about 5 hours 0
މިއަދު ބޭއްވި ނޫސްވެރިންގެ. ބައްދަލުވުމުގެ ތެރެއިން އިމާނީ ވާހަކަ ދައްކަނީ.---- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް
about 5 hours 0
ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގެ ފޭވަރިޓަކީ، ރާއްޖެ ކަމަށް ޕާކިސްތާންގެ ކޯޗު، އީރާނުގެ އަލީ އިމާނީ ބުނެފި އެވެ.
ރާއްޖޭން ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި 7-1 އިން ޕާކިސްތާން ބަލިކޮށްފަ އެވެ. އޭގެ ފަހުން، ޕާކިސްތާނުން ވަނީ، 4-2 އިން ބޫޓާން އާއި 5-2 އިން ސްރީ ލަންކާ ބަލިކޮށްފަ އެވެ. އަދި، މިއަދު ކުޅުނު މެޗުން ތިން ގޯލު ފަހަތުން އަރައި، 4-4 އިން ނޭޕާލާ އެއްވަރުކޮށް، ހަތަރު މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު، ޕާކިސްތާނުން މި ވަގުތު އޮތީ ލީގު ތާވަލުގެ އެއް ވަނައިގަ އެވެ.
ދެ ވަނައިގައި މި ވަގުތު އޮތް ރާއްޖޭން މިއަދުގެ ދެ ވަނަ މެޗުގައި އިންޑިއާއާ ބައްދަލުކުރާނެ އެވެ. ރާއްޖެ އަށް މި ވަގުތު އޮތީ ދެ މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ.
ނޭޕާލާ އެއްވަރުވި މެޗަށް ފަހު، ޕާކިސްތާންގެ ކޯޗު އިމާނީ ބުނެފައިވަނީ، މުބާރާތަށް އެ ޓީމުން ތައްޔާރުވީ، ޕާކިސްތާނުގައި ރަނގަޅު ކޭމްޕެއް ކޮށްފައި ނޫން ކަމަށާއި އެކުވެރިކަމުގެ މެޗުތަކެއް ނުކުޅެ ފުރަތަމަ މެޗަށް ޒުވާން ކުޅުންތެރިންތަކެއް ލައިގެން ކުޅެން ޖެހުމުން، ރާއްޖެ ކަހަލަ ތަޖުރިބާކާރު ޓީމަކާ ދެކޮޅަށް އުނދަގޫވި ކަމަށެވެ.
"އަހަރެމެންނަށް އެ މެޗުގައި ފެނުނު ކަންތަައްތަކަށް ބަލާފައި، ދެން މުބާރާތްދާ ގޮތަށް ބަލާފައި ބުނެވިދާނެ، ރާއްޖެ އަކީ މުބާރާތުގެ ފޭވަރިޓުން ކަމަށް، ދެން، އެ މެޗުގައި، ވެސް އަހަރެމެން އަތުން އެބަހުރި، ވަރަށް އަވަހަށް އާދައިގެ ގޯލުތަކެއް ވަދެފައި،" އިރާނުގެ ފުޓްސަލް އާއި ފުޓްބޯޅައިގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ އިމާނީ ބުންޏެވެ.
އޭނާ ބުނީ، ޕާކިސްތާނުން މި ފަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ސިލެކްޝަނެއް ހެދީ އެ ގައުމުގެ ފުޓްސަލްގެ މުސްތަގުބަލަށް ވެސް ބަލާފައި ކަމަށެވެ. އަދި، މި ވަގުތަށް ބަލާއިރު އެ ފެންނަނީ، ޕާކިސްތާންގެ ހުނަރު ހުރި މިންވަރާއި ލެވަލް އަށް ބަލާއިރު، 50 ޕަސެންޓް ކަމަށާއި ކުރިއަށް އޮތްތަނުގައި މެޗުތަކާއި މުބާރާތް ކުޅޭ ވަރަކަށް ކަންކަން ރަނގަޅުކުރެވޭނެ ކަމަށް އޭއެފްސީ ފުޓްސަލް ކޯޗިންގެ ލެވަލް 1، 2، އަދި 3 ފުރިހަމަކޮށްފައިވާ އިމާނީ ވަނީ ބުނެފަ އެވެ.
ތައިލެންޑުގެ ފުޓްބޯޅަ ފެޑެރޭޝަނުން، ސާފްގެ ގައުމުތަކަށް މި މުބާރާތް ހޯސްޓް ކޮށްދޭ ކަމަށްޓަކައި، އެކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށް އިމާނީ ވަނީ ބުނެފަ އެވެ. އަދި، ކޮންމެ މެޗެއްގައި ވެސް ޕާކިސްތާން ކޮޅަށް އާދައިގެ ގޯލުތަކެއް އަވަހަށް ވަދެ، މެޗުުގައި ފަހަތުން އަރަން ޖެހުމަކީ ތަޖުރިބާއާ ގުޅިފައި ހުރި ކަމެއް ކަމަށާއި މެޗުތައް ކުޅޭ ވަރަކަށް އެކަންކަމަށް ހައްލު ގެނެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އިމާނީ ބުނެފައިވެ އެވެ.
ޕާކިސްތާނަށް ދެން އޮތް ދެ މެޗަކީ، 22 ވަނަ ދުވަހު ބަންގްލަދޭޝާ ކުޅޭ މެޗާއި 26 ވަނަ ދުވަހު އިންޑިއާއާ ކުޅޭ މެޗެވެ.
Comment