about 2 hours 0
ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ޒައިދާން.---- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް
about 2 hours 0
ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ކުރިއަށް ހުރި މެޗުތަކުގައި ވެސް ރަނގަޅަށް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް މުބާރާތުގެ ތަށި ރާއްޖެ އަށް ގެންދަން ބޭނުންވާ ކަމަށް ޓީމުގެ ގޯލްކީޕަރު، ޒައިދާން އަހުމަދު (އަސޫ) ބުނެފި އެވެ.
ރާއްޖޭން މުބާރާތުގައި ކުޅުނު ފުރަތަަމަ މެޗުގައި 7-1 އިން ޕާކިސްތާން ބަލިކުރިއިރު، ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން 6-1 އިން މޮޅުވި އެވެ. ފުރަތަމަ ދެ މެޗަށް ފަހު، ރާއްޖެ އަށް ތިން ދުވަހުގެ ބްރޭކެއް ލިބުނެވެ. އެއް ދުވަސް އަރާމުކުރުމަށް ފަހު، އެންމެ ފަހުން ދެ ދުވަހު، ޕްރެކްޓިސްކޮށް ރާއްޖޭން ވަނީ، މިއަދު، މުބާާރާތުގެ ތިން ވަނަ މެޗުގައި އިންޑިއާއާ ކުޅެން ތައްޔާރުވެފަ އެވެ.
"މެޗަކަށް ވުރެން މެޗެއް ޓީމުގެ ކިކް މި ދަނީ ވަރަށް ރަނގަޅަށް މި ދަނީ، އެންމެން އެކައްޗެއް މި އިންނަނީ ހަަމަ، ކޮންމެ މެޗެއް ވެސް މި ދަނީ އެ މެޗެއް ނަގަން ވެގެން ހަމަ، އެއް ޓާގެޓެއް މި އިންނަނީ ހުރިހާ ކުޅުންތެރިންގެ ވެސް. މުބާރާތުގެ ތަށި ރާއްޖެ އަށް ގެންދަން،" ފުރަތަމަ މެޗުގައި ޕާކިސްތާން ކޮޅަށް ލަނޑު ޖެހި ކީޕަރު، ޒައިދާން، "އަދަދު ސްޕޯޓްސް" އަށް ބުންޏެވެ.
ސާފްގެ ފިރިހެން ޑިވިޝަނުގެ ތާވަލަށް ބަލާއިރު، ރާއްޖެ ދެ މެޗުން މޮޅުވެ، ހަ ޕޮއިންޓާ އެކު އެއް ވަަނައިގައި އޮތީ ދެ ވަނައިގައި އޮތް ޕާކިސްތާނާ އެއްވަރަށް ހަ ޕޮއިންޓް ހޯދައިގެންނެވެ. ޕާކިސްތާނުން ތިން މެޗު ކުޅުނުއިރު، ރާއްޖޭން ކުޅުނީ ދެ މެޗެވެ. ތިން ވަނައިގައި އޮތް ނޭޕާލާއި ހަތަރެއްގައި އޮތް ބަންގްލަދޭޝް އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ނޭޕާލުން ކުޅުނީ ދެ މެޗެވެ. އެކަމަކު، ބަންގްލަދޭޝުން ތިން މެޗު ކުޅެފައިވެ އެވެ. އިންޑިއާ ފަސް ވަނައިގައި އޮތީ ކުޅުނު ދެ މެޗުން އެއްވަރުވެ، ދެ ޕޮއިންޓާ އެކު އެެވެ. ހަ ވަނައިގައި އޮތް ބޫޓާނާއި އެންމެ ފުލުގައި އޮތް ލަންކާ އަށް ތިން މެޗުން ވަނީ ޕޮއިންޓެއް ލިބިފަ އެވެ.
ގައުމީ ކޯޗު އުޒްބެކިސްތާންގެ ފާރޫކް ޒަކީރޯވް އަންނަނީ ފުރަތަމަ މެޗުތަކުން ރާއްޖޭން މޮޅުވި ކަމުގައި ވިޔަސް، ފޯކަސް ގެއްލުވައިނުލައި ކުރަމުން އައި ރަނގަޅު މަސައްކަތް އިތުރަށް ފުރިހަމަ ކުރުމަށް ކުޅުންތެރިންނަށް ބުނެދިނުމެވެ. ޒައިދާން ވެސް ވަނީ އެކަަން ފާހަގަކޮށްފަ އެވެ.
"ހެޑް ކޯޗު ދޭ އެންމެ ބޮޑު ނަސޭހަތަކީ ވެސް އެއީ ކަންނޭނގެ، ފޯކަސް ގެއްލުވާ ނުލާށޭ ޓީމު ކުޅުންތެރިން، ކޯޗު އެ ބުނާ ގޮތެއް ހަދަން އަސްލު، އެއީ މުހިންމު ކަމަކަށް އިނީ،" ޒައިދާން ބުންޏެވެ.
ގައުމީ ފުޓްސަލް ޓީމުން ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޕްރެކްޓިސް ފަށައި، މަހަކަށް ވުރެން ގިނަ ދުވަސް އެކުގައި ތަމްރީންތައް ރަނގަޅަށް ހެދުމުގެ ތަފާތު މުބާރާތުގެ ފުރަތަމަ ދެ މެޗުގައި ފެނުނެވެ. ހާއްސަ ގޮތެއްގައި، މުބާރާތަށް އައުމުގެ ކުރިން، ޗައިނާގައި ކުރިއަށްދިޔަ 10 ދުވަހުގެ ޓްރެއިނިން ކޭމްޕުގެ ހެޔޮ ފައިދާ ޓީމަށް ކުރާ ކަމަށް ހުރިހާ ކުޅުންތެރިން ވެސް އަންނަނީ ބުނަމުންނެވެ.
"މާލޭގެ ޕްރެކްޓިސްތަކާ އެކީގައި، އަސްލު ޗައިނާގެ ޓްރެއިނިން ކޭމްޕްގެ، އޭގެ އިފެކްޓް ކަންނޭނގެ އަސްލު ބޮޑަށް މި ކުރަނީ މީގަ. ދެން، އަސްލު ޓީމު ކިކްކޮށް މި އޮތީ، އޭތި މި ފެންނަނީ. ޗައިނާގައި، ދެން، ކޯޗު އެ ބުނާ އެތި ހަަދަން އެންމެން އެ ކުރާ މަސައްކަތް އަސްލު،" ޒައިދާން ބުންޏެވެ.
ރާއްޖެ އާއި އިންޑިއާ ކުޅޭ މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން 15:00 ގަ އެވެ.
Comment