Advertisement

ޖަލީލުގެ ޖަގަހަ ހުޅުވުމުގެ ޖަލްސާއަށް ވެސް ސަރުކާރު ކުންފުނިތަކުން މީހުން ގެންދިޔަ

ޖަލީލުގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާއަށް ހާޒިރުވި މީހުން -- ފޮޓޯ: އިބްރާހިމް ޝާފިއު އަހުމަދު / އަދަދު


ޖަލީލުގެ ޖަގަހަ ހުޅުވުމުގެ ޖަލްސާއަށް ވެސް ސަރުކާރު ކުންފުނިތަކުން މީހުން ގެންދިޔަ

އަންނަ އޭޕްރިލް 4، ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ އަލީ ޖަލީލުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާއަށް ވެސް ސަރުކާރު ކުންފުނިތަކުން މީހުން ގެންދިޔަކަން އެނގިއްޖެ އެވެ.

ސަރުކާރު ކުންފުންޏެއްގެ އިސް އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް އަދަދު އާ ވާހަކަދައްކަމުން ބުނީ މޫސާ އަލީ ޖަލީލުގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާއަށް އެ ކުންފުނީގެ މުވައްޒަފުންނަށް ވެސް އަންގައިގެން ގެންދިޔަ ކަމަށެވެ.

"މިކޮޅުން ވެސް ގެންދިޔަ ރޭގެ ޖަލްސާއަށް މީހުން، މިހާރު ޕާޓީގެ ހުރިހާ ޖަލްސާތަކަކަށް މީހުން ގެންދަން އަންގާފައި އޮންނަނީ" އޭނާ ބުންޏެވެ.

އޭނާގެ އިތުރުން އެޗްޑީސީގައި މަސައްކަތް ކުރާ މުވައްޒަަފަކު ވެސް ބުނީ ރޭ އޮތް ޖަލްސާއަށް ދާން އެ ކުންފުނީގެ އިސް ބައެއް އޮފިޝަލުން މުވައްޒަފުންނަށް އެންގި ކަމަށެވެ.

ހެންވޭރުކޮޅުގައި ރޭ ބޭއްވި ޕީއެންސީގެ ޖަލްސާއަށް ހާޒިރުވީ ނިސްބަތުން މަދު ބައެެެކެވެ. ރޭގެ ޖަލްސާގައި މާލޭގެ ހުރިހާ ދާއިރާއަކަށް ޕީއެންސީ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނާއި އެ މީހުންގެ ކެމްޕޭން ޓީމުތަކުން ބައިވެރިވި އެވެ.

ރޭ އޮތް ޖަލްސާގައި ވާހަކަދައްކަވަމުން ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް ވެސް އަރުވާފައިވާ މޫސާ އަލީ ޖަލީލު ވިދާޅުވީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ޝަރަފަކީ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރުމުގެ ފުރުސަތު ލިބުން ކަމަށެވެ.

އަދި، އޭނާ މޭޔަރުކަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ މޭޔަރުކަން ނަމޫނާއަކަށް ބަލައިގެން ކަމަށެވެ.

"މިރޭ މާތްالله ގެ ހަޒުރަތުން ވާގި އެދިހުރެ، މާލެ ސިޓީގެ މޭޔަރަކަށް އިންތިހާބުވުމުގެ ދަތުރު މި ފަށަނީ މި ސިޓީގެ ރައްޔިތުން އެންމެ ލޯބިވާ އިހުތިރާމު ބަލައިގެން ހުލްގުހެޔޮ ހީވާގި މޭޔަރަކު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފިޔަވަޅުފުޅު މަތިން، އެ މަނިކުފާނު ހިންގެވި މަގު ހިޔާރުކޮށް އެ މަނިކުފާނުގެ ހިންމަތާއި ހިތްވަރު ނަމޫނާއަކަށް އަދި އިން ފާހަގައަކަށް ބަލައިގެން،" މޫސާ އަލީ ޖަލީލު ވިދާޅުވި އެވެ.

ޕީއެންސީގެ ޓިކެޓުގައި މާލޭގެ އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުން ވެސް ރޭގެ ޖަލްސާގައި ކުރު ވާހަކަކޮޅެއް ދެއްކި އެވެ.

ރޭގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވީ ނައިބުރައީސް، ހުސެއިން މުހައްމަދު ލަތީފް އެވެ.