about 2 hours 0
ލީވާން އަލީ ނާސިރު
ހައި ކޯޓު -- ފޮޓޯ: އަދަދު
about 2 hours 0
ފުލުހުން އަމަލުކުރި ގޮތުން ކަމަށް ބުނެ "ޑްރަގް ބޮޑެއް" ކަމަށްވާ ސ. ހިތަދޫ، ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީކަމުން ވަކިކުރި ހުސެއިން ފާއިޒް ރަޝާދު ނިންމެވީ ގޯސްކޮށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު 11، ގައި ހައްޔަރުކުރި އަންވަރުގެ ބަންދުން ދޫކުރުމަށް ގާޒީ ފާއިޒް ނިންމެވީ ކުށެއްގެ ތުހުމަތުގައި ބަލައި ފާސްކުރުމުގެ އަމުރާއި ހައްޔަރު އަމުރު، ކޯޓުން އެކީ އެއް ފަހަރާ ނެރޭއިރު، ހައްޔަރު އަމުރު ތަންފީޒުކުރެވޭނީ ބަލައި އަމުރު ތަންފީޒުކޮށް ކުށާއި ގުޅުންހުރި ހެކި ގަރީނާ ހޯދާފައި ނުވާ ކަމަށް ބުނެ އެވެ.
ނަމަވެސް ހައި ކޯޓުން ހުކުމްކުރީ މި މައްސަލައިގެ އަމުރަކީ ޝަރުތުތަކާއެކު ނެރެފައިވާ އަމުރަކަށް ނުވާތީ، އެ އަމުރު ތަންފީޒުކުރުމަށްޓަކައި ތަރުތީބެއް އޮންނަންޖެހޭ ކަމަށް ދަށު ކޯޓުން ކަނޑައަޅައި، ބަލައި ފާސްކުރުމުގެ ކުރިން ހައްޔަރުކޮށްފައިވާތީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ ހައްޔަރު ގޯސްކަމަށާއި އެހެންކަމުން ބަންދުން ދޫކުރުމަށް ނިންމާފައިވަނީ ގާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމަށް ނުބެލެވޭ ކަމަށެވެ.
މީގެއިތުރުން އަންވަރު ބަންދުން ދޫކުރުމުގެ އަމުރުގައި އޭނާގެ ހައްޔަރާމެދު ގާޒީ ފާއިޒް އަލުން ގޮތެއް ކަނޑައަޅާފައިވަނީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ވެސް ހައި ކޯޓުން ބުނެފައިވެ އެވެ. އެ ކޯޓުން ބުނީ އަންވަރު ހައްޔަރުކޮށް ބަންދުކުރަން ނިންމެވި ފުރަތަމަ އަމުރުގައި އޭނާ ބަންދުކުރީ އިޖުރާއަތާ އެއްގޮތަށް ކަނޑައެޅި ނަމަވެސް، ފަހުން އެ އިޖުރާއަތް ގޯސް ކަމަށް ކަނޑައެޅީ ގޯސްކޮށް ކަމަށެވެ.
"އިސްތިއުނާފު ރައްދުވާ ފަރާތް އެންމެ ފުރަތަމަ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތް ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަނޑައެޅުމަށްފަހު ކަމަށްވުމުން، ދެވަނަ ފަހަރަށް އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުގައި ބެހެއްޓުމަށް އެދުމުން، ހައްޔަރުކުރި އިޖުރާއަތު ގޯސްކަމަށް ބުނެ ބަންދުން ދޫކޮށްލަން ނިންމެވި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ނުބެލެވޭ،" ހައި ކޯޓުގެ ހުކުމުގައި ބުންޏެވެ.
އަންވަރު ބަންދުން ދޫކޮށްލި މައްސަލައިގައި ގާޒީ ފާއިޒްގެ މައްސަލަ ބެލުމަށްފަހު މިދިޔަ މަހު ވަނީ އޭނާ ގާޒީކަމުން ވަކިކޮށްފަ އެވެ. ގާޒީކަމުން ފާއިޒް ވަކިކުރީ ރައްޔިތުންގެ މަޖިލީހުގެ 56 މެންބަރުންގެ ވޯޓުންނެވެ.
އަންވަރު ދޫކޮށްލަން ގާޒީ ފާއިޒް ނިންމެވި ނަމަވެސް ފުލުހުން ވަނީ ދެވަނަ ފަހަރަށް އޭނާ ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކުރީ ސްރީލަންކާއަށް ފުރައިގެން ގޮސް އެ ގައުމަށް އެތެރެވިޔަނުދީ އަނބުރާ ރާއްޖެ ފޮނުވާލުމުން ކަމަށް ފުލުހުން ބުންޏެވެ.
އަންވަރާއި، އިތުރު ބަޔަކު ހިމެނޭ މައްސަލައިގައި ޑްރަގުތައް އަތުލައިގަތީ މީގެ ހަ އަހަރު ކުރިން، އޮކްޓޫބަރު 7، 2019 ގައި ފުލުހުންނާއި ސިފައިން ގުޅިގެން ކަނޑުމަތީގައި ހިންގި އޮޕަރޭޝަނެއްގަ އެވެ. މި އޮޕަރޭޝަނުގައި އިރާނުގެ ބޯޓު ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެންދިޔައި ހއ. ތުރާކުނު ބޭރުންނެވެ.
އަންވަރު ފިޔަވައި އެންމެންގެ މައްޗަށް އެ މައްސަލައިގައި އުފުލި ދައުވާތައް ޕީޖީން މީގެ ކުރިން ވަނީ އަނބުރާ ގެނެސްފަ އެވެ.
Comment