Advertisement

އުސޫލު ބަދަލު ކުރުމުން ކާބޯތަކެތި ކްލިއާނުކުރެވި 21 ރިސޯޓެއްގެ އޮޕަރޭޝަނަށް ދަތިތަކެއް ދިމާވެއްޖެ

ރާއްޖެއަށް ގެނައި މުދާތަކެއް ޕިކަޕަކަށް ބަރުކުރަނީ: 21 ރިސޯޓަކުން ރާއްޖެއަށް އެތެރެކުރި ޕޯލްޓްރީ ބާވަތްތައް ކްލިއާ ނުކުރެވި އޮޕަރޭޝަނަށް ވަނީ ބުރޫ އަރާފައި -- ފޮޓޯ: އަދަދު ފައިލް


އުސޫލު ބަދަލު ކުރުމުން ކާބޯތަކެތި ކްލިއާނުކުރެވި 21 ރިސޯޓެއްގެ އޮޕަރޭޝަނަށް ދަތިތަކެއް ދިމާވެއްޖެ

ދިވެހިރާއްޖެއަށް އެތެރެކުރާ ބައެއް ކާބޯތަކެއްޗަށް ހުށަހަޅުމުންދާ ހެލްތު ސެޓްފިކެޓްގެ މިންގަނޑަށް ގެނައި ބަދަލެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ދުރާލައި ރިސޯޓުތަކަށް އަންގާފައިނުވާތީ، ގާތްގަނޑަކަށް 21 ރިސޯޓެއްގެ އޮޕަރޭޝަންތަކަށް ބުރޫއަރައިފި އެވެ.

ރިސޯޓެއްގެ އިސް މުވައްޒަފަކު އަދަދު އަށް ބުނީ ރާއްޖެއަށް އެތެރެކުރާ ބައެއް ކާބޯތަކެއްޗަށް ހުށަހަޅާ ހެލްތު ސެޓްފިކެޓުގެ މިންގަނޑަށް ގެނައި ބަދަލު ދުރާލައި އަންގާފައިނުވާތީ 21 ރިސޯޓަކުން ރާއްޖެއަށް އެތެރެކުރި ޕޯލްޓްރީ ބާވަތްތައް ކްލިއާ ނުކުރެވި އޮޕަރޭޝަނަށް ބުރޫ އަރާފައިވާ ކަމަށެވެ.

އޭނާ ބުނީ މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީއާ ވާހަކަ ދެއްކުމުން ގެނައި ބަދަލު ގެޒެޓްކޮށްފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ. އެކަމަކު، އިންޑަސްޓްރީގައި މަސައްކަތް ކުރާ އެއްވެސް ކުންފުންޏަކާ ސަރުކާރުން ވާހަކަ ނުދައްކާ ކަމަށް އޭނާ ބުންޏެވެ.

"އިންނާނީ މިކަން ގެޒެޓްކޮށްފައޭ ބުނީ. ނުއެއް އަންގާ. އެއްވެސް ސަޕްލަޔަރަކަށް ވެސް ނާންގާ. ކޮންމެ ހަފްތާއަކު ގެންނާނީ މުދާ. އެކި ރިސޯޓުތަކުން އެކި ގޮތްގޮތަށް ގެންނާނީ. އަހަރުމެން ގެންނަނީ ހަފްތާއަކުން، ހަފްތާއަކުން. ގެންނައިރު ހޯމަ ދުވަހަށް ލިބެން ޖެހޭނެ މުދާ،" އެ މުވައްޒަފު ބުންޏެވެ.

"ކުނި ނުކުރަންވެގެން، ކޯސްޓް ކުޑަކުރަންވެގެން އެ ދުވަހަށް އިންނާނީ މުޅި އޮޕަރޭޝަން ވެސް ބިނާވެފައި. އެހެންވީމަ އެއް ދުވަސް މިއޮށް ލަސްވީ. އެއް ދުވަސް ލަސްވީމަވެސް ބޮޑު އުނދަގުލަކަށް މި ދިމާވީ."

ރާއްޖެއަށް އެތެރެކުރާ ބައެއް ކާބޯތަކެއްޗަށް ހުށަހަޅަމުންދާ ހެލްތު ސެޓްފިކެޓްގައި ހިމަނަންޖެހޭ މައުލޫމާތު ކޮޑެކްސް އެލިމެންޓޭރިއަސް މިންގަނޑަށް މި މަހުގެ 15، ގެ ނިޔަލަށް ގެނައުމަށް އެމްއެފްޑީއޭއިން އަންގައި ގެޒެޓްކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 20، ގަ އެވެ.

ރާއްޖެއަށް ގިނަ ރިސޯޓުތަކުން ޕޯލްޓްރީ ބާވަތްތައް އެތެރެކުރަނީ ޖަރުމަނުގެ އެއާސީފުޑްސް މެދުވެރިކޮށެވެ. މިގޮތުން ކްލިއާ ނުކުރެވިގެން ތާށިވީވެސް އެ ކުންފުނި މެދުވެރިކޮށް ވައިގެ މަގުން ގެނައި މުދަލެވެ.

މިއާއެކު ރިސޯޓުތަކުގެ ކަންބޮޑުވުންތަކާ ގުޅިގެން އެމްއެފްޑީއޭއިން އެ މިންގަނޑަށް ސެޓްފިކެޓްތައް ފައްތަން ދިން މުއްދަތު މާޗު 31، ގެ ނިޔަލަށް މިއަދު ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން ރިސޯޓުތަކުން މިހާރު މުދާތައް ކްލިއާކޮށް ބައެއް މުދާތައް ސީޕްލޭންގައި ގެންދެވޭތޯ ދަނީ މަސައްކަތްކުރަމުންނެވެ.

ކޮޑެކްސް އެލިމެންޓޭރިއަސް މިންގަނޑަށް ފައްތަން އެ އުފެއްދުމެއްގެ ތަފްސީލާއި އެ އުފެއްދުމެއް އުފައްދާ ގައުމާއި ޕްރޮޑަކްޝަން، ޕްރޮސެސިން އަދި ހޭންޑްލިން ޕްރޮސީޖާ އަދި އުފެއްދުމަކީ އަސްލު އުފެއްދުމެއްކަން ބަޔާންކޮށްދޭ އެކި ކަންކަން ފުރިހަމަކުރަން ޖެހެ އެވެ.

އެ މިންގަނޑަށް ފައްތަންޖެހޭ ކާބޯތަކެތީގެ ތެރޭގައި މަހުގެ އެކި އުފެއްދުންތައް ހިމެނެ އެވެ.