަ އެވެ.

ޗެމްޕިއަންސް ލީގުގެ ތާވަލަށް ބަލާއިރު، އެއް ވަނައިގައި އޮތް އާސެނަލަށް ވަނީ ހަތް މެޗުން ވެސް މޮޅުވެ 21 ޕޮއިންޓް ލިބިފަ އެވެ. ދެ ވަަނައިގައި އޮތް ރެއާލާއި ތިން ވަނައިގައި އޮތް ބަޔާން މިއުނިކް އަށް 15 ޕޮއިންޓް ލިބިފައިވާއިރު، ރެއާލުން ހަތް މެޗު އަދި ބަޔާނުން ވަނީ ހަ މެޗު ކުޅެފަ އެވެ. ހަތަރެއްގައި އޮތް ޓޮޓެންހަމް އަށް ހަތް މެޗުން ވަނީ 14 ޕޮއިންޓް ލިބިފަ އެވެ.