Advertisement

އީ-ވޯޓިން ކުރިން ވެސް ބޭނުންކުރި، އެކަމަށް ޕާޓީގެ ދުސްތޫރު ތަންދޭ: އަދާލަތު

އަދާލަތުން ކުރިން ބޭއްވި ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ: މި ފަހަރު އެ ޕާޓީގެ ރައީސް ކަމަށް އިމްރާން ވާދަނުކުރައްވާ -- ފޮޓޯ: އަދާލަތު


އީ-ވޯޓިން ކުރިން ވެސް ބޭނުންކުރި، އެކަމަށް ޕާޓީގެ ދުސްތޫރު ތަންދޭ: އަދާލަތު

އަދާލަތު ޕާޓީގެ ހަތަރު ވަނަ ދައުރުގެ ޕާޓީގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބުގައި އީ-ވޯޓިން ބޭނުންކުރަން ޕާޓީގެ ދުސްތޫރު ތަންދޭ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އަދާލަތު ޕާޓީން ބުނީ މި މަހު 31، ވާ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބު މި ފަހަރުގެ ބާއްވަނީ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ އިލެކްޓްރޯނިކް ވޯޓިން ހިދުމަތް ކަމަށްވާ "ފަހި ވޯޓު" މެދުވެރިކޮށް ކަމަށެވެ.

ފަހި ވޯޓަކީ ރާއްޖޭގެ އެކި މިނިވަން މުއައްސަސާތަކާއި ޖުޑިޝަރީ އާއި ޕަބްލިކް ކުންފުނިތަކުގެ އިތުބާރު ލިބިފައިވާ އަދި ރަސްމީކޮށް ބަލައިގަނެވޭ ޒަމާނީ ނިޒާމެއް ކަމަށް އަދާލަތުން ފާހަގަކުރި އެވެ.

އެ ޕާޓީން ބުނީ ފަހި ވޯޓަކީ މިނިވަން ތިންވަނަ ފަރާތެއް ކަމުން، އެ ނިޒާމަށް ޕާޓީގެ ވަކި ގުނަވަނަކަށް ބާރު ފޯރުވޭނެ ކަމަށް ކުރާ ތުހުމަތުގައި ހަގީގަތެއް ނެތް ކަމަށެވެ.

މީގެއިތުރުން އިންތިހާބާ ބެހޭގޮތުން، ދޮގު މައުލޫމާތު ނުފެތުރުމަށާއި ޕާޓީގެ އަގު ވެއްޓޭ ގޮތަށް އަދި އިންތިހާބާ މެދު ޝައްކު އުފެދޭ ގޮތަށް މަސައްކަތް ނުކުރަން އަދާލަތުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިންތިހާބުގައި އީ-ވޯޓިން ބޭނުންކުރާތީ އެކަމާ ގުޅިގެން އެ ޕާޓީގެ އިތުރުން އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހެޅުއްވީ ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވާ އިކްރާމް އަބްދުއްސައްތާރެވެ.

އިންތިހާބުގައި އިކްރާމް އަބްދުއްސައްތާރުގެ އިތުރުން ދެން ވާދަކުރައްވަނީ އަދާލަތު ޕާޓީގެ ނައިބުރައީސް ޝައިހް މުހައްމަދު ޝިފާން އެވެ.

މިވަގުތު އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވީ މިދިޔަ އެމްޑީޕީ ވެރިކަމުގައި ހޯމް މިނިސްޓަރަކަށް ހުންނެވި އިމްރާން އަބްދުالله އެވެ. އަދާލަތަކީ އެ ސަރުކާރުގެ ކޯލިޝަން ޕާޓްނަރެކެވެ.

އަދާލަތު ޕާޓީގެ ރައީސްކަމުގެ މަގާމު ދެ ދައުރު ފުރުއްވި ޝައިހް އިމްރާން އަބްދުﷲ އެ މަގާމަށް ވާދައެއް ނުކުރައްވަ އެވެ. އަދާލަތު ޕާޓީގެ ހިންގާ ގަވާއިދު ބުނާގޮތުން ވިދިވިދިގެން ދެ ދައުރު ރައީސްގެ މަގާމަށް ކުރިމައްޗެއް ނުލެވެ އެވެ.