ވިހަ ދުމުން ތަޣައްޔަރުވެފައިވާ ވައިގެ ތެރެއަށް ނޭވާލުމަކީ، ފިރިހެނުންނަށް ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ނުރައްކާ އިތުރުވާ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. ވައި ނުސާފުކުރާ ވިހަ މާއްދާތަކުގެ ތެރެއިން ވެސް އެންމެ ނުރައްކާތެރި އެއްޗެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ކާރުތަކާއި އެއްގަމު އުޅަނދުތަކުން ބޭރުވާ ދުމުގައި އެކުލެވޭ ނައިޓްރޭޓް ކިޔާ މާއްދާއެވެ.
އިނގިރޭސި ވިލާތުގެ ޑެއިލީ މެއިލް ނޫހުގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ވިހަ ދުމުގެ ސަބަބުން ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ނުރައްކާ އެންމެ ބޮޑީ އާބަން (އާބާދީ ގިނަ އަދި އިމާރާތްތަކާއި އެއްގަމު އުޅަނދުތަކާއި ސިނާއީ މަސައްކަތްތައް ގިނަ) ސަރަހައްދުތަކުގައި ދިރިއުޅޭ ފިރިހެނުންނަށެވެ. އޭގެ އިތުރުން ރޭލު މަގުތަކާއި ހައިވޭތަކާއި ގިނައިން އެއްގަމު އުޅަނދު ދުއްވާ ބޮޑެތި މަގުތަކުގެ ކައިރީގައި ދިރިއުޅޭ ފިރިހެނުންނަށް ވެސް މި ނުރައްކާ އެހާމެ ބޮޑެވެ.
ދިރާސާތައް ދައްކާ ގޮތުން، ޕްރޮސްޓޭޓް ކެންސަރު ޖެހިގެން އިނގިރޭސި ވިލާތުން އެކަނި ވެސް އަހަރަކު 12000 ފިރިހެނުން މަރުވެއެވެ. އެހެންކަމުން، މި އައު ދިރާސީ ހޯދުމުގެ ނަތީޖާއަށް ބަލާއިރު، މީހުން ދިރިއުޅޭ ސަރަހައްދުތަކުގެ ޖައްވު ނުސާފުވާ މައްސަލަ ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް، ސައެންސްވެރިންނާއި ސިއްހީ މާހިރުން ވަނީ ގޮވާލައިފައެވެ.
މި ދިރާސާ ހަދާފައިވަނީ އިނގިރޭސި ވިލާތުގެ ގާތްގަނޑަކަށް 220000 ފިރިހެނުންގެ ސިއްހީ ރެކޯޑްތަކުން ފެންނަންހުރި މައުލޫމާތުތައް ތަހުލީލުކޮށްގެންނެވެ. މި ދިރާސާއިން އެނގުނު ގޮތުގައި ފިރިހެނުންނަށް ޕްރޮސްޓޭޓް ކެންސަރު ޖެހޭ ނިސްބަތަށް ބަލާއިރު، ވައި ސާފު ސަރަހައްދުތަކުގައި ދިރިއުޅޭ ފިރިހެނުންނަށް ވުރެ، ވައި ނުސާފު ސަރަހައްދުތަކުގައި ދިރިއުޅޭ ފިރިހެނުންނަށް ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ނުރައްކާ 6.9 އިންސައްތަ އިތުރެވެ. އަދި އެ ބަޔަކު ދިރިއުޅޭ ސަރަހައްދެއްގައި ވައި ނުސާފުވެފައިވާ ނިސްބަތަކުން، އެ ސަރަހައްދެއްގެ ފިރިހެނުންނަށް ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ނުރައްކާ ބޮޑުވާ ކަމަށް ވެސް މި ދިރާސާއިން ދެއްކިއެވެ.
މި ކަމުގައި އެންމެ ނުރައްކާތެރި ދައުރެއް އަދާކުރާ މާއްދާއަކީ ކާރުތަކުގެ ދުމުގައި އެކުލެވޭ ނައިޓްރޭޓް އެވެ. ނައިޓްރޭޓްގައި ހިމެނޭ ނައިޓްރޯޖަން، ނޭވާލާ ނިޒާމުގެ ތެރެއިން ހަށިގަނޑަށް އެތެރެވެ، އެމީހެއްގެ ލޭގެ ތެރެއަށް ފޭދިގެން ދިޔުމުން ކެންސަރު ސެލް އުފެދި ބޮޑުވުމަށް އިތުރު އެހީއަކަށްވެއެވެ. އިނގިރޭސި ވިލާތުގައި ހެދި މި ދިރާސާގެ އަމާޒަކީ ވައި ނުސާފުވުމާއި ޕްރޮސްޓޭޓް ކެންސަރު ޖެހުމާ ދެމެދުގައިވާ ގުޅުން ދެނެގަތުމެވެ.
މީގެ ކުރިން ހަދާފައިވާ ދިރާސާތަކުގައި މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ވައިގެ ތެރޭގައި ހިމެނޭ، ޕީއެމް2.5 (PM2.5) ކިޔާ ގެދަބުޅީގެ އެތިކޮޅުތަކުން އިންސާނުންގެ ސިއްހަތަށް ލިބޭ ގެއްލުންތައް ދެނެގަތުމަށެވެ. ޕީއެމް2.5 ކިޔަނީ ވައިގެ ތެރޭގައި އެކުލެވޭ ކުނޑީގެ ތެރެއިން 2.5 މައިކްރޯމީޓަރު ނުވަތަ އެއަށް ވުރެ ކުދި އެތިކޮޅުތަކަށެވެ. މިއީ އިންސާނުންގެ ބޮލުގެ އިސްތަށްޓަށް ވުރެ ހިމަ، އަދި ނޭވާލާ ނިޒާމުގެ ތެރެއިން ފަސޭހަކަމާއެކު ފުއްޕާގެ ތެރެއަށް އެތެރެވާ އެތިކޮޅުތަކެކެވެ.
އާންމު ގޮތެއްގައި މި ބާވަތުގެ ގެދަބުޅި ވައިގެ ތެރެއަށް ބޭރުވަނީ ކާރުތަކުގެ ދުންހޮޅިތަކުންނާއި ސިނާއީ ކާރުހާނާތަކާއި ދަނޑުވެރިކަމުގައި ބޭނުންކުރާ މެޝިންތަކާއި ގޭބިސީތަކުގައި ތެޔޮ އެންދުމުންނެވެ.
Comment