about 2 hours 0
އެމެރިކާގެ ރައީސް ޓްރަމްޕް
about 2 hours 0
އދ. ގެ ބަދަލުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފައްދަވަން އުޅުއްވާ "ބޯޑް އޮފް ޕީސް" ނުވަތަ ސުލްހައިގެ މަޖިލިސް އަތުވެދާނެ ކަމުގެ އިޝާރާތެއް އެމަނިކުފާނު ދެއްވައިފިއެވެ.
ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އދ. ގެ ބަދަލުގައި އެމަނިކުފާނުގެ މި އައު މަޖިލިސް ފެނިގެން ހިނގައިދާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން، ޓްރަމްޕް ވިދާޅުވީ "އެއީ ވެދާނެ ކަމެއް" ކަމަށެވެ.
ކުރިން ގާޒާ އާރާސްތުކުރުމުގެ މަޝްރޫއުގެ ބައެއްގެ ގޮތުގައި ތައާރަފުކުރި މި "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ޓްރަމްޕް މިހާރު ގެންދަވަނީ ދުނިޔޭގެ އެކި ލީޑަރުންނަށް ދައުވަތު ފޮނުއްވަމުންނެވެ.
އެމަނިކުފާނު ފޮނުއްވާ ސިޓީތަކާއި ޗާޓަރުތަކުން އެނގޭ ގޮތުގައި، މި ބޯޑުގެ މަގްސަދުތައް ހަމައެކަނި ގާޒާގެ މައްސަލައަށް ވުރެ ބޮޑަށް، މުޅި ދުނިޔޭގެ ސުލްހައަށް އަމާޒުވާ ގޮތަށް ވަނީ ފުޅާކުރައްވާފައެވެ.
އދ. އާ މެދު އޮތް ބޮޑު ހިތްހަމަނުޖެހުން ފާޅުކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އދ. އަކީ އޭގެ ފުރިހަމަ ގާބިލްކަމާ އެއްވަރަށް ދުވަހަކުވެސް މަސައްކަތް ކުރެވިފައިވާ ތަނެއް ނޫން ކަމަށެވެ. އަދި އދ. އަކީ މާ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭ އިދާރާއެއް ނޫން ކަމަށާއި، އެމަނިކުފާނު މިހާތަނަށް ހައްލުކޮށްދެއްވި ހުރިހާ ހަނގުރާމަތަކަކީ ހަގީގަތުގައި އދ. އިން ހައްލުކުރަން ޖެހޭނެ ކަންކަން ކަމަށްވެސް ޓްރަމްޕް ފާހަގަކުރެއްވިއެވެ.
މި ބަދަލާއެކު ދުނިޔޭގެ ސިޔާސީ މަސްރަހާއި ބައިނަލްއަގުވާމީ ގުޅުންތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.
"ބޯޑް އޮފް ޕީސް" ގައި ފްރާންސް ބައިވެރިވުމަށް އެ ގައުމުގެ ރައީސް މެކްރޮން އިންކާރު ކުރެއްވުމާ ގުޅިގެން، ފްރާންސްގެ ވައިން އާއި ޝެމްޕޭނުން 200 ޕަސެންޓުގެ ޓެރިފެއް ނަގާނެ ކަމަށް ޓްރަމްޕް އިންޒާރު ދެއްވަފައިވެ އެވެ.
ހޯމަ ދުވަހު މިއާމީގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މި ބޮޑު ޓެރިފްގެ ސަބަބުން މެކްރޮން ބޯޑާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ.
މެކްރޮންގެ ދައުރު ވަރަށް އަވަހަށް ހަމަވާން އުޅޭތީ، އޭނާ ބޯޑުގައި ހިމެނުމަށް އެއްވެސް މީހަކު ބޭނުންނުވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
މި ބޯޑާ ގުޅުމަށް ފްރާންސުން އިންކާރު ކުރީ، ބޯޑުގެ ޗާޓަރު އޮތްގޮތުން އދ. ގެ އުސޫލުތަކާއި އޮނިގަނޑާ މެދު ސީރިއަސް ސުވާލުތަކެއް އުފެދޭތީ ކަމަށް މެކްރޮން ވިދާޅުވިއެވެ. މިއީ ޓްރަމްޕް މިފަދަ އިންޒާރެއް ދެއްވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ގްރީންލޭންޑް އެމެރިކާގެ ދަށަށް ގެންދިއުމަށް ޓްރަމްޕް ކުރެއްވި މަސައްކަތަށް ފްރާންސުން ދެކޮޅު ހެދުމުން ވެސް، އެ ގައުމުގެ މުދަލުން 10 ޕަސެންޓުގެ ޓެރިފެއް ވަނީ ނަގަން ފަށާފައެވެ.
