about 1 hour 0
ސާއިފް ޝިޔާދު
about 1 hour 0
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސޮއިކުރެއްވި އެކްސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާނުކޮށްދީ ހިފެހެއްޓުމުން ސިވިލް ކޯޓަށް ޔާމީން ހުށަހެޅުއްވި މައްސަލަ ނުބެލޭނެ ކަމަށް ބުނެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
އެ މައްސަލަ ބަލަމުން އައި ހައި ކޯޓުގެ ބެންޗަށް ބަދަލުތަކެއް ވަނީ އަައިސްފަ އެވެ. އިސް ފަނޑިޔާރެއްގެ ގޮތުގައި ފަނޑިޔާރު އަބްދުالله ޖަމީލު ހުންނެވިއިރު ދެން ތިއްބެވީ ފަނޑިޔާރު ދީބާނާޒް ފަހުމީ އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ.
ޔާމީންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންފައިވަނީ އެ ފައިސާ ބޭންކުން ހިފަހައްޓާފައިވަނީ އެސްކްރޯ އެއްބަސްވުމާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި އޭގެ ސަބަބުން ލިބުނު ގެއްލުމަށް އަދުލުވެރި ބަދަލެއްގެ ގޮތުގައި އެ ފައިސާއާއެކު، އެ ފައިސާ އިންވެސްޓްމަންޓް އެކައުންޓުގައި ބެހެއްޓިނަމަ ޔާމީނަށް ލިބިވަޑައިގަންނަވާނެ ކަމަށް އަންދާޒާ ކުރެވޭ އަދަދުގެ ފައިސާ ދިނުމަށް އެންގުމަށެވެ.
ބީއެމްއެލުން ސިވިލް ކޯޓަށް ހުށަހެޅި އިއުތިރާޒަކީ، އެ ބޭންކަކީ އެ މައްސަލައިގެ ބައިވެރިއެއް ނޫން ކަމަށް ބުނެ ހުށަހެޅި އިއުތިރާޒެކެވެ. ތަހުގީގުގެ ބޭނުމަށް އޭސީސީން އެދިގެން އެ ފައިސާ ޖަމާކޮށްފައިވަނީ އެ ކޮމިޝަނުގެ ނަމުގައި ހުޅުވާފައިވާ ބީއެމްއެލް ކަރަންޓު އެކައުންޓަކަށް ކަން ބޭންކުން ފާހަގަކުރި އެވެ. އެހެންވެ އެ ދައުވާ ރައްދު ވާން ޖެހޭނީ ހަމައެކަނި އޭސީސީއަށް ކަމަށް ބޭންކުން ވަކާލާތުކޮށްފައިވެ އެވެ.
ނަމަވެސް ސިވިލް ކޯޓުން ނިންމީ ބީއެމްއެލްގެ އިއުތިރާޒު ބަލައިނުގަތުމަށެވެ. އަދި ސިވިލް ކޯޓަށް އެ ބޭންކު ވެސް ހިމެނޭ ގޮތަށް އެ މައްސަލަ ބެލުމުގެ އިހުތިސޯސް ލިބިފައިވާ ކަމަށެވެ. އެ ގޮތަށް ސިވިލް ކޯޓުން ނިންމީ ފެބްރުއަރީ 20، 2024، ގަ އެވެ.
އެއާއެކު ބީއެމްއެލްއިން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުގައި ނިމިފައި މިވަނީ އިސްތިއުނާފު ކުރިތާ ގާތްގަނޑަކަށް ދެ އަހަރުވާން ކައިރިވެފައި ވަނިކޮށެވެ.
"އިތުރު ކަމެއް ސާފުކުރަން ނެތިއްޔާ ދެން މި މައްސަލާގައި އަޅުގަނޑުމެން އަޑުއެހުމެއް ބާއްވާނީ މައްސަލަ ނިންމުމަށްޓަކައި،" ބެންޗުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި ފަނޑިޔާރު ޖަމީލް ވިދާޅުވި އެވެ.
މައްސަލައިގެ ނިޔާކަނޑައެޅުމަށް ބާއްވާ އަޑުއެހުން އޮންނަ ތާރީހެއް ފަނޑިޔާރު އިއުލާނެއް ނުކުރައްވަ އެވެ.
Comment