ފުރަތަމަ މި ބޯޑު އުފެއްދީ ގާޒާގެ ހަނގުރާމަ ހުއްޓުވުމަށާއި، ހަނގުރާމައަށްފަހު ގާޒާ އާރާސްތުކުރުން ބަލަހައްޓާ ބައިނަލްއަގުވާމީ އިދާރާއެއްގެ ގޮތުގައެވެ. ނަމަވެސް، ފަހުން ހާމަވި ބޯޑުގެ ޗާޓަރުގައިވާ ގޮތުން މީގެ މަގްސަދު މާ ފުޅަލެވެ.
އޭގެ ތެރެގައި ހަނގުރާމައިގެ ބިރު އޮތް ކޮންމެ ސަރަހައްދެއްގައި ސުލްހަ ގާއިމުކުރުމުގެ ބާރު ބޯޑަށް ލިބިގެންވެއެވެ. އދ. އަށްވުރެ ހަލުވި އަދި ނަތީޖާ ނެރެދޭ ބައިނަލްއަގުވާމީ ސުލްހަ ބަލަހައްޓާ އިދާރާއަކަށް މި ބޯޑު ހެދުމަކީ ޓްރަމްޕްގެ އަމާޒެކެވެ. ހަމާސްގެ ހަތިޔާރު އަތުލުމާއި، ފަލަސްތީނުގެ މާހިރުންގެ ޓީމެއް މެދުވެރިކޮށް އެމެރިކާގެ ބެލުމުގެ ދަށުން ގާޒާ ހިންގުން ވެސް ބޯޑުގެ ޒިންމާގެ ގޮތުގައި ހިމެނެއެވެ.
މި ބޯޑުގައި ދާއިމީ މެންބަރަކަށް ވުމަށް ކޮންމެ ގައުމަކުން 1 ބިލިއަން ޑޮލަރު ފުރަތަމަ އަހަރު ތެރޭގައި ދައްކަން ޖެހެއެވެ. ނަމަވެސް 3 އަހަރުގެ މުއްދަތަށް ހިލޭ ބައިވެރިވެވިދާނެއެވެ.
މި ބޯޑުގައި ބައިވެރިވުމަށް އިނގިރޭސިވިލާތް، ރަޝިޔާ، އަދި އުރުދުން އާއެކު 60 ގައުމަކަށް ވަނީ ދައުވަތު ދީފައެވެ. ކެނެޑާއިން ބައިވެރިވާން އެއްބަސްވި ނަމަވެސް 1 ބިލިއަން ޑޮލަރު ދައްކަން ވަނީ އިންކާރުކޮށްފައެވެ. ނޯވޭ އާއި އިނގިރޭސިވިލާތުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ބޯޑުގެ ޗާޓަރު އޮތްގޮތުން އެންމެ އިސް ބާރެއް އޮންނާނީ ޗެއާމަންގެ ހައިސިއްޔަތުން ޓްރަމްޕް އަށެވެ. އޭނާއަށް ލިބިވަޑައިގަންނަވާ ބާރުތަކުގެ ތެރޭގައި؛
މި ބޯޑުގެ އެގްޒެކެޓިވް ބޯޑުގައި ތިއްބަވާނީ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، ޖެރެޑް ކުޝްނާ، ސްޓީވް ވިޓްކޮފް، ޓޯނީ ބްލެއާ އަދި ވޯލްޑް ބޭންކްގެ ރައީސް އަޖޭ ބަންގާ އެވެ.
މި ބޯޑުގައި މިހާތަނަށް ފަލަސްތީނުގެ އެއްވެސް މެންބަރަކު ހިމަނާފައި ނުވާކަމެވެ.
މި ބޯޑުގެ ދަށުން ގާޒާގައި ސުލްހަ ބަލަހައްޓާނެ ބައިނަލްއަގުވާމީ ފައުޖެއް އެކުލަވާލުމަށް އދ. ގެ ސަލާމަތީ މަޖިލީހުން މިދިޔަ ނޮވެމްބަރު މަހު ވަނީ ގަރާރެއް ފާސްކޮށްފައެވެ.
Comment